ދިވެހިރާއްޖޭގެ ތާރީޚު

މާލެއިން ބުރުސާއިން އިސްތަންބޫލަށް - 26

އަބްދުﷲ ފާރޫގް ހަސަން

(16 ޑިސެމްބަރާއި ގުޅޭ)

އަޅުގަނޑުމެން ބުރުސާއިން އިސްތަންބޫލަށް ދާންފުރީ ސައުވީސްވަނަ ދުވަހުގެ ހަވީރުއެވެ. ހޮޓަލަށްގޮސް ހަމަޖެހިލެވުނީ ރޭގަނޑު އަށެއްޖަހާ އެހައިކަށްހައި އިރުއެވެ.

ބައިޒެންޓެއިން އެމްޕަޔަރާއި އިސްތަންބޫލު

އިސްތަންބޫލު (ޤުސްޠަންޠީނިއްޔާ) އަކީ އެދައުލަތެއްގެ ވެރިރަށްކަމުގައި ހިމެނޭ ބައިޒެންޓެއިން އެމްޕަޔަރަކީ ޙަޤީޤަތުގައި މުސްކުޅި ރޯމަން އެމްޕަޔަރުގެ އިރުމަތީބައެވެ. އެދައުލަތުގެ އެއްނަމަކީ ޔޫނާނީ ދައުލަތެވެ. ގްރީކު ދައުލަތްވެސްމެއެވެ. ގާތްގަނޑަކަށް އެއްހާސް އަހަރުގެ ދިގުމުއްދަތަކަށް އެދައުލަތް ދެމިއޮތެވެ. ޖޯގްރަފީގޮތުން އިސްތަންބޫލު އޮންނަ ތަނުގެ މުހިންމުކަމުގެ ސަބަބުން އެރަސްކަމަށްވަނީ ވަރަށް ވަރުގަދަ ކަނޑުގެ ބާރެއްގެ ޙައިސިއްޔަތުވެސް ލިބިފައެވެ. ޢީސަވީ ސަނަތުން (މީލާދީ ތާރީޚުން) އަށްވަނަ ސައްތައިގައި އެބައިމީހުންގެ ކަނޑުގެ އަރުމާދަކީ އިރުމަތީގައިއޮތް އެންމެވަރުގަދަ ކަނޑުގެ އަރުމާދެވެ. ނަމަވެސް އޭގެފަހުގެ އަހަރުތަކުގައި މުސްލިމުންގެ ކަނޑުގެ ބާރުން ވަނީ ބައިޒެންޓެއިން ދައުލަތުގެ ކަނޑުގެ އަރުމާދުގެ ބާރު ކަނޑުވައިލައިފައެވެ. މުޅި އެޓްލާންޓިކު ކަނޑުގެ މައްޗަށް ރަސްކަންކުރާން ފަށައިފައެވެ. ބައިޒެންޓެއިން ރަސްކަމުގެ ރަންޒަމާނުގައި އެދައުލަތުގެ ސަރަޙައްދަކީ ދިގުމިނާއި ފުޅާމިނުގައިވެސް އެތަކެއްހާސް މޭލުހުރި ސަރަޙައްދެކެވެ. ޖަރުމަން މުސަންނިފެއް ކަމުގައިވާ ސްޓެފަން ސުވޭގު/ޒުވޭގު (Stefan Zweig) ލިޔުއްވައިފައިވެއެވެ.

"ބައިޒެންޓެއިން ރަސްކަމަކީ ރޯމަނުންގެ އިރުމަތީ ރަސްކަމެވެ. އެއްދުވަސްވަރެއްގައި އެރަސްކަމަކީ އީރާނުން ފެށިގެން މެދުތެރޭ ޔޫރަޕުގެ ފަރުބަދަތަކުގެ ސިލްސިލާއެއްކަމުގައިވާ އެލްޕްސްއާ ހަމަޔަށް ފެތުރިފައިއޮތް ރަސްކަމެކެވެ. އަނެއްފަރާތުން އޭޝިޔާގެ މެދުތެރޭގެ ސަހަރާތަކަކީވެސް އެރަސްކަމުގެ ބައެކެވެ. އެދުވަސްވަރު އެރަސްކަމުގެ ސަރަޙައްދު ކަޑައްތުކުރުމަކީ އެތައް މަސްދުވަހެއް ބޭނުންވާ ކަމެކެވެ.

