މާލޭގެ ގެއެއްގެ ތެރޭގައި ހިންގި މާރާމާރީއެއްގައި ތޫނު އެއްޗަކުން ހަމަލާދީ އެކަކު ޒަހަމްކޮށްލައިފިއެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، ހެންވޭރު ގެއެއްގެ ތެރޭގައި ދެ މީހެއްގެ މެދުގައި ހިންގި ހަމަނުޖެހުމެއްގައި ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމުގެ މައުލޫމާތެއް މިއަދު މެންދުރު 12:21 ގައި ލިބިފައިވާ ކަމަށެވެ.
މި މާރާމާރީގައި ޒަހަމްވި މީހާއަށް ސެނަހިޔާ ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުންނެވެ. އެއީ 37 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާއަށް ލިބިފައިވާ ޒަހަމްގެ ތަފުސީލެއް އަދި ނުލިބެއެވެ.
ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން ހަމަލާދިން 25 އަހަރުގެ ދިވެހި އަންހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށްވެސް ބުންޏެވެ.