އިނގިރޭސި ލީގު ކަޕްގައި މެންޗެސްޓާ ޔުނައިޓެޑުން ރޭ ކުޅުނު މެޗުގައި ބާންލީ ބަލިކޮށް، ކުއާޓާ ފައިނަލްގެ ޖާގަ ހޯދައިފިއެވެ.

ޔުނައިޓެޑުން އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗުން ބާންލީ އަތުން މޮޅުވީ 2-0ގެ ނަތީޖާއަކުންނެވެ.

ގަތަރު ވޯލްޑް ކަޕް 2022 އަށްފަހު އިނގިރޭސި ފުޓުބޯޅަ ފެށީ ލީގު ކަޕް ހަތަރުވަނަ ބުރުގެ މެޗުތަކުންނެވެ. ފުރަތަމަ އަންގާރަ ދުވަހުގެ ރޭ މެޗުތައް ކުޅެފައިވާ އިރު، ނިއުކާސަލް ވަނީ 1-0 އިން ބޯންމައުތުގެ މައްޗަށް ކުރި ހޯދައިފައެވެ. އޭގެ އިތުރުން ލެސްޓާ ސިޓީއާއި ސައުތުހޭމްޓަން ކުޅުނު މެޗުތަކުން މޮޅުވެ، ކުއާޓާ ޔަގީން ކޮށްފައިވެއެވެ.

ޔުނައިޓެޑުން ރޭ ކުޅުނު މެޗަށް ކޯޗު އެރިކް ޓެން ހާގް ނެރުނު ފުރަތަމަ 11 ގައި ވޯލްޑް ކަޕްގައި ކުޅުނު ކުޅުންތެރިންނަށްވެސް ފުރުސަތު ދީފައިވެއެވެ. ސެންޓަ ބެކްގެ މަގާމުގައި ބްރެޒިލްގެ ކަސެމީރޯ ބޭނުން ކޮށްފައިވާ އިރު، ބްރޫނޯ ފެނާންޑޭޒްއާއި ކްރިސްޓިއަން އެރިކްސަންވެސް ފުރަތަމަ 11 އިން ފާހަގަކޮށްލެވުނެވެ.

ރޭ ކުޅުނު މެޗުގައި ޔުނައިޓެޑުން ލީޑު ނެގީ 27 ވަނަ މިނެޓުގައެވެ. އެ ގޯލަކީ އާރޮން ވެން ބިސާކާ އަރިމަތިން ނަގައިންދިން ހިތްގައިމު ހުރަހެއްގައި އެރިކްސަން ޖެހި ގޯލެކެވެ.

މެންޗެސްޓާ ސިޓީގެ ކުރީގެ ކެޕްޓަން، ވިންސެންޓް ކޮމްޕެނީގެ ކޯޗުކަމުގައި ކުޅެމުން ދިޔަ ބާންލީން ފުރަތަމަ ހާފުގައި ނަތީޖާ ހަމަހަމަކުރަން ކުރި މަސައްކަތުގައި މެނުއަލް ބެންސަން އޭރިއާ ރޮނގުކައިރިން ޖެހި ބޯޅަ ޔުނައިޓެޑްގެ ގޯލު ބެލެހެއްޓި، މާޓިން ޑުބްރާވްކާ ވަނީ މަތަކޮށްފައެވެ. އޭގެ ފަހުން، ހިލޭ ޖެހުމެއްގައި ޑުބްރާވްކާ އަތުން ގެއްލުނު ބޯޅައެއް ޔުނައިޓެޑްގެ ގޯލަށް ވަންނަން ދަނިކޮށް، އެ ބޯޅަ ސަލާމަތްކުރީ ކަސެމީރޯއެވެ.

ޔުނައިޓެޑުން ފުރަތަމަ ހާފުގައި އުފެއްދި އިތުރު ހަމަލާތަކުގައި އެންތޮނީ މާޝިއާލް ޖެހި ބޯޅަ، ބާންލީގެ ކީޕަރު ޕީކޮކް ފެރަލް މަތަކުރި އިރު، ދެވަނަ ހާފްގެ ކުރީކޮޅުގައި ލީޑު ފުޅާކުރިއެވެ. ޔުނައިޓެޑްގެ ދެވަނަ ގޯލު ޖެހީ މެޗުގެ 57 ވަނަ މިނިޓްގައި ބަދަލަކަށް ނުކުތް މާކަސް ރެޝްފޯޑެވެ.