އިސްތަންބޫލު ނުވަތަ ޤުސްޠަންޠީނިއްޔާ އާބާދުކުރެއްވީ ކޮންސްޓަންޓައިން ދަ ގްރޭޓް (ޤުސްޠަންޠީން އަޢުޒަމް) އެވެ. އޭނާ އެރަށް އާބާދުކުރެއްވީ ބޮސްފަރަސްގެ އައްސޭރީގައި ވީރާނާވެފައިއޮތް އަވަށެއްގެ ތަރާގަނޑު ސާފުކުރެއްވުމަށްފަހު އެތާނގައެވެ. އެތަނަކީ ދިފާޢީގޮތުން ވަރަށް މުހިންމު ތަނެކެވެ. އެހެންކަމުން ޝަހެންޝާހު ޤުސްޠަންޠީން އެރަށަކީ އޭނާގެ ރަސްކަމުގެ އިރުމަތީބައިގެ ވެރިރަށްކަމުގައި ހަމަޖެއްސެވިއެވެ. އެރަށުގެ އެންމެ ޤަދީމީ ނަމަކީ Byzantion އެވެ. އެރަށުގެ އެހެނިހެން ނަންތައްވެސް ހުރެއެވެ. "އަލްބަލަދު" (ޚާއްޞަ ޝަހަރު) އާއި އިސްކަމްބޫލީ އަކީވެސް އެރަށުގެ ދެނަމެކެވެ. އިހުގެ ޢީސާއީން އެރަށަށް "އިސްތިމްބޫލީ" އެވެ ކިޔައިއުޅުނު ދުވަސްވަރު ތުރުކިޔޭއިން ކިޔައިއުޅުނީ "ސިތާމްބޫލު" އެވެ. سـلطـــان محمّـــد الــفــاتــــح އެރަށް ފަތަޙަކުރެއްވުމަށްފަހު އެރަށުގެ ނަމަކީ އިސްލާމްބޫލް ކަމުގައި ހަމަޖެއްސެވިއެވެ. އެނަން މާބޮޑަށް ޢާންމުނުވި ކަމުގައިވިޔަސް ސޯޅަވަނަ ސައްތައިގައިވެސް "އިސްލާމްބޫލު" (އިސްލާމްއާބާދު) ވަނީ ބޭނުންކޮށްފައެވެ. سلطـــان أحمـدثــالــث އާއި سلطـــان ســلـيــم ثــالــث އާ ދެމެދުގެ ރަސްރަސްކަލުން ޖެއްސެވި ފައިސާގައި ބިންވަޅު ނަންގަވައިފައި ހުންނަނީ އިސްލާމްބޫލެވެ. ޤުސްޠަންޠީނިއްޔާގެ ނަމަކީ އިސްތަންބޫލު ކަމުގައި ރަސްމީގޮތުން ހަމަޖެހުނީ 1930 ގައެވެ. مـصـطـفــــى كمــال އިސްލާމީ ޚިލާފަތު އުވައިލައްވައި ތުރުކިޔޭގެ ޖުމްހޫރިއްޔާ ޤާއިމުކުރެއްވުމަށްފަހުގައެވެ.

އިސްތަންބޫލުގެ ތަޢާރުފުގައި ނަންހުރި މުއައްރިޚަކު ލިޔުއްވައިފައިވާ ބަޔާނެއް ތިރީގައި ނަކަލުކޮށްލަމެވެ. ތަންކޮޅެއް ދިގުކަމުގައިވިޔަސް ޝައުޤުވެރިވެވަޑައިގަންނަވާނެކަމަށް ފެންނާތީއެވެ.

