ޚަބަރު

ސާނަވީ އިމްތިހާނު ނިންމާ ދެ ދަރިވަރަކަށް ސްޓެލްކޯއިން ސްކްލާޝިޕް ދެނީ

މުހައްމަދު އިޝާން

ސްޓެލްކޯއިން ސާނަވީ އިމްތިހާނު ނިންމާ ދަރިވަރުންގެ ތެރެއިން ދެ ދަރިވަރަކަށް އެ ކުންފުނީގެ މަސައްކަތުގެ ދާއިރާއަކުން ސްކޮލާޝިޕް ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފު ވިދާޅުވެއްޖެއެވެ.

ސްޓެލްކޯއިން ފޯރުކޮށްދޭ ކަރަންޓުގެ ހިދުމަތައް 73 އަހަރުން ފުރުން ފާހަގަކުރަން ސްޓެލްކޯގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝަރީފު ވިދާޅުވީ، ސްޓެލްކޯއިން ބޭނުންވަނީ ރާއްޖެއިން ބޭރުން ހުނަރުވެރިން ގެނައުމުގެ ބަދަލުގައި ނުވަތަ ރާއްޖެއިން ބޭރުގެ ހުނަރުވެރިންގެ ލަފާ އާއި މަޝްވަރާ ހޯދުމުގެ ބަދަލުގައި ދިވެހިންގެ ލަފާ އާއި މަޝްވަރާގެ އެހީގައި ހަކަތައިގެ ދާއިރާ ކުރިއަރުވަން ކަމަށެވެ.

"ކުރިމަގުގަ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ވިސްނުން އެބަހުރި ރާއްޖޭގެ މި ހިދުމަތައް ތަމްރީނު ކުރުމަށްޓަކައި. އަޅުގަނޑުމެން މިހާރު ކަމާބެހޭ ފަރާތްތަކާ މަޝްވަރާ ކުރަމުންމިދަނީ އިރާދަކުރެއްވިއްޔާ މިއަންނަ އަހަރުން ފެށިގެން ރާއްޖޭގެ މަތީ ސާނަވީ ނިންމާ ކުދިންގެ ތެރެއިން، ރަނގަޅު ނަތީޖާ ހޯދާ ކުދިންގެ ތެރެއިން ކޮންމެ ދެ ކުއްޖަކު ކޮންމެވެސް އަންހެން ކުއްޖަކާ ފިރިހެން ކުއްޖަކު އަޅުގަނޑުމެން ސްޓެލްކޯއިން ބޭނުންވާ ދާއިރާއަކުން ކިޔެވުމުގެ ފުރުސަތު ހުޅުވާލުމާ ބެހޭގޮތުން މިހާރު އަޅުގަނޑުމެން މަޝްވަރާކުރަމުން އެބަދަން،" ޝަރީފު ވިދާޅުވިއެވެ.

ޝަރީފު ވިދާޅުވީ ސްޓެލްކޯގައި މިހާރު ވެސް ޒުވާން ދިވެހި އިންޖީނިއަރުންގެ ޓީމެއް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ވިދާޅުވީ މިއަންނަ އަހަރުން ފެށިގެން ރަށްރަށުގެ ސްކޫލުތަކުގައި "ހަކަތަ އުފެއްދުމާއި ހަކަތަ ބޭނުން ކުރުމާއި ހަކަތަ އިގުތިސޯދު ކުރުމާ" ގުޅޭ ސައިންސް ފެއާއެއް ބޭއްވުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެ ފެއާގެ ބޭނުމަކީ ކަރަންޓު ހިދުމަތް ތިމާވެއްޓާ ރަށްޓެހި ގޮތަކަށް ބަދަލުކުރުމަށް ސަރުކާރުންނާއި ސްޓެލްކޯއިން ކުރަމުންދާ މަސައްކަތް ފުޅާކުރުން ކަމަށް ޝަރީފު ވިދާޅުވިއެވެ.

މާލެއާ އުތުރުން އެންމެ ކައިރީގައިވާ ހަތަރު ރަށާއި އެ ރަށްތަކުގެ ކައިރީގައިވާ ރިސޯޓުތަކަށް ބޭނުންވާ ވަރަށް ފެހި ހަކަތަ 2024 ގެ ނިޔަލަށް ސްޓެލްކޯއަށް ފޯރުކޮށްދިނުމުގެ ގާބިލުކަން ލިބިގެންދާނެ ކަމަށެވެ. އަދި މާލެއިން ދެކުނުގައި ދެ ރަށާއި އެ ދެރަށް ކައިރީގައިވާ ރިސޯޓުތަކަށް ބޭނުންވާ ވަރަށް ސޯލާ ހަކަތަ 2024 ގެ ނިޔަލަށް ފޯރުކޮށް ދިނުމުގެ ގާބިލްކަން ސްޓެލްކޯއަށް ލިބިގެންދާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފު ވިދާޅުވީ ކުނިން ކަރަންޓް އުފެއްދުމަކީ ސަރުކާރުގެ ސިޔާސަތެއް ކަމަށާއި ކުނިން ކަރަންޓް އުފެއްދުމުގެ މަސައްކަތް ތިލަފުށީގައި ކުރަމުންދާ ކަމަށެވެ. އަދި ކުނިން އުފައްދާ ކަރަންޓުގެ 10 ކިލޯވޯޓް ގަތުމަށް ސަރުކާރާއެކު މަޝްވަރާ ކުރަމުންދާ ކަމަށް ޝަރީފު ވިދާޅުވިއެވެ.

ސަރުކާރުގެ އަމާޒެއް ކަމަށްވާ 2030 ވަނަ އަހަރު ރާއްޖެ ކާބަން ނިއުޓްރަލް ގައުމަކަށް ހެދުމަށް ކުރަމުންދާ މަސައްކަތަށް ސްޓެލްކޯއިން އެކި ގޮތްގޮތުން އެހީވަމުންދާ ކަމަށް ޝަރީފު ވިދާޅުވިއެވެ.