އާދީއްތަ ދުވަހުގެ ރޭ ގަތަރުގެ ލުސައިލް ސްޓޭޑިއަމްގައި ކުޅެވިގެން ދިޔަ ގަތަރު ވޯލްޑް ކަޕް 2022ގެ ފައިނަލް މެޗުގެ ކުރިން އެންމެން ދެއްކި ވާހަކައަކީ އާޖެންޓީނާގެ ލިއޮނަލް މެސީއާއި ފްރާންސްގެ ކިލިއަން އެންބާޕޭގެ ކުރިމަތިލުމުގެ ވާހަކައެވެ. އެ ވާހަކަ ދެއްކުނު ސަބަބެއްވެސް އޮތީއެވެ. އެއީ ދުނިޔޭގައި ތިބި އެންމެ މޮޅު ދެ ކުޅުންތެރިންގެ ކުރިމަތިލުމަކަށް ވީމައެވެ. އެދެކުޅުންތެރިންގެ ތަފާތާއެކު ފައިނަލް ނިމިގެން ދިޔަ ހިސާބުން އެންމެންގެ ސިކުނޑިއަށްވެސް އެހެން ނަމެއް އައެވެ. އާޖެންޓީނާގެ ގޯލްކީޕަރު އެމިލިއާނޯ މާޓިނޭޒް، "ޑީބޫ"ގެ ނަމެވެ.
އެތައް ބައެއްގެ ނަޒަރުގައި އާޖެންޓީނާއިން ފުލުފުލުގައި ހޯދަމުން އަންނަ ކާމިޔާބީތަކުގެ އަސްލު "ހީރޯ"އަކީ މާޓިނޭޒް އެވެ. އެއީ ކޮޕާ އެމެރިކާ 2021 އިން ފެށިގެން އައިސް، ފައިނަލިސީމާގެ އިތުރުން ވޯލްޑް ކަޕާ ހަމައަށެވެ. ގިނަ ބަޔަކު ދުށް ގޮތުގައި އާޖެންޓީނާގެ ފެއިލިއާތަކަށް ފަސް އެޅުމަށް އެންމެ ބޮޑަށް އެހީވީ ގޯލްކީޕަރަށް އައި ބަދަލެވެ. އާޖެންޓީނާއިން ފުރިހަމަކުރަން މަސައްކަތްކުރި "ޕަޒުލް"ގެ މަދުވާ "ޕީސް"އަކީ ގޯލްކީޕަރެކެވެ. އެކަން ފެނުނީ މާޓިނޭޒްގެ ތަފާތުންނެވެ.
މާޓިނޭޒްގެ ކެރިއަރަކީ ފަސޭހަ ފުރުސަތުތަކެއްގެ ކެރިއަރެއް ނޫނެވެ. އިންތިޒާރުތަކެއް ކުރަން ޖެހުނު، މާޔޫސްވެސް ވި ކެރިއަރަކެވެ. މާޓިނޭޒްގެ ކެރިއަރުގެ ވިދުމަށް އޭނާއަށް އެތައް އިންތިޒާރެއް ކުރަން ޖެހުނެވެ. ޅައުމުރުގައި އާޖެންޓީނާގެ ކާމިޔާބު އިންޑިޕެންޑިއެންޓޭއަށް ކުޅެމުން ދިޔައީ ޔޫރަޕްގެ ފުރުސަތަކަށް ބަލައިގެންނެވެ. އެ ފުރުސަތު، އުމުރުން އެންމެ 17 އަހަރުގައި ހަމަޖެހުނު ޓްރައިލަކުން ލިބުނެވެ. އާސެނަލްގެ ޓްރައިލަށް ގައުމާއި އާއިލާ ގުރުބާންކޮށް މާޓިނޭޒް ގޮސް، ޓްރައިލުން ފާސްވިއެވެ.
އެއީ އާސެނަލްއާއެކު ޔޫރަޕްގެ ކެރިއަރުގެ ބިންގާއެއް އެޅުނު ކަމަށް ބެލެވުނު ނަމަވެސް، އެއީ އަދި ފެށުމަކަށް ނުވިއެވެ. 2012 ވަނަ އަހަރުން ފެށިގެން ހަ ކްލަބެއްގައި ލޯން އެއްބަސްވުންތަކަށް ގޮސް ކުޅެން ޖެހުނެވެ. އޮކްސްފޯޑް ޔުނައިޓެޑާއި، ޝެފީލްޑް ވެނިސްޑޭ، ރޮތަހަމް ޔުނައިޓެޑް، ވުލްސްގެ އިތުރުން ގެޓާފޭއާއި ރެޑިންއަށް މާޓިނޭޒް ލޯންގައި ކުޅުނެވެ. އެ ލޯން ސީޒަންތަކުގައިވެސް އެކަށީގެންވާ މެޗުތަކެއް ކުޅެން ލިބިފައެއްވެސް ނުވެއެވެ.
