ޤަތަރު

ގަތަރުގެ ގައުމީ ދުވަސް: އަމީރު ވިދާޅުވީ ވޯލްޑްކަޕަކީ ދުރުރާސްތާގެ ދަތުރުގެ ފެށުން ކަމަށް

އިމާދު ލަތީފު

ގަތަރުގައި ވޯލްޑްކަޕްގެ ފައިނަލް މެޗު ކުޅެ އާޖެންޓީނާ ތަށި ހޯދި ދުވަހަކީ ގަތަރުގެ ގައުމީ ދުވަހެވެ. ގަތަރުގެ ގައުމީ ދުވަހަކީ ކޮންމެ އަހަރެއްގެވެސް ޑިސެމްބަރު 18 ވަނަ ދުވަހެވެ. ވޯލްޑްކަޕްގެ ކަލަންޑަރު މިފަހަރު ތަރުތީބުކުރީ ފައިނަލް މެޗު ގަތަރުގެ ގައުމީ ދުވަހު ކުޅޭ ގޮތަށެވެ.

ގައުމީ ދުވަހުގެ މުނާސަބާގައި ގަތަރުގެ އަމީރު ޝައިޚު ތަމީމް ބިން ހަމަދު ބިން ޚަލީފާ އާލްޘާނީ ވަނީ ގަތަރުގެ ރައްޔިތުންނާއި ގަތަރުގައި ދިރިއުޅޭ އެންމެހައި ބިދޭސީންވެސް ޝާމިލްވާނޭގޮތުން ތަހުނިޔާ ވިދާޅުވެފައެވެ. އަމީރުގެ ޚިތާބުގައި ވިދާޅުވެފައިވެއެވެ. ދުނިޔޭގެ ހުރިހާ ކަންކޮޅުތަކުން އެތައް ބަޔަކު ގަތަރަށް އައިސް ގަތަރުގެ ވައިފެން ތަޖުރިބާކޮށް މުޅިދުނިޔޭގެ ސަމާލުކަން ގަތަރަށް ހުއްޓިފައިވާ ދަނޑިވަޅެއްގައި އައި އުފާވެރި ގައުމީ ދުވަހެކެވެ. ގައުމިއްޔަތުގެ ވިންދު ދުނިޔެއިންވެސް އިހުސާސްކުރި ދުވަހެކެވެ.

ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތަކީ ގަތަރުގެ ހައިބަތާއި ހައިސިއްޔަތު ދުނިޔޭގެ ކުރިމަތީގައި އުފުލިގެންދިޔަ މުބާރާތެއްކަން އަމީރު ފާހަގަކުރެއްވިއެވެ. މިހާތަނަށް ފީފާއިން ބޭއްވި އެންމެ ކާމިޔާބު އެންމެ ފުރިހަމަ މުބާރާތުގެ ގޮތުގައި ގަތަރު ވޯލްޑްކަޕް ތާރީޚުގެ ތެރެއަށް ވަދެގެން ދިޔައީ ގަތަރުގެ ރައްޔިތުންގެ ފުރިހަމަ އެއްބާރުލުމާއި ގުރުބާނީގެ ސަބަބުންކަން ފާހަގަކުރެެއްވިއެވެ. ގަތަރުގެ މިދަތުރު މިހިސާބުން ނިމުނީ ނޫންކަމަށާއި މިއީ ބައިނަލްއަގުވާމީ މުޖުތަމައަށް ނަމޫނާ ދެއްކުމުގައި ފެށުމެއް ކަމަށްވެސް ވިދާޅުވިއެވެ.

އަމީރު ތަމީމުގެ ގައުމީ ޚިތާބު ނިންމަވައިލެއްވީ ހަސަދަވެރީންނާއި ނުބައި ނުލަފާ މީހުންގެ ރޭވުންތަކުން ގަތަރު ސަލާމަތްކޮށްދެއްވުމުގެ ދުއާއަކުންނެވެ. ގަތަރަކީ ކުރިން އިނގިރޭސީންގެ ހިމާޔަތުގެ ދަށުގައި އޮތް ގައުމެކެވެ. ގަތަރަށް މިނިވަންކަން ލިބުނީ ދިވެހިރާއްޖެއަށް އިނގިރޭސީންގެ އަތްދަށުން މިނިވަންކަން ލިބުނުތާ ހަ އަހަރު ފަހުން 1971 ގައެވެ. ގަލްފުގެ އެހެނިހެން އަރަބި ގައުމުތަކެކޭވެސް އެއްފަދައިން ގަތަރަކީ ވިރާސީ ރަސްކަމެއް ހިނގަމުން އަންނަ ގައުމެކެވެ. މިހާރު ރަސްކަމުގައި އެހުންނެވީ ގަތަރަށް މިނިވަންކަން ލިބުނުފަހުން ހަތަރުވަނަ އަމީރެވެ.