ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، "ނޭޝަނަލް ހެލްތު ޑިޕާޓްމެންޓް"ގެ ނަމުގައި ސަރުކާރުގެ އިދާރާއެއް މިއަދު އުފައްދަވައިފިއެވެ.
ރައީސް ސޯލިހު ނޭޝަނަލް ހެލްތު ޑިޕާޓްމެންޓް އުފެއްދެވީ "ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ" ގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިހުތިޔާރުގެ ދަށުންނެވެ. ނޭޝަނަލް ހެލެތު ޑިޕާޓްމެންޓް ހިންގާނީ ހެލެތު މިނިސްޓްރީގެ ދަށުން ކަމަށް ރައީސް ސޯލިހު ވަނީ ކަނޑައަޅުއްވައިފައެވެ.
ނޭޝަނަލް ހެލެތު ޑިޕާޓްމެންޓަކީ ނަފުސާނީ ދުޅަހެޔޮކަން ކުރިއަރުވައި، ނަފުސާނީ ދުޅަހެޔޮކަމަށް މުޖުތަމައު އަހުލުވެރިކޮށް، ނަފުސާނީ ސިއްހަތުގެ ދާއިރާއިން ހިންގާ ޕްރޮގްރާމުތައް ކަނޑައެޅުމަށް އުފެއްދި އިދާރާއެކެވެ. އަދި ނަފުސާނީ ސިއްހަތުގެ ދާއިރާގެ ސިޔާސަތުތަކާއި ލަނޑުދަނޑިތައް ހާސިލުކުރުމަށް ހިންގާ ޕްރޮގްރާމުތަކާއި ކުރެވޭ މަސައްކަތްތައް ވިލަރެސްކޮށް، ސިއްހީ ހިދުމަތްދޭ ސަރުކާރުގެ ތަންތަނުން ނަފުސާނީ ސިއްހަތުގެ ހިދުމަތްތައް ފޯރުކޮށްދޭކަން ކަށަވަރުކުރުމަކީ ވެސް ނޭޝަނަލް ހެލްތު ޑިޕާޓްމެންޓް އުފެއްދި މަގުސަދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
މީގެ އިތުރުން ނަފުސާނީ ސިއްހަތާ ގުޅުން ހުރި މަސައްކަތްތައް ކުރާ އަމިއްލަ ފަރާތްތަކާއި ޖަމިއްޔާތަކާ ގުޅުން ބަދަހިކޮށް އެ ފަރާތްތަކުގެ އެއްބާރުލުން ހޯދައި، އެފަރާތްތަކުން ކުރާ މަސައްކަތްތަކަށް ބޭނުންވާ ފަންނީ އެހީތެރިކަމާއި ލަފާދިނުމަކީ އެ އިދާރާ އުފެއްދި އެއް މަގުސަދެވެ.
ނޭޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓުގެ މަސައްކަތްތައް:
- ނަފުސާނީ ސިއްހަތުގެ ދާއިރާގެ ސިޔާސަތުތަކާއި ލަނޑުދަނޑިތައް ހާސިލުކުރުމުގެ ގޮތުން ޕްލޭންތައް އެކަށައަޅައި، އެ ޕްލޭންތައް ތަންފީޒުކުރުމުގެ ކަންކަން ވިލަރެސްކުރުން
- ނަފުސާނީ ސިއްހަތުގެ ދާއިރާއިން ހިންގާ ޕްރޮގްރާމުތައް އެކުލަވާލައި، އެ ޕްރޮގްރާމުތަކުން ހާސިލުކުރަން ބޭނުންވާ އަމާޒުތައް ކަނޑައަޅައި، ޕްރޮގްރާމުތައް ތަންފީޒުކުރުމުގެ ކަންކަން ވިލަރެސްކުރުމާއި، އެ ޕްރޮގްރާމުތައް ހިންގުމުގެ މިންގަނޑުތައް ކަނޑައަޅައި، އެ ޕްރޮގްރާމުތައް ހިންގާނެގޮތުގެ ހަމަތައް ކަނޑައަޅައި، އެ ޕްރޮގްރާމުތައް ހިނގައި ނުހިނގާ ގޮތް ބަލައި މޮނީޓާކުރުމާއި، އެ ޕްރޮގްރާމުތަކަށް ގެންނަންޖެހޭ ބަދަލުތަކަށް ކަމާބެހޭ ފަރާތްތަކާ ގުޅިގެން ގެނައުން
- ސިއްހީ ހިދުމަތްދޭ ސަރުކާރުގެ ތަންތަނުން ރައްޔިތުންނަށް ފޯރުކޮށްދޭ ނަފުސާނީ ސިއްހީ ހިދުމަތްތަކާ ބެހޭ ސިޔާސަތުތަކާއި އުސޫލުތައް ކަނޑައެޅުމުގައާއި އެ ސިޔާސަތުތަކާއި އުސޫލުތަކާ އެއްގޮތަށް ހިދުމަތްދޭކަން ކަށަވަރުކުރުމުގައި ހެލެތު މިނިސްޓްރީއަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން
- ނޭޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓުން ކަނޑައަޅާ ޕްލޭންތަކާ އެއްގޮތަށް، ސިއްހީ ހިދުމަތްދޭ ސަރުކާރުގެ ތަންތަނުން ނަފުސާނީ ސިއްހަތުގެ ހިދުމަތްތައް ފޯރުކޮށްދޭކަން ކަށަވަރުކުރުން