އާސެނަލްގައި 2020 ވަނަ އަހަރާ ހަމައަށް ހޭދަކުރި އިރު، އެޓީމުގައި މަޑުކޮށްލަން ލިބުނީ 2019 ވަނަ އަހަރު ސީޒަނުގައެވެ. އެ ސީޒަނުގައި މަޑުކޮށް، 2020 ވަނަ އަހަރުގެ ޖޫން މަހުގެ މެޗެއްގެ ތެރެއިން އާސެނަލްގެ އޭރުގެ ގޯލްކީޕަރު ޖަރުމަނުގެ ބާންޑް ލޭނޯއަށް އަނިޔާވެގެން އޭނާގެ ބަދަލުގައި މާޓީނޭޒަށް ކުޅެލަން ފުރުސަތު ލިބުނެވެ. އެ ފުރުސަތުގައި މާޓިނޭޒް ވިދާލައި، ޓްރާންސްފާއަކަށް ފުރުސަތު ހޯދިއެވެ. އެއީ އާސެނަލްގައި ކުރިމަގެއް ނެތް ކަމަށް ބަލައިގެންނެވެ.
އާސެނަލާއެކު އެފްއޭ ކަޕް ހޯދައި އެފްއޭ ޗެރިޓީ ޝީލްޑްސް މާޓިނޭޒްގެ މޮޅު ޕެނަލްޓީ ސޭވްތަކުން އާސެނަލް ލިވަޕޫލްވެސް ބަލިކުރިއެވެ. އެހިސާބުން ޕެނަލްޓީގައި މާޓިނޭޒްގެ ހުނަރު، ދުނިޔޭގެ ސަމާލުކަމަށް އަންނަން ފެށިއެވެ.
އުމުރުން 17 އަހަރު ގައުމު ދޫކޮށްލި މާޓިނޭޒް، އަބަދުމެ ދެކެމުން އަންނަ ގައުމީ ޓީމުގެ ހުވަފެނަށް އޭނާއަށް ގިނަ މެޗުތަކެއް ބޭނުންވާކަން އެނގި، އެކަމަށް ފުރުސަތު ފަހިކުރަން 2020 ވަނަ އަހަރު ސެޕްޓެމްބަރު މަހު އެސްޓޮން ވިލާ އަށް ބަދަލުވިއެވެ. އެއީ މާޓިނޭޒް ގައުމީ ޓީމަށް ކުރާ ދަތުރުގައި ލިބުނު ހިތްވަރެކެވެ.
އާޖެންޓީނާގެ 17 އަހަރުން ދަށުގެ ގައުމީ ޓީމާއި، 20 އަހަރުން ދަށުގެ ގައުމީ ޓީމަށް މާޓިނޭޒް ކުޅުނު ނަމަވެސް، އޭނާއަށް ސީނިއާ ޓީމަށް އެރުން ވީ އުނދަގޫ ކަމަކަށެވެ. 2018 ވަނަ އަހަރު ވޯލްޑް ކަޕް ބެލުމަށް ރަޝިއާއަށް ގޮސް މާޓިނޭޒް ސޯޝަލް މީޑިއާއަށް ދޫކޮށްލި ފޮޓޯއެއްގައި ބުނެފައި ވަނީ "ދެން ވޯލްޑް ކަޕެއްގައި އާޖެންޓީނާ ގޯލްގައި ހުންނާނީ އަހަރެން،" ކަމަށެވެ. އެހެން ނަމަވެސް އެއީ އެއްވެސް ހާލެއްގައި ކުލަ ޖެހޭނެ ހުވަފެނެއެއް ކަމަށް ބަޔަކަށް ގަބޫލުކުރަން އުނދަގޫވާނެއެވެ. އޭރު މާޓިނޭޒް ދިޔައީ އެކިއެކި ކްލަބުތަކުގެ ލޯން އެއްބަސްވުންތަކުގެ ތެރެއިންނެވެ. ޝަކުވާއެއް ނުކޮށް ބެންޗުގައި އިންނަން ޖެހުނަސް ވަރިހަމަކަމަށް ބަލައި، ދިޔައީ މަސައްކަތް ކުރަމުންނެވެ.