"ކޮންސްޓަންޓެއިން ދަ ގްރޭޓް އިސްތަންބޫލު އާބާދުކުރެއްވިތާ މާގިނަދުވަސްތަކެއްނުވެ އެރަށްވަނީ ޘަޤާފީ، ތަހްޒީބީ، ޢިލްމީ އަދި ދީނީ މަރުކަޒެއްގެގޮތުން ވަރަށްބޮޑަށް ނަންހިނގައި މަޝްހޫރުވެފައެވެ. މުސްލިމު ސްޕެއިން ފިޔަވައި މުޅި ޔޫރަޕުގެ އުދަރެސް ޖަހާލަތުގެ ބަނަބޯވިލާތަކުން ބައްދައިލައިފައިއޮތް ދުވަސްވަރުވެސް ޢީސާއީދުނިޔޭގައި އަލިކަމުގެ މުންނާރަކަށް ވެފައިއޮތީ ޤުސްޠަންޠީނިއްޔާއެވެ. އެރަށުން ފާއްދައިލާ ޢިލްމީ އަލީގެ ދޯދިތައް އިރުމައްޗާއި ހުޅަނގަށް އަލިކުރަމުން ގެންދިޔައެވެ.

"އެއްހާސް އަހަރުވަންދެން ޤުސްޠަންޠީނިއްޔާއަކީ ދުނިޔޭގެ އިރުމައްޗާއި ހުޅަނގުގެ އެންމެންގެ ސަމާލުކަމުގެ މަރުކަޒަކަށްވެފައިއޮތެވެ. މެދުޒަމާނުގައި އިސްތަންބޫލަކީ އެރަށުގެ ރީތިކަމާއި ފިޔަޖެހުމާއި ރަށްވެހިކަމުގެ އުޖާލާކަމުގެ ސަބަބުން މިއަދުގެ ދުނިޔޭގައި ޕެރިހަށް ލިބިފައިވާ މަޤާމު ލިބިފައިއޮތް ރަށެކެވެ. އެރަށް ޚާއްޞަވެފައިވަނީ އެރަށް އޮތްތަނުގެ މުހިންމުކަމުގެ ސަބަބުންނެވެ. ވައިފެން ހެޔޮކަމާއި މެދުމިންކަމުންނެވެ. ސާފުތާހިރު މަގުތަކުގެ ސަބަބުންނެވެ. އުސްޢިމާރާތްތަކާއި ރީތި ބޮޑެތި ފައްޅިތަކުގެ ސަބަބުންނެވެ. ސުމާރެއްނެތްހައިގިނަ ޙައްމާމުތަކުގެ ސަބަބުންނެވެ. މިހުރިހައިކަމަކާހުރެ މުޅިދުނިޔެއަށް އެރަށްވަނީ މަޝްހޫރުވެފައެވެ. އެރަށުގެ ގަދަފަދަ ކިއްލާތަކާއި ޤުދުރަތީ ވަރުގަދަ ޙިޞާރުގެ ސަބަބުން އެތަކެއް ޤަރްނުތަކެއްވަންދެން އެއްވެސްބަޔަކަށް އެރަށް ފަތަޙަނުކުރެވިއޮތެވެ. ބަލްގޭރިޔަނުންނާއި، ރޫސީންނާއި، ސަލާވީންނާއި އީރާނީންނާއި ޢަރަބީންނާއި ތުރުކިޔޭއިންގެ ޙަމަލަތަކުގެ ކުރިމަތީގައި ފަރުބަދައެއްފަދައިން ސާބިތުކަންމަތީގައި