ގަތަރު ވޯލްޑް ކަޕް 2022

ފްރާންސްގެ ޕެނަލްޓީ ނާކާމިޔާބުވި ޗުއަމެނީއާއި ކޯމަންއަށް ނަސްލީ ގޮތުން ދިމާކުރުންތަކެއް!

މުޙައްމަދު ޝަމްޢޫން

ފްރާންސުން އާދީއްތަ ދުވަހުގެ ރޭ ކުޅުނު ގަތަރު ވޯލްޑް ކަޕް 2022 ގެ ފައިނަލްގައި އާޖެންޓީނާއާ ދެކޮޅަށް ޖެހި ޕެނަލްޓީތައް ނާކާމިޔާބުވި ކިންގްސްލީ ކޯމަން އާއި އޮރެލިއެން ޗުއަމެނީއަށް އޮންލައިންކޮށް، ނަސްލީގޮތުން ތަފާތުކުރުންތައް ކުރިމަތިވެއްޖެއެވެ.

ގަތަރުގެ ލުސައިލް އައިކަނިކް ސްޓޭޑިއަމްގައި ފްރާންސާ ދެކޮޅަށް އާޖެންޓީނާ ކުޅުނު ފައިނަލް ފެނިގެން ދިޔައީ އާދަޔާހިލާފު ފޯރިގަދަ ކޮށެވެ. ފައިނަލްގައި އާޖެންޓީނާއިން ފުރަތަމަ ދެ ގޯލް ޖަހައި ލީޑެއް ނެގި ނަމަވެސް، ފަހަތުން އަރައި ފްރާންސް ޖެހި ދެ ގޯލާއެކު މެޗު އިތުރު ވަގުތަށް ދިޔައީ 2-2 އިން އެއްވަރުވެގެންނެވެ. އެ ނަތީޖާއާއެކު އިތުރު ވަގުތަށް ގޮސް، މެޗު އަނެއްކާވެސް 3-3 އިން އެއްވަރުވެ، ޕެނަލްޓީގައި އާޖެންޓީނާ މެޗު ކާމިޔާބުކުރީ 4-2 ގެ ނަތީޖާއަކުންނެވެ.

ފްރާންސްގެ ޕެނަލްޓީތަކުގެ ތެރެއިން ކޯމަން ޖެހި ޕެނަލްޓީ އާޖެންޓީނާގެ ގޯލްކީޕަރު އެމިލިއާނޯ މާޓިނޭޒް މަތަކުރި އިރު، ޗުއަމެނީ ޖެހި ޕެނަލްޓީ ދިޔައީ ބޭރަށެވެ. އުމުރުން 26 އަހަރުގެ ކޯމަންއަށް ނަސްލީ ތަފާތުކުރުންތައް ކުރިމަތިވުމާއެކު އޭނާގެ ކްލަބު ބަޔާން މިއުނިކުން ވަނީ ބަޔާނެއްވެސް ނެރެފައެވެ.

ބަޔާނުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ "ބަޔާންގެ އާއިލާ ކޯމަންގެ ފަހަތުގައި ތިބޭނެ،" ކަމަށެވެ. ކުޅިވަރުގައި ނަސްލީ ތަފާތުކުރުމަށް އެއްވެސް ޖާގައެއް ނޯންނާނެ ކަމަށް ބަޔާންއިން ބުނެފައިވެއެވެ.

އުމުރުން 22 އަހަރުގެ ޗުއަމެނީ އާއި ކޯމަންއަށްވެސް ނަސްލީ ގޮތުން ދިމާކުރުމުގެ މައްސަލައިގައި ފްރާންސް ގައުމީ ޓީމުންވެސް ވަނީ ބަޔާން ނެރެފައެވެ. ފްރާންސް ފުޓުބޯޅަ އިދާރާއިން ބުނެފައި ވަނީ ޗުއަމެނީއާއި ކޯމަންއަށް އޮންލައިންކޮށް ނަސްލީގޮތުން ދިމާކުރި މައްސަލަތަކެއް ފެންމަތިވެފައިވާ ކަމަށާއި، އެކަން ހަރުކަށި އިބާރާތަކުން ކުށްވެރި ކުރާ ކަމަށެވެ.

ހަބަރުތައް ބުނެފައިވާ ގޮތުގައި ދެކުޅުންތެރިންނަށްވެސް ނަސްލީ ގޮތުން ދިމާކުރުންތައް އަމާޒުވީ އިންސްޓާގްރާމްގައެވެ.

މީގެ ކުރިން ޔޫރޯ 2020 ގެ މުބާރާތަށްފަހު އިންގްލެންޑްގެ ޕެނަލްޓީ ނާކާމިޔާބު ކޮށްލި މާކަސް ރަޝްފޯޑާއި، ބުކަޔޯ ސަކާއަށް ވެސް ނަސްލީގޮތުން ދިމާކުރި މައްސަލަތަކެއް ފެންމަތިވެފައިވެއެވެ.