2011 ވަނަ އަހަރާއި 2019 ވަނަ އަހަރު ގައުމީ ޓީމަށް ނެގި ނަމަވެސް މެޗެއް ނުކުޅެ އިން މާޓިނޭޒަށް، ގައުމީ ޖާޒީގައި ގޯލަށް ނުކުންނަން ފުރުސަތު ލިބުނީ 2021 ވަނަ އަހަރު ޖޫން މަހުގެ ތިންވަނަ ދުވަހުއެވެ. އެއި ޗިލީއާ ދެކޮޅަށް ކުޅުނު ފީފާ އެކުވެރިކަމުގެ މެޗަކަށެވެ. އެމެޗު 1-1 އިން އެއްވަރުވި އިރު، ދެން ޖެހުނީ ކުއްލިއަކަށް ކޮޕާ އެމެރިކާއަށް ޓީމާއެކު ނުކުންނާށެވެ.
އެ މުބާރާތް ވީ މާޓިނޭޒް، ޑީބޫ ދުނިޔެއަށް ތައާރަފު ވެލަން ލިބުނު މުބާރާތަށެވެ. އޭނާގެ މައިންޑް ގޭމްސްތައް ދުނިޔެއަށް ދައްކާލިއެވެ. ސިކުނޑި އާދަޔާ ހިލާފު ގޯލްކީޕަރަކަށް ނޫނީ ނުނެރެވޭނެ ނަތީޖާއެއް އޭނާ އެ މުބާރާތުގެ ޕެނަލްޓީގައިވެސް ނެރުނެވެ. މުބާރާތުގެ ސެމީ ފައިނަލްގައި އާޖެންޓީނާއިން ކޮލަމްބިއާ ބަލިކުރި މެޗުގެ ޕެނަލްޓީ ޝޫޓްއައުޓްގައި މާޓިނޭޒް ތިން ޕެނަލްޓީ މަތަކުރިއެވެ.
މުބާރާތުގެ ފައިނަލްގައި މޮޅަށް ކުޅެ، ފައިނަލްގައި ކްލީން ޝީޓް ހޯދައި، މާޓިނޭޒް އެ މުބާރާތުގެ ރަން އަންގި ހޯދިއެވެ. އެ މުބާރާތަކީ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ގައުމީ ޓީމަށް ހޯދި ފުރަތަމަ ތަށި ކަމަށްވީ އިރު، އެ ތަށި މެސީއަށް ހާއްސަ ވިއެވެ. އެ ހާއްސަކަމަށް މެސީ މާޓިނޭޒަށް ޝުކުރު އަދާކުރިވެސް މެއެވެ.
"ޓީމުގެ އާދަޔާހިލާފު ތަރިއަކީ މާޓީނޭޒް، އޭނާ އަކީ ޓީމުގެ ރޫހު،" އެ މުބާރާތަށްފަހު މެސީ ބުންޏެވެ.
ދެބައްރުގެ ޗެމްޕިއަނުން ކަމަށްވާ އިޓަލީ އާއި ދެކުނު އެމެރިކާ އާޖެންޓީނާ މިއަހަރު ޖޫން މަހުގައި ވެމްބްލީގައި ކުޅުނު ފައިނަލިސީމާވެސް މާޓިނޭޒް ކާމިޔާބުކުރި އިރު، ވޯލްޑް ކަޕަށް އާޖެންޓީނާ ދިޔަ އިރުވެސް، ކީޕަރަށް އެޓީމަށް ބޮޑު އިތުބާރެއް އޮންނާނެކަން ޔަގީނެވެ. އެ އިތުބާރަށް މާޓިނޭޒް ފުރަތަމަ ރައްދު ދިނީ ނެދަލޭންޑްސްއާ ދެކޮޅަށް ކުޅުނު ކުއާޓާ ފައިނަލްގެ ޕެނަލްޓީ ޝޫޓްއައުޓްގައެވެ.
އެ ޕެނަލްޓީ ޝޫޓްއައުޓުން އާޖެންޓީނާ އާއި މެސީ ސަލާމަތްކޮށްދިނީ މާޓިނޭޒްގެ ދެ ޕެނަލްޓީ ސޭވަކުންނެވެ. އެ މެޗު ނިމުމާއެކުވެސް ކެޕްޓަން މެސީ ގޮސް ބައްދާލީ މާޓިނޭޒް ގައިގައެވެ. މާޓިނޭޒަށް ހާއްސަ ޝުކުރެއް މެސީ އަދާކުރިއެވެ. މެޗަށްފަހު ބުނީ "އިތުބާރު އޮތް،" ކަމަށެވެ.
ދެން އޮތީ ފައިނަލްގެ ވާހަކައެވެ. މެޗު 3-3 އިން އެއްވަރުވެ ޕެނަލްޓީއަށް ދިޔުމުންވެސް މާޓިނޭޒްގެ ޗަރުކޭސް ފެށިއެވެ. ފްރާންސުން ޕެނަލްޓީ ޖަހަންދާ ކޮންމެ ކުޅުންތެރިޔަކާވެސް މާޓިނޭޒް ދިޔައީ ވާހަކަ ދައްކަމުންނެވެ. ފްރާންސްގެ ކިންގްސްލީ ކޯމަން ޖެހި ޕެނަލްޓީ މާޓީނޭޒް މަތަކޮށް، އޮރެލިއަން ޗުއެމެނީ ޕެނަލްޓީ ޖަހަން ދިޔުމުން ބޯޅަވެސް ދުރަށް ޖަހައި، އޭނާއަށް އުނދަގޫ ކުރިއެވެ. ފޯކަސް ގެއްލިފައި ހުރި ޗުއެމެނީ ޖެހި ޕެނަލްޓީ ދިޔައީ އަރިމަތިން ބޭރަށެވެ. މާޓިނޭޒް އުފާފާޅުކުރީ އެލެން ޕާޑިއު ސްޓައިލްގެ ތަފާތު ނެށުމަކުންނެވެ. ފްރާންސް ބަލިވީ ޕެނަލްޓީގައި 4-2 ގެ ނަތީޖާއަކުންނެވެ.
"އެމީ މާޓިނޭޒަކީ ޕޮސިޓިވް ކުޅުންތެރިއެއް. ޕެނަލްޓީތަކެއް މަތަކޮށްލާނެ ކަމަށް މާކުރިންވެސް ބުނި،" އާޖެންޓީނާގެ ކޯޗު ސްކަލޯނީ މެޗަށްފަހު ބުންޏެވެ.
"ޔަގީނުންވެސް މާޓިނޭޒްގެ މައިންޑް ގޭމްތަކުގެ އަސަރުކުރި. އޭނާ ދެއްކި ޗަރުކޭހުން ފްރާންސް ކުޅުންތެރިން ފޯކަސް ގެއްލިގެން ދިޔަ،" މާޓިނޭޒްގެ ޕެނަލްޓީއަށް އިންގްލެންޑްގެ ކުރީގެ މިޑްފީލްޑަރު ޖެރަމައިން ޖީނަސް ބުންޏެވެ.
"މާޓިނޭޒް ހަމަ ގަސްދުގައި ފްރާންސް ކުޅުންތެރިންގެ ފޯކަސް ގެއްލުވާލީ. ބޯޅަ ދުރަށް ޖަހައި، ކުޅުންތެރިންނާ ވާހަކަ ދައްކައި، ކުޅުންތެރިންނަށް ކުރެވެން އޮތް ޕްރެޝަރެއް މާޓީނޭޒް ކުރި،" ކުރިން އިންގްލެންޑްގެ ފޯވަޑް އެލެން ޝިއެރާ ބުންޏެވެ.
އޭގެ އިތުރުން ރިއޯ ފާޑިނޭންޑް ނަޒަރުގައިވެސް މާޓީނޭޒް ކުރި ހުރިހާ ކަމެއްގެ އަވައިގައި ފްރާންސް ޖެހުނެވެ. ބޯޅަ ޖަހައި ކުޅުންތެރިންޔާގެ ލޮލަށް ބެލުމުގެ އިތުރުން ރޮނގުމަތީގައި ހަރަކާތްތައް ގެންގުޅޭ ގޮތުންވެސް ޕެނަލްޓީ ޖަހަންދާ ކުޅުންތެރިޔާއަށް އުނދަގޫތަކާ ކުރިމަތިވާނެ ކަމަށް ފާޑިނެންޑް ދެކެއެވެ. އެކަން އެހެންވިވެސް މެއެވެ.
ރަން އަންގިއާއެކު މާޓިނޭޒް އޭނާގެ ރަސްމީ "ހަޔާތްކުޑަ" އުފާފާޅުކުރުމުން އުފާފާޅުކުރިއެވެ. އެކަމަށްވެސް ފާޑު ކިޔުންތައް އަމާޒުވެފައިވާ އިރު، މާޓިނޭޒްގެ ސަމާލުކަން ހުރީ އުފާފާޅުކުރުމަށެވެ. އިންތިޒާރުގެ ދަތުރު މާޔޫސްވެ، އުނދަގޫ ނަމަވެސް ފޮނިމީރުކަން ލިބުނީ ވޯލްޑް ކަޕުންނެވެ. ކެޕްޓަން މެސީގެ އެންމެ ބޮޑު އިތުބާރެއް އޮންނަ މާޓީނޭޒަކީ ދުނިޔޭގެ ޗެމްޕިއަނެކެވެ.