އެމްޑީޕީގެ އެއްވެސް މެންބަރަކަށް ނޭނގި އެހެން ޕާޓީ އަކަށް ވައްދާފައިވާނަމަ ވީ އެންމެ އަވަހަކަށް ޝަކުވާ ފޯމް ފުރިހަމަ ކޮށް އިލެކްޝަންސް ކަމިޝަނަށް ހުށައެޅުމަށް އެ ޕާޓީން އެދިއްޖެއެވެ.
އެޕާޓީން މިގޮތަށް އެދިފައި ވަނީ، ކުރިއަށް އޮތް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެޕާޓިގެ ޓިކެޓްގައި ވާދަ ކުރާނެ ކެނޑިޑޭޓެއްް ކަނޑައެޅުމަށް ބާއްވާ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރުމަށް ހުޅުވާލާފައިވާއިރު، އެ ޕާޓީގެ މެންބަރުންގެ ދަފްތަރު މިހާރު އޮތް ގޮތުން ރިޔާސީ ޕްރައުމރީގެ ވޯޓުލުން އިންސާފުވެރި ނުވާނެ ކަމަށް ވިދާޅުވެ، އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީގެ ދަފްތަރާމެދު ސުވާލު އުފެއްދުމާ ގުޅިގެންނެވެ.
ދަފްތަރު ސައްހަ ނޫންކަމަށް ވިދާޅުވެ އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްތަރު ފައްޔާޒު އިސްމާއީލަށް ރައީސް ނަޝީދު ފޮނުއްވި ސިޓީފުޅެއްގައި ވިދާޅުވެފައި ވަނީ، އެމްޑީޕީއާ ހިތުން ރުހުމުން ގުޅިފައިވާ މެންބަރުންގެ ތެރެއިން 40 ޕަސެންޓް މެންބަރުންގެ ހައްގާއި ބައިވެރިވުން ގެއްލުވާލައި، ބާއްވާ އިންތިހާބެއްގެ ސަބަބުން އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ޕާޓީއަށް ނޭދެވޭ އަސަރު ކުރާނެ ކަމަށެވެ. އެއީ ޕާޓީގެ މަސްލަހަތު ހިފެހެއްޓޭނެ ކަމެއް ނޫން ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
"އެމްޑީޕީގެ ވޯޓުލާ ދަފުތަރުން ސާޅީސްހާހާ ގާތަށް، އެ މެންބަރުންނަށް އެންގުމަކާ ނުލައި ކުއްލިއަކަށް އުނިކުރުމުން ވަނީ ގަޑުބަޑުވެފަ. އެކަން އެހެން އޮއްވައި ޕްރައިމަރީ ކުރިއަށް ގެންދިޔުމުން، ޕްރައިމަރީއަކީ މިނިވަން އަދި އިންސާފުވެރި އިންތިހާބަކަށް ވާނޭ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" ނަޝީދު ވިދާޅުވިއެވެ.
އެމްޑީޕީގެ ސެކްރެޓޭރިއެޓުން މިއަދު ބުނެފައި ވަނީ، އެމްޑީޕީގެ އެއްވެސް މެންބަރަކަށް ނޭނގި އެހެން ޕާޓީ އަކަށް ވައްދާފައިވާނަމަ ވީ އެންމެ އަވަހަކަށް ޝަކުވާ ފޯމް ފުރިހަމަ ކޮށް އިލެކްޝަންސް ކަމިޝަނަށް ހުށައެޅުމަށް އެދޭ ކަމަށެވެ. އޭރުން އެކަން ބަލައި އެމެންބަރަކު އެމްޑީޕީއަށް ރުޖޫއަ ކޮށްދޭނެ ކަމަށްވެސް ބުނެފައިވެއެވެ.
ރައީސް ނަސީދުގެ ތުހުމަތުތަކަށްވެސް އެމްޑީޕީން ރައްދު ދީފައިވެއެވެ.
ރައީސް ނަޝީދުގެ ވާހަކަތަކާ ގުޅިގެން އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އަންނަ އަހަރުގެ ޖެނުއަރީ މަހު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވޯޓު ލުމުގެ ހައްގު ލިބެން ޖެހޭނީ ހަމައެކަނި އެ ޕާޓީގެ މެންބަރުންނަށް ކަމަށެވެ.
"އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވޯޓުލުމުގެ ފުރުސަތު ލިބެން ޖެހޭނީ މި ޕާޓީގެ ސައްހަ މެމްބަރުންނަށް ކަމަށްވާއިރު ގައުމީ މަޖިލީހުގެ ނިންމުމާ އެއްގޮތްވާ ގޮތުގެ މަތިން ދަފްތަރު މިހާރު އޮތީ ސައްހަ ކުރެވި ޕާޓީއަށް ވަންނަން އެދޭ އެންމެހައި ދިވެހި ރައްޔިތުންނަށް ފުރުސަތު ހުޅުވިފަ. އެމްޑީޕީގެ އަސާސީ ގަވާއިދާއި ގައުމީ މަޖިލީހުގެ ނިންމުމާ އެއްގޮތްވާ ގޮތުގެމަތިން, ދަފްތަރު ސައްހަކޮށް, ބެލެހެއްޓެމުން ދަނިކޮށް އެ ދަފްތަރާ މެދު ސުވާލު އުފެދޭ ގޮތަށް ޕާޓީގެ ރައީސް, ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވާތީ ހިތާމަކުރަން،" އެމްޑީޕީން ބުންޏެވެ.
ޚަބަރު
ޚަބަރު