ދެމިއޮތެވެ. ބައިޒެންޓެއިން ރަސްކަމުގެ ތަޚުތު ހުންނަ ރަށްކަމުގައިވާތީ އެތަންމިތަނުން އެރަށް ޤަޞްދުކޮށްގެން މީހުން އައިސްއުޅުނެވެ. އެރަށް އެންމެބޮޑަށް ވިދައިލައިފައިއޮތް ދުވަސްވަރު އެރަށުގެ އާބާދީ ލައްކައަށްވުރެ މައްޗެވެ. އެ އާބާދީއަކީ ވަކި އެއްނަސްލެއްގެ ބަޔެއްނޫނެވެ. އިސްތަންބޫލުގައި އެޤައުމެއްގެ ބަޔަކު ދިރިނުއުޅޭ އެއްވެސް ޤައުމެއް ޔޫރަޕަކު ނެތެވެ. އިސްތަންބޫލުގެ އާބާދީ އެކުލެވިގެންވަނީ ރީތި ޔޫނާނީންނާއި ދިގު ތުނބުޅިއާއި ކަޅު އިސްތަށިތަކުގެ ވެރި އޭޝިޔަނުންގެ މައްޗަށެވެ. ބޯބައިލައިގެންއުޅޭ ބަލްގޭރީންނާއި ކެހެރި ކޯޓުލީ ރަޝިޔަނުންގެ މައްޗަށެވެ. ދޮންމޫނާއި ރަންއިސްތަށިގަނޑުގެ ވެރި ސެކެންޑިނޭވިޔަނުން އުޅެމުންދިޔައީ އަރްމަނީންނާއި ސަލާވީންގެ އަވަށްޓެރިކަމުގައެވެ. މިގޮތުން އިސްތަންބޫލަކީ ހުރިހާގޮތަކުން ބަލާއިރުވެސް ބައިނަލްއަޤްވާމީ ރަށެކެވެ. ބޭރުގެ ވިޔަފާރިވެރީންވެސް ވަރަށްގިނައެވެ. ޖެނީވާއާއި ސްޕޭނާއި ފަރަންސޭސިވިލާތުގެ މަސީޙީ ވިޔަފާރިވެރީންނާއެކު ޢިރާޤާއި ޝާމުކަރައިގެ މުސްލިމު ވިޔަފާރިވެރީންވެސް ވިޔަފާރީގެ ޙަރަކާތުގައި ހޭލަމޭލަވަމުންދިޔައެވެ. ރަށުގެ ދިފާޢަށްޓަކައި އެކުލަވައިލައިފައިވާ ލަޝްކަރުގައިވެސް ޔޫރަޕުގެ ހުރިހައި ޤައުމުތަކެއްގެ ޢަސްކަރީން އެކުލެވެއެވެ. އެކަކީ ފަރަންސޭސިއެކެވެ. އަނެކަކީ ސަލާފީއެކެވެ. ޖަރުމަނުވިލާތާއި އިޓަލީވިލާތާއި ސްޕެއިންވިލާތުގެ ހަނގުރާމަވެރީންނެވެ. އާދެ، ހުރިހައި މަޒުހަބުތަކަކާއި މިއްލަތުތަކެއްގެ މީހުން އެރަށުގައި އުޅުނެވެ. އެބައިމީހުންގެ ދިރިއުޅުމުގެ ހޭޑިފޭޑިއާއި ތަހްޒީބާއި މޮށެއުޅޭ ބަސް އެއްބަޔަކު އަނެއްބަޔަކާ މުޅީން ތަފާތެވެ.

