ގަތަރު ވޯލްޑް ކަޕް 2022 ގެ ސެމީ ފައިނަލްގައި ކުޅުނު މޮރޮކޯ ޓީމަށްވެސް އެގައުމުގެ ރައްޔިތުން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.
މިފަހަރުގެ ވޯލްޑް ކަޕްގައި ކުޅުނު މޮރޮކޯ ޓީމް އިއްޔެ އެނބުރި ގައުމަށް ގޮސްފައިވާ އިރު، އެޓީމަށް މަރުހަބާ ކިޔުމަށް އެތައް ބަޔަކު މަގުތަކަށް ޖަމާވެފައި އޮތެވެ. ރަތް ކުލައިގެ ޖާޒީގައި އެތައް ބައެއް މަގުތަކުގައި ފުރިބާރުވެފައި ތިބި އިރު، މޮރޮކޯ ރައްޔިތުންނަށް އެގައުމުގެ ރައްޔިތުންނަކީ ޗެމްޕިއަނުންނެވެ. މޮރޮކޯއިން ވޯލްޑް ކަޕްގައި ތާރީހީ ކާމިޔާބީއެއް މިފަހަރު ހޯދާފައިވާ އިރު، އެގައުމު ވެފައި ވަނީ ވޯލްޑް ކަޕްގެ ސެމީ ފައިނަލްގައި ކުޅުނު ފުރަތަމަ އެފްރިކާގެ ޓީމަށެވެ.
މޮރޮކޯ ވޯލްޑް ކަޕަށް ނުކުތީ ބެލްޖިއަމާއި ކްރޮއޭޝިއާގެ އިތުރުން ކެނެޑާ ހިމެނުނު ގްރޫޕް އެފްގައެވެ. އެ ގްރޫޕުގެ ފެވަރިޓުންގެ ގޮތުގައި ބެލްޖިއަމާއި ކްރޮއޭޝިއާ އޮތް އިރު، ދެން އޮތް ކެނެޑާއަށްވެސް ގިނަ ބަޔަކު އުންމީދުކުރިއެވެ. އެއީ ކެނެޑާ ދިޔައީ އުތުރު އެމެރިކާގެ ކޮލިފިކޭޝަންގައި ތަފާތު ދައްކާފައި ކަމަށްވާތީއެވެ. މޮރޮކޯއިން ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗުގައި އެންމެ ފަހުގެ ރަނަރަޕް ކްރޮއޭޝިއާއާ އެއްވަރުކޮށް، ދެން ޖެހުނު މެޗުގައި ބެލްޖިއަމް ބަލިކުރީ 2-0 އިންނެވެ. އަދި ފަހު މެޗުގައި 2-1 އިން ކެނެޑާ ބަލިކޮށް ގްރޫޕް އެއްވަނަ ހޯދީ ހައިރާންކަން ގެނުވައިފައެވެ.
ގަދަ 16އަށް މޮރޮކޯ ދިޔައީ 1986 ވަނަ އަހަރަށްފަހު ކުރި އިންތިޒާރަށް ނިމުން ގެނުވައިފައެވެ. އެހިސާބުން ކާމިޔާބީ ހިފައިގެން އެނބުރި ގައުމަށް ދާނީ ކަމަށް ބެލެވުނީ ސްޕެއިންނާ ޖެހުމުންނެވެ. އެކަމަކު ކަންވީ ހީކުރި ގޮތާ މުޅިން ހިލާފަށެވެ. މޮރޮކޯއިން ޕެނަލްޓީގައި 2010 ވަނަ އަހަރުގެ ޗެމްޕިއަން ސްޕެއިން ބަލިކުރިއެވެ. ބަލިކޮށް، އެގައުމުގެ ތާރީހުގައި ފުރަތަމަ ކުއާޓާ ފައިނަލަށް ދިޔައީ އެތައް ބަޔަކު ސިއްސުވާލައިފައެވެ.
ކުއާޓާ ފައިނަލްގައި މޮރޮކޯ ޖެހުނީ ޔޫރަޕްގެ ޗެމްޕިއަނެއް ކަމަށްވާ ޕޯޗުގަލާއެވެ. އެއީވެސް މޮރޮކޯގެ ދަތުރުގެ ނިމުން ކަމަށް ބެލެވި، އެރޭ ތިބީ މޮރޮކޯއަށް އެފްރިކާގެ ތާރީހު ނުލިޔެވޭނެ ކަމަށް ބަލައިގެންނެވެ. އެ ހީކުރުމަށްވެސް މޮރޮކޯ ޖަވާބު ދިނެވެ. 1-0 އިން ޕޯޗުގަލް ބަލިކޮށް، މޮރޮކޯ އެފްރިކާގެ ތާރީހުވެސް ލިޔެލިއެވެ. މޮރޮކޯއަކީ ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް ދިޔަ އެފްރިކާގެ ފުރަތަމަ ގައުމެވެ. ސެމީއާ ހަމައަށް ދިޔައިރު، ކޮޅަށް ވަދެފައި ވަނީ އެންމެ ގޯލެކެވެ. އެވެސް ބައިކޮޅަށް ވަން ގޯލެކެވެ.
ސެމީގައި އެންމެފަހުގެ ޗެމްޕިއަނުން ފްރާންސް ކައިރީވެސް މޮރޮކޯ ހިތްވަރުކުރިއެވެ. އަނިޔާގެ އެތައް މައްސަލަތަކަކާއެކުވެސް މޮރޮކޯ ހަމަލާތައްވެސް އުފެއްދިއެވެ. 2-0 އިން މެޗުން ބަލިވި ނަމަވެސް މޮރޮކޯ ވަނީ އެތައް ބައެއްގެ ހިތްތައް އަތުލައިފައެވެ.
މިފަހަރުގެ ވޯލްޑް ކަޕްގައި މޮރޮކޯއަށް އިތުރު ލޯތްބެއްވެސް އެތައް ބަޔަކު ދިނެވެ. އެއީ ޝުކުރުގެ ސަޖިދަ ޖެހުމާއި އާއިލާތަކަށް ދިން ލޯބީގެ އިތުރުން ފަލަސްތީނު ދިދަ ދަނޑުމަތީގައި ވިހުރުވާލުމުން މުސްލިމް ގައުމުތަކުން މޮރޮކޯއަށް ދިން ލޯތްބެކެވެ. އެ ހުރިހާ މަންޒަރަކާއެކު ވޯލްޑް ކަޕްގެ އެންމެ ހާއްސަ ޓީމަކަށް މިފަހަރުވީ މޮރޮކޯއެވެ.