މަޝްރޫއުތަކަށް ފައިސާ ދިނުމުން ބަދަލުގައި ކްރޮސް ސަބްސިޑީގެ ގޮތުގައި ރަށެއް ދޭ އަގު އެއް މިލިއަން ޑޮލަރަށް ކުޑަކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ވަނީ "ކްރޮސް ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް، ބިން ނުވަތަ ފަޅު ކުއްޔަށް ދިނުމާބެހޭ ގަވާއިދު" އިސްލާހުކޮށް އިއްޔެ ގެޒެޓުކޮށްފައެވެ.

އެ ގަވާއިދަށް އަލަށް ގެނައި އިސްލާހުގައި ބަޔާންކޮށްފައިވަނީ ރަށް ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށް ހިފުމަށް ހުށަހަޅައިފައިވާ ފަރާތުން މަޝްރޫއަށް ހަރަދުކުރަން ކަނޑައަޅައިފައިވާ ފައިސާގެ ޖުމުލަ އަދަދު ދެއްކުމުގެ ކުރިން، ޝަރުތުތަކާއެކު ކުލީގެ އެއްބަސްވުމުގައި ސޮއިކުރެވިދާނެ ކަމަށެވެ.

އޭގެ ތެރޭގައި ހިމެނޭ ޝަރުތަކީ ރަށް ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށް ހިފުމަށް ހުށަހަޅައިފައިވާ ފަރާތުން މަޝްރޫއަށް ހަރަދުކުރަން ކަނޑައަޅައިފައިވާ ފައިސާގެ ޖުމުލަ އަދަދުގެ ތެރެއިން މަދުވެގެން އެއް މިލިއަން ޑޮލަރު ދައުލަތަށް ދައްކައިފައިވުމެވެ. އަދި މަޝްރޫއު ކުރިއަށްގެންދަން ދޭ މުއްދަތުގައި ކަނޑައަޅައިފައިވާ ފައިސާގެ ޖުމުލަ އަދަދު ދައުލަތަށް ނުދައްކައިފިނަމަ އެއްބަސްވުން ބާތިލުވާނެ ކަމަށެވެ.

"ކްރޮސް ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް، ބިން ނުވަތަ ފަޅު ކުއްޔަށް ދިނުމާބެހޭ ގަވާއިދު" ގައި ކުރިން ބަޔާން ކޮށްފައިވަނީ މަޝްރޫއަކަށް ހަރަދުކުރުމުގެ ބަދަލުގައި ރަށެއް، ފަޅެއް ނުވަތަ ބިމެއް ހިންގަން ހުއްދަ ދޫކުރެވޭނީ، އެ މަޝްރޫއުގެ ތެރެއިން ހަވާލުވާ ފަރާތުން ކުރަން ކަނޑައަޅައިފައިވާ މަސައްކަތް ނިމުމުން ނުވަތަ މަޝްރޫއުގެ ތެރެއިން، ހަވާލުވާ ފަރާތުން ކުރަން ކަނޑައަޅައިފައިވާ މަސައްކަތް އެއްކޮށް ނިންމަން ބޭނުންވާ ޖުމުލަ ފައިސާ، ދައުލަތާ ހަވާލުކުރުމުން ކަމުގައި އެ ތަނެއްގެ ކުލީގެ އެއްބަސްވުމުގައި ބަޔާންކޮށްފައި އޮންނަން ޖެހޭނެ ކަމަށެވެ.

ގަވާއިދަށް ގެނައި އިތުރު އިސްލާހުތަކުގެ ތެރޭގައި ބަޔާންކޮށްފައިވަނީ، ކުލީގެ އެއްބަސްވުން ބާތިލުކުރާ ހާލަތުގައި އެ ރަށް، ނުވަތަ އެ ފަޅު، ނުވަތަ އެ ބިން ކުއްޔަށް ހިފާ ފަރާތަށް ދައުލަތުން އެއްވެސް ބަދަލެއް ދޭން ނުޖެހޭނެ ކަމަށް، ކުލީގެ އެއްބަސްވުމުގައި ހިމަނަންވާނެ ކަމަށެވެ.

ކުލީގެ އެއްބަސްވުން ބާތިލުކުރާ ހާލަތުގައި އެ ރަށް، ފަޅު، ނުވަތަ ބިން ކުއްޔަށް ހިފާ ފަރާތުން މަޝްރޫއަށް ހަރަދުކުރަން ކަނޑައަޅައިފައިވާ ފައިސާގެ ޖުމުލަ އަދަދުގެ ތެރެއިން، ކުލީގެ އެއްބަސްވުން ބާތިލުކުރާ ދުވަހާ ހަމައަށް ދައްކައިފައިވާ އެއްވެސް ފައިސާއެއް އަނބުރާ ރައްދުނުކުރެވޭނެ ކަމަށް ކުލީގެ އެއްބަސްވުމުގައި ހިމަނަންވާނެ ކަމަށް ވެސް ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ.