"ޤުސްޠަންޠީނިއްޔާ މަޝްހޫރުވެފައިވަނީ ހުސްއެކަނި އެރަށުގެ އުސްޢިމާރާތްތަކާއި ރީތި އަވަށްއަވަށުގެ ސަބަބަކުން ނޫނެވެ. އެރަށުގެ ފައްޅިތަކަށްވެސް ތާރީފު ޙައްޤެވެ. ރަށުގެ އަހްލުވެރީންނަކީ ދީނީ ރޫޙު ފުރިހަމަޔަށްހުރި ބައެކެވެ. ކޮންމެ އަވަށެއްގައިވެސް ދީނީ ދަރުސުދިނުމާއި ކިޔަވައިދިނުމުގެ ސިލްސިލާ މެދުކެނޑުމެއްނެތި ކުރިޔަށްދެއެވެ. ތަފާތު ފިރުޤާތަކާއި ވިލިތަކުގެ ޢިލްމުވެރީންގެ މެދުގައި ބަހުސުތަކާއި މުނާޒަރާތަކުގެ ފޯރި ވަރަށް ގަދައެވެ.

"ބައިޒެންޓެއިން ރަސްކަމުގެ ވެރިރަށުގެ ޙައިސިއްޔަތުގެ އިތުރަށް އެރަށަކީ ވަރުގަދަ ޘަޤާފީ މަރުކަޒެކެވެ. އިރުމަތީ ޔޫރަޕުގައި އެރަށުގެ މަޤާމަކީ ހުޅަނގުޔޫރަޕުގައި ރޯމުގެ މަޤާމެވެ. އެރަށުގެ މީހުންނަކީ މުސްކުޅި ޔޫނާނީ ޘަޤާފަތަށް ހިތްދެވިފައިވާ ބައެކެވެ. އެ ޘަޤާފަތު ދަމަހައްޓަން ހުރިހައިގޮތަކުން ކުރެވެންހުރި ހުރިހައި މަސައްކަތްތަކެއް ކުރަމުންގެންދާ ބައެކެވެ. އެރަށުގެ ކުތުބުޚާނާތައް ހުންނަނީ ޔޫނާނީ ފޮތްތަކުން ފުރިފައެވެ. އެރަށުގެ މަދަރުސާތަކުގައި ހިސާބުޢިލްމާއި މިޔުޒިކާއި ފަޞާޙަތާއި ބަލާޣަތުގެ އިތުރަށް ޔޫނާނީ އަދަބިއްޔާތުވެސް ގަވާއިދުން ކިޔަވައިދެއެވެ. ޤުސްޠަންޠީނިއްޔާގެ ޔުނިވަރސިޓީއަކީ ޔޫނާނީ ޘަޤާފަތުގެ މަރުކަޒެކެވެ. އިޓަލީވިލާތުގެ މީހުން އަފުލާޠޫނުގެ ފަލްސަފާ އުނގެނުނީ އެތަނުންނެވެ. ޢަރަބީން ރޫމީ ޤާނޫނާއި ޔޫނާނީ ޘަޤާފަތުގެ މަތީތަޢުލީމު ހޯދަނީ އެތަނުންނެވެ. ޤުސްޠަންޠީނިއްޔާއިންވަނީ ވަރަށް އަގުހުރި ދޭއްޗެއް ދުނިޔެއަށް ހަދިޔާކޮށްފައެވެ. ރޫމީ ޤާނޫނާއި ޔޫނާނީ ފަލްސަފާއެވެ. ރޫމީ ޤާނޫނުތައް ތަދުވީނުކޮށް ދުނިޔެއަށް ފެތުރީ އެރަށުގެ ޢިލްމުވެރީންނެވެ. އެމަސައްކަތާމެދު ޤުސްޠަންޠީނިއްޔާގެ އަހްލުވެރީން ކިތަންމެވަރަކަށް ފަޚުރުވެރިވިޔަސް ފަޚުރުވެރިވެވޭވަރު ކުޑައެވެ.

