ރ. އަލިފުށީ ކައިރީ އޮންނަ އެ ރަށުގެ އިހުތިސާސުގެ ތެރޭގައި އޮތް ފަޅު ރަށް އެއްތިނގިލި، އެރަށުގެ އިހުތިސާސުގެ ތެރެއިން ވަކިކޮށްފިއެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ނެރުއްވި ގަރާރެއްގައި ވިދާޅުވީ، ރާއްޖޭގެ އިދާރާ ދާއިރާތައް ހިންގަންވާނީ ލާމަރުކަޒީ އުސޫލުން ކަމަށް ރާއްޖޭގެ ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ކަމަށެވެ.
"ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު"ގައި ރާއްޖޭގެ އެންމެހައި އިދާރީ ދާއިރާތަކުގެ ހިމެނޭ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިހުތިސޯސް ކަނޑައެޅުމުގެ މަސްއޫލިއްޔަތު ރައީސުލްޖުމްހޫރިއްޔާއަށް މަތިކޮށްފައިވާ ކަމަށެވެ.
ރައީސް ވިދާޅުވީ، އެ މަނިކުފާނު 2020 ވަނަ އަހަރު މާޗުގެ މަހުގެ 18 ވަނަ ދުވަހު އެކަށައެޅި ގަރާރުން، ރާއްޖޭގެ އެންމެހައި އިދާރީ ދާއިރާތަކުގެ ހިމެނޭ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިހުތިސޯސް ކަނޑައަޅައި ކޮށްފައިވާ އިއުލާނަށް ބަދަލު ގެންނަށް ޖެހޭ ކަމަށެވެ.
"ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައިވާ ގޮތުގެ މަތިން، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަކުގައި ހިމެނޭ، މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީގެ އިދާރީ ދާއިރާގެ އިހުތިސޯސްގެ ތެރޭގައި ހިމެނޭ މާޅޮސްމަޑުލު އުތުރު އެއްތިނގިލި، އިސްވެ ބަޔާންވެދިޔަ އިދާރީ ދާއިރާގެ އިހުތިސޯސްއިން ވަކިކޮށް މި ގަރާރުގައި ހިމަނައިފައިވާ ޗާޓުގައިވާ ގޮތަށް ކަނޑައަޅައި، މި ގަރާރު އެކަށައެޅީމެވެ" ރައީސް ވިދާޅުވިއެވެ.
އަލިފުއްޓާއި އެއްތިނގިލި އޮންނަނީ އެއް ފަޅެއްގެ ތެރޭގައެވެ.
އަލިފުށީގައި އެއާޕޯޓެއް އެޅުމަކީ މި ސަރުކާރުގެ ވައުދެއް ކަމަށްވާ އިރު، އެރަށު ރައްޔިތުން ބޭނުންވީ އެއްތިނގިލި ހިއްކައިގެން އެއާޕޯޓް އެޅުމަށެވެ. ނަމަވެސް އެއްތިނގިލި ހިއްކައިގެން އެއާޕޯޓް އަޅާނަމަ، ތިމާވެއްޓަށް އެކަމުގެ ނޭދެވޭ އަސަރު ކުރާނެތީ ސަރުކާރުން ވަނީ އެ ހުށަހެޅުން ގަބޫލު ކުރުމަށް ދެކޮޅު ހަދައިފައެވެ.
އަލިފުށީގައި އެއާޕޯޓް އެޅުމުގެ މަސައްކަތް ސަރުކާރުން ވަނީ 450 މިލިއަން ރުފިޔާއަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު