މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށްޓަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ހިޔާނާތުގެ މައްސަލަ ކުރިއަށްގެންދަވާ ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލު އެ މައްސަލައިން ތަނާޒުލުވެވަޑައިގެންފިއެވެ.

މި މައްސަލައާ ގުޅިގެން ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިން ކުށުގެ ދެ ދައުވާއާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާއެއް އުފުލާފައިވެއެވެ. އޭގެ އިތުރުން މއ. ކުރިކީލަހިޔާ އަހުމަދު ކްރިކް ރިޒާގެ މައްޗަށާއި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އަދި ސަން އިންވެސްޓްމަންޓްގެ މައްޗަށްވެސް ދައުވާކޮށްފައިވެއެވެ.

ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ބުނާ ގޮތުން، ރައީސް ޔާމީން ވަނީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން މއ. ކުރިކީލަހިޔާ، އަހުމަދު ކްރިކް ރިޒާ މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި 1،117،000 އެމެރިކާ ޑޮލަރު ހޯދައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިންއާއި ސަން އިންވެސްޓްމެންޓް ބޭނުންކޮށްގެން އެ ފައިސާ ލޯންޑާކުރުމަށްޓަކައި ފަށަލަކޮށްފައެވެ.

އެ މައްސަލައިގެ ތެރެއިން ޖުމުލަ 38،334،560 އެމެރިކާ ޑޮލަރު ދައުލަތަށް އަނބުރާ ހޯދަން މަސައްކަތް ކުރާނެ ކަމަށް ވެސް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފައިވެއެވެ.

އެއީ ކުށުގައި ހިމެނޭ ފައިސާގެ ގޮތުގައި 1،349،885 އެމެރިކާ ޑޮލަރާއި ކުށުގެ އަމަލުން ހޯދި ފައިސާއާ އެއްކޮށްފައިވާ 2،295،250 އެމެރިކާ ޑޮލަރާއި ޖޫރިމަނާގެ ގޮތުގައި 34،689،425 އެމެރިކާ ޑޮލަރެވެ.

މި މައްސަލައާ ހަވާލުވެ ހުންނެވި ގާޒީ ޝަކީލް މައްސަލައިން ތަނާޒުލުވުމުން އެ މައްސަލަ ގާޒީ އަލީ ނަދީމުގެ ސެކްޝަނާ ވަނީ ހަވާލުކޮށްފައެވެ. ނަމަވެސް އެއީ ކޮން ކަމަކާ ގުޅިގެން ގެނައި ބަދަލެއް ކަމެއް އަދި ސާފެއް ނުވެއެވެ.

މި މައްސަލައިން ގާޒީ ޝަކީލް ތަނާޒުލުވެވަޑައިގެންނެވި އިރު، އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާ ގުޅިގެން ރައީސް ޔާމީންއާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތްވެސް ކުރިއަށް ގެންދަވަނީ، އިސް ގާޒީ ޝަކީލެވެ. އެއީ ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ހިންގާފައިވާ ހިޔާނާތުގެ މައްސަލައެކެވެ.

ފުއްގިރި ހިޔާނާތުގެ މައްސަލާގެ އަޑުއެހުމެއް ނުބާއްވާތާ އަހަރަކަށްވުރެ ގިނަ ދުވަސްވި ނަމަވެސް އާރަށު ކޮރަޕްޝަންގެ މައްސަލަ މިހާރު ވަނީ ހުކުމާ ހަމައަށް ގޮސްފައެވެ.

އެންމެފަހުން އެ މައްސަލައިގައި އޮތް އަޑުއެހުން ނިންމަވާލައްވަމުން، ހުސްވި ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހު އިސް ގާޒީ ވިދާޅުވީ، އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން، ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންނާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާއާއި ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ދިނުމުގެ ކުށުގެ ދައުވާގެ އަޑުއެހުންތައް ނިންމާލެއްވީ ކމަށައި، 30 ދުވަހުގެ ތެރޭގައި އެ މައްސަލައިގެ ހުކުމް އިއްވަވާނެ ކަމަށެެވެ.