"ޤުސްޠަންޠީނިއްޔާއަކީ ބައިޒެންޓެއިން އެމްޕަޔަރުގެ މަސައްކަތްތެރިކަމާއި ވިޔަފާރީގެ މަރުކަޒެވެ. ޖޯގްރަފީގޮތުން އެރަށް އޮންނަތަނުގެ ސަބަބުންނެވެ. އެރަށް އޮތީ މެދުތެރޭ ކަނޑާއި ކަޅުކަނޑާ ބައްދަލުވާ ތަނުގައެވެ. އެހެންކަމުން އިރުމައްޗާއި ހުޅަނގާއި އުތުރާއި ދެކުނުގެ މީހުން އެރަށަށް ޖަމާވެއެވެ. އައިސްގޮސްވެއެވެ. ފާރިސީންނާއި ހިންދީންނާއި ދުރުއިރުމަތީގެ މީހުންނާއި މެދުތެރޭ އޭޝިޔާގެ މީހުންނާއި ސެކެންޑިނޭވިޔާއާއި ހުޅަނގުޔޫރަޕާއި އިރުމަތީޔޫރަޕުގެ ވިޔަފާރިވެރީން ވަރަށްގިނައިން އެރަށަށް އާދެއެވެ. ގޯލްޑަންހޯނުގައި އޮންނަ އެބަނދަރުގައި ދުނިޔޭގެ ހުރިހައި ޤައުމުތަކެއްގެ ނައުފަހަރު ބަނދަރުކޮށްފައިވާތީ ފެނެއެވެ. ބައިޒެންޓެއިން ދައުލަތުގެ ބާރުގެ ދަށުގައި ޤުސްޠަންޠީނިއްޔާ އޮންނާތީ އެދައުލަތަށް ލިބިފައިއޮންނަފަދަ ވިޔަފާރީގެ ފުރުސަތުތަކެއް ދުނިޔޭގެ އެހެން އެއްވެސް ދައުލަތަކަށް ލިބިފައެއް ނުވެއެވެ. އެދައުލަތަށް ލިބިފައިވާ މުއްސަނދިކަމާއި ތިޔާގިކަމުގެ ސިއްރަކީ އެއީއެވެ. ޤުސްޠަންޠީނިއްޔާގެ ބާޒާރު އޮންނަނީ މުޅިދުނިޔޭގެ ހުރިހައި ތަނެއްގެ ވިޔަފާރި މުދާތަކުން ފުރިފައެވެ. އެރަށުގެ އަހްލުވެރީންނަށް ގޭގައި ތިބެގެން މުޅިދުނިޔޭގައި ލައްވައިފައިވާ ހުރިހައި ނިޢުމަތްތަކެއް ލިބޭން ހުރެއެވެ.

"ދުނިޔޭގެ އެހެނިހެން ރަށްރަށާ ޤުސްޠަންޠީނިއްޔާއާ ތަފާތުކޮށްދެނީ މިދެންނެވި ސަބަބުތަކެވެ. ޢަރަބީންނާއި ތުރުކިއޭއިންގެ ނަޒަރު އިރުއިރުކޮޅުން އެރަށަށް ހުއްޓެނީ އެސަބަބާ ހުރެއެވެ. އެރަށް އެއުރެންގެ ބާރުގެ ދަށަށް ގެނައުމަށާއި މަސީޙީ ދުނިޔޭގެ މަރުކަޒުގެ ބަދަލުގައި އިސްލާމީ ދުނިޔޭގެ މަރުކަޒަކަށް އެރަށް ހަދަން އެބައިމީހުންގެ ކެތްތެރިކަން ކުޑަވެފައިތިބެނީ އެކަމާހުރެއެވެ." (سلطـــان محـمّــد الـفـاتـح: 29-33)