- ރައްޔިތުންގެ ނަފުސާނީ ދުޅަހެޔޮކަމާ ބެހޭ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރުމާއި، އެ މަސައްކަތްތަކުގައި ސަރުކާރުގެ މުއައްސަސާތަކާއި އަމިއްލަ ފަރާތްތަކާއި ޖަމިއްޔާތަކުގެ އެއްބާރުލުން ހޯދުން
- ނަފުސާނީ ސިއްހަތާ ގުޅުންހުރި މަސައްކަތްތައް ކުރާ އަމިއްލަ ފަރާތްތަކާއި ޖަމިއްޔާތަކާ ގުޅުން ބަދަހިކޮށް އެ ފަރާތްތަކާ ގުޅިގެން މަސައްކަތްކުރެވޭނެ މާހައުލެއް ގާއިމުކުރުމާއި، ރައްޔިތުންގެ ނަފުސާނީ ދުޅަހެޔޮކަން ކުރިއެރުވުމަށް ޕްރޮގްރާމުތައް ހިންގުމުގައި އެ ފަރާތްތަކުގެ އެއްބާރުލުން ހޯދުމާއި، އެ ފަރާތްތަކުން ކުރާ މަސައްކަތްތަކަށް ބޭނުންވާ ފަންނީ އެހީތެރިކަމާއި ލަފާދިނުން
- ރާއްޖެއަށް ކުރިމަތިވާ ކުއްލި ނުރައްކާތަކާއި ކާރިސާތަކުގައި، ނަފުސާނީ ސިއްހަތުގެ ދާއިރާއިން ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ކަމާބެހޭ ފަރާތްތަކާ ގުޅިގެން ފޯރުކޮށްދިނުމުގެ އިންތިޒާމުތައް ހަމަޖައްސައި އެ ކަންކަން ވިލަރެސްކުރުމާއި، ކުއްލި ނުރައްކާތަކާއި ކާރިސާތަކުގެ ހާލަތްތަކުގައި ނަފުސާނީ ސިއްހީ ހިދުމަތްތައް ފޯރުވައިދޭނެ ގޮތްތައް ކަނޑައެޅުން
- ނަފުސާނީ ސިއްހަތުގެ ދާއިރާއިން ރާއްޖެއަށް ފަންނީ ހުނަރުވެރިން ބޭނުންވާ ދާއިރާތައް ދެނެގަނެ، ގާބިލު މީހުން ބިނާކުރުމަށްޓަކައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން މަސައްކަތްކުރުން
- ރާއްޖޭގައި ހިންގާ މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒުތަކުން ނަފުސާނީ ސިއްހަތުގެ ދާއިރާގެ ކޯސްތައް އެކުލަވާލައި ހިންގުމުގައި އެ މަރުކަޒުތަކަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން
- ނަފުސާނީ ސިއްހަތުގެ ދާއިރާގެ ހިދުމަތްތައް ދިނުމުގައި ދިމާވާ ގޮންޖެހުންތައް ދެނެގަތުމަށް އެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާއި ހިދުމަތްދޭ އިދާރާތަކާއެކު މަޝްވަރާކުރުމާއި، އެ ގޮންޖެހުންތަކުގެ މައުލޫމާތު ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނައުން
- ނަފުސާނީ ސިއްހަތުގެ ދާއިރާއިން ރާއްޖެ ބައިވެރިވާ ބައިނަލްއަގުވާމީ މުއާހަދާތަކާއި، އެއްބަސްވުންތަކުގައި ހިމެނޭ ކަންކަން ތަންފީޒުކުރުމުގައި ކަމާބެހޭ އިދާރާތަކަށް ފަންނީ އެހީތެރިކަން ފޯރުކޮށްދީ އެ މަސައްކަތްތައް ވިލަރެސްކުރުމާއި، މިފަދަ ބައިނަލްއަގްވާމީ މުއާހަދާތަކާއި، އެއްބަސްވުންތަކުގައި ހިމެނޭ ކަންކަން ތަންފީޒުކުރުމުގެ ގޮތުން އިސްލާޙުކޮށް ބަދަލު ގެންނަންޖެހޭ ކަންކަމަށް ބަދަލުގެނައުމަށް ބާރުއަޅައި، މި ކަންތައްތައް ކަމާ ގުޅުން ހުރި ދާއިރާތަކުގެ ސަމާލުކަމަށް ގެނައުން
- ނަފުސާނީ ސިއްހަތުގެ ދާއިރާގެ ސިޔާސަތުތަކާއި ލަނޑުދަނޑިތައް ހާސިލުކުރުމަށް ބައިނަލްއަގުވާމީ ޖަމިއްޔާތަކުގެ ލަފައާއި އެހީ ހޯދުމާއި، އެ ޖަމާއާތްތަކާ ގުޅުން ބަދަހިކުރުން
- ނަފުސާނީ ސިއްހަތުގެ ދާއިރާއާ ގުޅުން ހުރި ދިރާސާތައް ކުރުމާއި، އެ ދިރާސާތަކުން ހޯދޭ މައުލޫމާތު ކަމާބެހޭ ފަރާތްތަކަށް ފޯރުކޮށްދިނުން
- ނަފުސާނީ ސިއްހަތުގެ ދާއިރާއާ ގުޅޭ ތަފާސްހިސާބުތައް އެއްކޮށް، އަދާހަމަކޮށް ބަލަހައްޓައި، އެނަލައިޒްކޮށް، ތަފާސްހިސާބުތައް ހާމަކުރުން