ބްރެޒިލްގެ ލެޖެންޑް، ޕެލޭގެ ކެންސަރުގެ ހާލަތު އިތުރަށް ގޯސްވެފައިވާ ކަމަށް ހޮސްޕިޓަލުން ބުނެފިއެވެ.
ޕެލޭ ބްރެޒިލްގެ ސައޯ ފައުލޯގެ އަލްބަޓް އައިންސްޓައިން ހޮސްޕިޓަލަށް ގެންދިޔައީ މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިންނެވެ. ޕެލޭ ހޮސްޕިޓަލަށް ގެންދިޔައީ އޭނާގެ ހަށިގަނޑު ވަރަށް ބޮޑަށް ދުޅަވާތީ ކަމަށާއި ޕެލޭގެ ހަށިގަނޑު ދުޅަވާންވި ސަބަބު ދެނެގަތުމަށް ހެދި ޓެސްޓުތަކުގެ ނަތީޖާގައި ޑިކޮމްޕެންސޭޓެޑް ހާޓް ފެއިލިއާއެއް ފާހަގަކޮށްފައިވާ ކަމަށް ބޭރުގެ މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.
އުމުރުން 82 އަހަރުގެ ޕެލޭ އަންނަނީ މިދިޔަ އަހަރުން ފެށިގެން ކެންސަރަށް ފަރުވާ ހޯދަމުންނެވެ. މިފަހަރު އެޑްމިޓްކޮށް ޕެލޭއަށް އިންޓެންސިވް ފަރުވާތައް ދެމުން ގެންގޮސްފައިވާ އިރު، އޭނާގެ ދަރިފުޅު އިއްޔެ ބުނެފައިވަނީ ކުރިއަށް އޮތް ބަންދު ދުވަސްތަކުގައި ހޮސްޕިޓަލުގައި މަޑުކުރަން ޖެހޭނެކަން ޔަގީން ވެފައިވާ ކަމަށެވެ.
ޕެލޭ ބަލަމުންދާ ހޮސްޕިޓަލް، އިސްރައެލީޓާ އަލްބާޓް އެއިންސްޓެއިން ހޮސްޕިޓަލުން ބުނީ ޕެލޭގެ ކެންސަރު އިތުރަށް ގޯސްވެފައިވާ ކަމަށާއި، ހިތުގެ ހިނގުމާއި ހަށިގަނޑުގެ އެހެން ގުނަވަންތައް މަސައްކަތް ކުރާ ގޮތް ކައިރިން ބެލުމަށް އައިސީޔޫގައި ޕެލޭއަށް ފަރުވާ ދޭން ޖެހޭ ކަމަށެވެ.
ކެރިއަރުގައި ތިން ފަހަރު ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވާ ޕެލޭ، މިދިޔަ އަހަރު ސެޕްޓެމްބަރު މަހު ބަނޑުގެ އޮޕަރޭޝަނެއްގައި ގޮހޮރުގެ ތެރެއިން ޓިއުމަރެއް ނަގާފައިވެއެވެ. އަދި މީގެ ކުރިން 2019 ވަނަ އަހަރު ޔޫރިން އިންފެކްޝަނެއްގެ ސަބަބުންވެސް ޕެލޭއަށް ވަނީ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާދީފައެވެ.
ޕެލޭ ވަނީ ބްރެޒިލް ޓީމަށް ކުޅެދިން 91 މެޗުން 77 ގޯލު ޖަަހައިފައެވެ. އޭނާގެ ލެގަސީ އެންމެ ބޮޑަށް ގުޅިފައިވަނީ ވޯލްޑް ކަޕާއެވެ. 1958، 1962 ވަނަ އަހަރު ވޯލްޑް ކަޕް ޕެލޭ ބްރެޒިލާއެކު ހޯދާފައިވާ އިރު، 1970 ވަނަ އަހަރުގެ ވޯލްޑް ކަޕްވެސް ޕެލޭ ބްރެޒިލާއެކު ކާމިޔާބުކުރިއެވެ. ގިނަ ބަޔަކު ދެކޭ ގޮތުގައި ޕެލޭއަކީ ދުނިޔޭގެ ތާރީހު ދުށް އެންމެ ހުނަރުވެރި، އަދި އެންމެ މޮޅު އެއް ކުޅުންތެރިޔާއެވެ.