އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ޖަމްޝީދާއި އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު މުހައްމަދު (ޓޫފޯ) ހިމެނޭ ގޮތަށް ފަސް އޮފިސަރަކު ފުލުުހުންގެ ވަޒީފާއިން ވަކިކުރަން ނިންމީ ގޯސްކޮށް ކަމަށް ކަނޑައަޅައި އެ ނިންމުން ސިވިލް ކޯޓުން އިއްޔެ ބާތިލުކުރި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރަން އެޓާނީ ޖެނެރަލްގެ އޮފީހުން ނިންމައިފިއެވެ.
އޭޖީ އޮފީހުން މިއަދު ބުނީ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރަން ނިންމާފައިވާ ކަމަށެވެ. ނަމަވެސް އިތުރު ތަފުސީލެއް ނުދެއްވައެވެ.
ޕޮލިސް ބޯޑުގެ ލަފައާއެކު ފުލުހުންގެ ހަތް އޮފިސަރަކު މަގާމުން ވަކިކުރަން މިދިޔަ އަހަރު ނިންމިއެވެ. އޭގެ ތެރެއިން ކޯޓަށް މައްސަލަ ހުށަހެޅީ ޖަމްޝީދާއި ޓޫފޯގެ އިތުރުން ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަރީފާއި ސުޕްރިންޓެންޑެންޓް މުހައްމަދު ދާއޫދާއި ސުޕްރިންޓެންޑެންޓް އިސްމާއިލް ޝަމީމެވެ.
އޭގެ ތެެރެއިން ޝަރީފާއި ދާއޫދާއި ޝަމީމް ވަކިކުރަން ނިންމި ނިންމުމަށް އަމަލުކުރުން ފަސްކުރުމަށް ނެރުނު ކޯޓު އަމުރަކާ ގުޅިގެން އެ ބޭފުޅުން އަދިވެސް ތިއްބެވީ ވަޒީފާގައެވެ. ނަމަވެސް ޓޫފޯއާއި ޖަމްޝީދަށް 10 އޮކްޓޯބަރު 2021 ގައި ވަނީ ވަޒީފާއިން ވަކިކުރުމުގެ ލިޔުންދީފައެވެ.
އެ ފަރާތްތަކުން ސިވިލް ކޯޓުގައި އެދިފައިވަނީ އެ ބޭފުޅުން ވަކިކުރަން ޕޮލިސް ބޯޑުން ނިންމި ނިންމުމާއި ޕޮލިސް ބޯޑުގެ އެ ނިންމުމުގެ މައްޗަށް ބިނާކޮށް، ޓޫފޯއާއި ޖަމްޝީދު ވަކިކުރަން 10 އޮކްޓޫބަރު 2021 ގައި ފުލުހުންގެ އިދާރާއިން ނިންމި ނިންމުމަކީ ގާނޫނުއަސާސީއާއި ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނާއި ގާނޫނީ އުސޫލުތަކާއި އަދުލު އިންސާފުގެ ހަމަތަކާ ހިލާފު ނިންމުމެއް ކަމަށް ކަނޑައަޅައި ދިނުމަށާއި ފުލުހުން ވަޒީފާއިން ވަކިކުރަން ނިންމުމުގެ ބާރަކީ ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުން، ޕޮލިސް ބޯޑަށް ލިބިދޭ ބާރެއް ނޫން ކަމަށް ކަނޑައަޅައި ދިނުމަށެވެ.
އެ މައްސަލައިގައި ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމުގައި ވަނީ ފުލުހުންގެ ގާނޫނުގެ ދަށުން ޕޮލިސް ބޯޑުގެ ނިންމުމަކުން އެ ފަރާތްތައް ވަކި ކުރެވޭނީ ތުހުމަތުކުރެވޭ މައްސަލައިގެ ބާވަތާއި ލިބިފައިވާ ހެއްކާއި ގަރީނާތަކަށް ބެލުމަށްފަހު ކަމަށް ގާނޫނުގައި ބުނާ ކަމަށެވެ.
އަދި އެ ފަރާތްތައް މަގާމުން ވަކިކުރަން ޕޮލިސް ބޯޑުން ނިންމާފައިވާކަން ސާބިތުވާން ނެތަތީ އާއި ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުން، އެ ފަރާތްތައް ފުލުހުުންގެ ހިދުމަތުގެ ވަޒީފާއިން ވަކިކުރަން ނިންމުމުގެ ބާރު ޕޮލިސް ބޯޑަށް ލިބިފައިނުވާކަން ގާނޫނީ ސަރީހަ ނައްސުން އެނގެން ނެތް ކަމަށްވެސް ބުނެފައިވެއެވެ.
އެހެންކަމުން މުހައްމަދު އަހުމަދާއި ޖަމްޝީދު ވަކިކުރަން ނިންމި ނިންމުމާއި ދެން ތިބި އޮފިސަރުންނަށް ދީފައިވާ ނޯޓިސްއަކީ ގާނޫނާ ހިލާފަށް ދީފައިވާ ނޯޓިސްތަކެއް ކަމަށް ކަނޑައަޅައި، އެ ފަރާތްތައް ވަކިކުރަން ނިންމާފައިވާ ނިންމުމަކީ ބާތިލު ނިންމުމެއް ކަމަށް ކަނޑައަޅާ ކަމަށްވެސް ބުނެފައިވެއެވެ.