ރާއްޖެ އާއި ޖަޕާނުގެ ގުޅުން ރަމްޒުކޮށްދޭ މޮނިއުމަންޓް އަލުން ބަހައްޓައި މިއަދު ހުޅުވައިފިއެވެ.

ދެ ގައުމުން ސިޔާސީ ގުޅުން ގާއިމުކުރިތާ 55 އަހަރު ފުރުން ފާހަގަކުރުމަށް އުސްފަސްގަނޑުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ޓެޓްރަޕޮޑް ނުވަތަ އާންމު ނަމުން ނަމަ "ބަޖިޔާ ގާ" އެއްހަން ހަދާފައިވާ މޮނިއުމަންޓް ހުޅުވައިދެއްވީ ޖަޕާނުގެ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޓަކޭ ޝުންސުކޭ އާއި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް އަދި ފޮރިން މިނިސްޓަރު އަބްދުالله ޝާހިދެވެ.

މާލޭގެ ކުރީގެ އަޑި ޕާކު ސަރަހައްދުގައި މީގެ ކުރީން ބަޖިޔާ ގާ މޮނިއުމަންޓެއް ބަހައްޓާފައި ހުއްޓެވެ. އެއީ މާލޭގެ ސަލާމަތަށް ޖަޕާން ސަރުކާރުގެ އެހީގައި މާލެ ވަށާ ބަޖިޔާ ގާ ބޭނުންކޮށްގެން ލާފައިވާ ތޮށީގެ ރަމްޒެއްގެ ގޮތުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ހެދި މޮނިއުމަންޓެކެވެ.

ނަމަވެސް ކުރީގެ ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި ސިނަމާލެ ބްރިޖުގެ މަސައްކަތް ފެށުމަށް އެ މޮނިއުމަންޓް އެތަނުން ނެގިއެވެ. އެ މޮނިއުމަންޓް އޭގެ ފަހުން އެހެން ތަނެއްގައި ބަހައްޓާފައެއް ނުވެއެވެ.