އިސްވެދިޔަތާނގައި ބަޔާންކޮށްފައިވާ ތަފްސީލުތަކުން އެނގިވަޑައިގަންނަވާނެ ފަދައިން އިސްތަންބޫލަކީ ނުވަތަ ޤުސްޠަންޠީނިއްޔާއަކީ ދުނިޔޭގައި އުފެދުނު ބާރުހުރި ކޮންމެ ދައުލަތަކުން އެރަށް އެބައެއްގެ ބާރުގެދަށުގައި ބާއްވަން ޝައުޤުވެރިވާފަދަ ދަމާބާރުހުރި ރަށެކެވެ. عـيســـى ގެފާނުގެ 658 އަހަރުކުރީން އެރަށުގެ ބިންގާ އެޅުނީއްސުރެ سلطـــان محـمّــد الـفـاتـح އާ ހަމަޔަށް އެކިފަރާތްފަރާތުން އެރަށް ފަތަޙަކުރަން ތިރީސްނުވަފަހަރު ވަނީ ޙަމަލަދީފައެވެ. އޭގެތެރޭގައި މުސްލިމުންގެ ޙަމަލަތައްވެސް ހިމެނެއެވެ.

މި ސިލްސިލާގައި ހިމެނޭ سلطـــان بــايـــزيــد ޔިލްދިރިމްގެ ވާހަކައިގެ ތެރޭގައި އަޅުގަނޑުވަނީ ޤުސްޠަންޠީނިއްޔާގެ ޤައިޞަރު أمـيـــــرتــيـــمــــــور އަށް ފޮނުއްވި ސިޓީއެއްގެ ވާހަކަ ބަޔާންކޮށްފައެވެ. ޤައިޞަރު އެސިޓީގައި ލިޔުއްވައިފައިވަނީ މުސްލިމުންގެ ނަބިއްޔާ صـلّــى اللّـــه عـليــه وسـلّــم ގެ ޙަޔާތްޕުޅުގައިވެސް ޤުސްޠަންޠީނިއްޔާ އޮތީ އެބޭފުޅުންގެ ރަސްކަންކަމުގެ ދަށުގައި ކަމަށާއި الخــلـفــاء الـــرّاشــــدون ވެސް އަދި އޭގެފަހުން އުމަވީ ދައުލަތުންވެސް ޢައްބާސީ ދައުލަތުންވެސް ގެންދެވީ އެބޭފުޅުންނާ ޞުލްޙަވެވަޑައިގަންނަވަމުން ކަމުގައްޔާއިޞުލްޙަނާމާ އައުކުރައްވަމުން ކަމުގައެވެ. ރޫމީންގެ އަތުން ޤުސްޠަންޠީނިއްޔާ އަތުލާން މުސްލިމުން މަސައްކަތްކޮށްފައި ނުވާކަމުގައެވެ. އެ ސިޓީގެ ވާހަކައިގެ ތެރޭގައި އަޅުގަނޑުވަނީ ޤައިޞަރު އެހެއްދެވީ އިތުރުފުޅެއް ކަމަށާއި، އެ މައުޟޫޢަށް އެނބުރިދާނެ ވާހަކަ ދަންނަވައިފައެވެ. ތުރުކިޔޭއިންގެ ކުރީން އުމަވީ ދައުލަތުންނާއި ޢައްބާސީ ދައުލަތުންނާއި ސަލްޖޫގީ ދައުލަތުންވެސް ޤުސްޠަންޠީނިއްޔާ ނުވަތަ އިސްތަންބޫލު ފަތަޙަކުރާން މަސައްކަތްކޮށްފައިވާތީއެވެ. ޙަޤީޤަތުގައި މުސްލިމުން އެރަށާމެދު ޝައުޤުވެރިވީ އެރަށުގެ ޖޯގްރަފީ ނުވަތަ ސިޔާސީ ނުވަތަ ވިޔަފާރީގެ އަހަންމިއްޔަތާހުރެއެއް ނޫނެވެ. އަޅުގަނޑުމެންގެ މާތް ނަބިއްޔާ صـلّــى اللّـــه عـليــه وسـلّــم އެރަށާ ބެހޭގޮތުން ދެއްވައިފައިވާ ނިމުތުތަކަކާ ހުރެއެވެ.

(ނުނިމޭ)