ކްރޮސް ސަބްސިޑީގެ ގޮތުގައި ޓޫރިސްޓް ރިޒޯޓެއް ނުވަތަ އިންޓަގްރޭޓެޑް ޓޫރިސްޓް ރިޒޯޓެއް ތަރައްގީ ކުރުމަށް ރަށެއް ނުވަތަ ބިމެއް ނުވަތަ ފަޅެއް ކުއްޔަށް ދޫކުރުމުގެ އުސޫލުތައް ބަޔާންކުރާ ގަވާއިދުގައިވާ ގޮތުން، ދައުލަތުގެ އާންމު މަންފާއެއް ހާސިލުކުރަން ބޭނުންވާ އިގުތިސޯދީ ސިޔާސަތެއްގެ ދަށުން ނުވަތަ އިޖުތިމާއީ ސިޔާސަތެއްގެ ދަށުން، ދުރާލައި އިއުލާނުކޮށްފައިވާ އުސޫލުތަކާ އެއްގޮތަށް ސަރުކާރުން ކަނޑައަޅާ މުހިންމު މަޝްރޫއުތައް ހިންގާ ފަރާތްތަކަށް ފަތުރުވެރިކަމުގެ ބޭނުމަށް ރަށް ނުވަތަ ބިން ނުވަތަ ފަޅު ދޫކުރެވިދާނެއެވެ.

ކޮންމެ އަހަރަކު ވެސް އެ އަހަރެއްގެ ތެރޭގައި ސަރުކާރުގެ އިގުތިސޯދީ ސިޔާސަތެއްގެ ދަށުން ނުވަތަ އިޖުތިމާއީ ސިޔާސަތެއްގެ ދަށުން ހިންގުމަށް ހަމަޖައްސާފައިވާ މަޝްރޫއުތަކުގެ ތެރެއިން، ކްރޮސް ސަބްސިޑީ އުސޫލުން ރަށެއް ނުވަތަ ބިމެއް ނުވަތަ ފަޅެއް ކުއްޔަށް ދޫކުރާނެ މުހިންމު މަޝްރޫއުތައް ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ކަނޑައަޅުއްވައި، ގެޒެޓުގައި ޝާއިއުކުރަން ޖެހޭނެއެވެ.

އެގޮތުން ރަށްތައް ދޫކުރުމަށް ހަމަޖެހިފައިވާ މަޝްރޫއުތަކުގެ ތަފްސީލު ވެސް ހާމަކުރަން ޖެހޭނެއެވެ. އޭގެ ތެރޭގައި މަޝްރޫއުގެ ތައާރަފާއި މަޝްރޫއު ހިންގުމަށް ގަސްތުކުރާ އަތޮޅާއި ރަށުގެ އިތުރުން މަޝްރޫއަށް ހަރަދު ކުރަން ޖެހޭނެ އެންމެ ދަށް މިނަވަރު ވެސް އާންމުކުރަން ޖެހޭނެއެވެ.

މަޝްރޫއުތައް ހިންގާ ފަރާތްތަކަށް ކުއްޔަށް ދޫކުރެވޭނީ ފަތުރުވެރިކަމުގެ ބޭނުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވައި ޓޫރިޒަމް މިނިސްޓްރީން ޝާއިއުކުރާ ލިސްޓެއްގައި ހިމެނޭ ރަށެއް ނުވަތަ ބިމެއް ނުވަތަ ފަޅެކެވެ. އެ ލިސްޓުގައި ނުހިމެނޭ ރަށެއް، މަޝްރޫއު ހިންގާ ފަރާތަކުން ބޭނުންވެއްޖެނަމަ، އެ ހުށަހެޅުމަށް ރިއާޔަތްކޮށް ލިސްޓަށް އުނި އިތުރު ގެނައުމުގެ ބާރުވެސް އެ ގަވާއިދުގައި ރައީސަށް ވަނީ ދީފައެވެ.

  • ށ. ކުޑަޅައިމެންދޫ
  • ނ. ކުންނަމަލެއި
  • ޅ. މެއްޔަފުށި
  • ތ. ދިއްފުށި
  • ތ. ކަޅުފަހަލަފުށި
  • ގއ. ފުލަނގި