އެފްރިކާގެ ފުޓްބޯޅަ ކުރިނާރައިގެން އުޅެނީ، އަދި ވޯލްޑްކަޕުގައި އެފްރިކާގެ ޓީމަކަށް އެދެވޭ ކާމިޔާބީއެއް ނުލިބުމުގެ ސިއްރަކީ ކޮރަޕްޝަންކަމަށް ބުނެވެއެވެ. ޚާއްސަކޮށް ނައިޖީރިޔާ އާއި ކެމެރޫނުގައެވެ. ކޮންމެ ހަތަރު އަހަރަކުން އެއްއަހަރު ވޯލްޑްކަޕް ކުޅެވޭއިރު އެފްރިކާ ނަސްލުގެ މޮޅު ކިތަންމެ ކިތަންމެ ކުޅުންތެރިންނެއް ޔޫރަޕުގެ ވަރުގަދަ އެކި ޓީމުތަކުން ފެނެއެވެ. ފްރާންސާއި ހޮލެންޑުންނެވެ. ބެލްޖިއަމާއި ޖަރުމަނުންނެވެ. އަދި ސްޕޭނާއި ސުވިޒަރލެންޑާއި އިންގްލެންޑާއި ޕޯޗުގަލްއިންނެވެ. މީގެތެރެއިން ބައެއް ކުޅުންތެރިންނަކީ އެފްރިކާއަށް އުފަން ކުޅުންތެރިންނެވެ. ނުވަތަ މައިންބަފައިން އެފްރިކާއަށް ނިސްބަތްވާ ކުޅުންތެރިންނެވެ. އެފްރިކާ ތަމްސީލުކުރަން ބޭނުންވި ކުޅުންތެރިންނެވެ. އެކަމަކު ކޮންމެވެސް ސަބަބަކާލައިގެން ޔޫރަޕް އިޚުތިޔާރުކުރަން ޖެހުނު ކުޅުންތެރިންނެވެ.
އެފްރިކާގެ ފުޓްބޯޅަޔާއި ކޮރަޕްޝަނުގެ ވާހަކަ ދެކެވޭއިރު އެންމެ ފަސޭހައިން މިހާރު ސިކުނޑިއަށް ގެނެވޭ ސޫރަޔަކީ ފްރާންސްގެ ފޯވާރޑް ކީލިއަން އެމްބާޕޭއެވެ. ފްރާންސްގެ ނޫ ޖޯޒީގެ ބަދަލުގައި އެމްބާޕޭ އެންމެ ފުރަތަމަ ބޭނުންވީ ކެމެރޫނުގެ ފެހި ޖޯޒީލުމަށެވެ. ކެމެރޫނުގެ ގައުމީ ޓީމަށް ކުޅުމަށެވެ. އެމްބާޕޭގެ ބައްޕަވެސް ބޭނުންވީ އެގޮތެވެ. އެމްބާޕޭގެ ބައްޕަ ވިލްފްރައިޑަކީ ކެމެރޫނުގެ މީހެކެވެ. މަންމަޔަކީ އަލްޖީރިއާ މީހެކެވެ. ނަމަކީ ފާއިޒާ ލަމާރީއެވެ. ކެމެރޫނުގެ ގައުމީ ޖޯޒީ ލުމަށް އެމްބާޕޭގެ މަންމަވެސް ދެކޮޅެއް ނޫނެވެ. ބޭނުންވީ އެފްރިކާއަށް ރީތިނަމެއް ހޯދައިދިނުމަށެވެ. އެމްބާޕޭގެ ބައްޕަޔަކީ ފުޓްބޯޅަ ކޯޗެކެވެ. އަދި އޭޖެންޓެކެވެ. ކެމެރޫނުގެ ފުޓްބޯޅަ އެސޯސިއޭޝަނުގެ ވެރިންނާ ވާހަކަދައްކައިގެން ކެމެރޫނުގެ ޓީމަށް އެމްބާޕޭ ސެލެކްޓްކޮށްދޭން އޭނާ އެދުނެވެ. އާދޭސްކުރިއެވެ.
އޭރު އެމްބާޕޭގެ އުމުރަކީ 17 އަހަރެވެ. އޭރުވެސް އެއީ ފްރާންސްގެ ޖޫނިއަރ ޓީމުގެ ތަރިއެކެވެ. ޔޫރަޕުގެ 19 އަހަރުންދަށުގެ ސަރަހައްދީ މުބާރާތް 2016 ވަނަ އަހަރު ފްރާންސަށް ކާމިޔާބުވުމުގައި އެންމެބޮޑަށް ފެނުނީ އެމްބާޕޭގެ ދައުރެވެ. ބައްޕަ ބޭނުންވީ ފްރާންސްގެ ސީނިއަރ ޓީމަށް ނެގުމުގެ ކުރިން ކެމެރޫނުން އެ ފުރުސަތު ހޯދުމަށެވެ. އެމްބާޕޭގެ ސީނިއަރ ކެރިއަރު ކެމެރޫނާ ގުޅުވައިލުމަށެވެ. ކެމެރޫނުގެ އެސޯސިއޭޝަނުގެ ވެރިންނާ އޭނާ ވާހަކަ ދެއްކިކަން އެންމެނަށްވެސް އެނގެއެވެ. އެކަމަކު ވީގޮތެއް ނޭނގުނެވެ. ދެންފެނުނީ 2017 ވަނަ އަހަރު އުމުރުން އެންމެ 18 އަހަރުގައި އެމްބާޕޭ ފްރާންސްގެ ސީނިއަރ ޓީމަށް ކުޅެންފެށި މަންޒަރެވެ. އަދި 2018 ވަނަ އަހަރުގެ ވޯލްޑްކަޕް ފްރާންސަށް ކާމިޔާބުކޮށްދީ އެ މުބާރާތުގެ އެންމެ ޒުވާން މޮޅު ކުޅުންތެރިޔާގެ އެވޯޑްވެސް ހޯދި މަންޒަރެވެ.
ކެމެރޫންގެ ބަދަލުގައި ފްރާންސަށް ކުޅެން މެދުވެރިވި ސަބަބާމެދު އެމްބާޕޭ ވަކި ވާހަކައެއް ނުދައްކައެވެ. އެހެންނަމަވެސް 2018 ވަނަ އަހަރުގެ ވޯލްޑްކަޕް ފްރާންސް ކާމިޔާބުކުރުމާއެކީގައި އެމްބާޕޭގެ ބައްޕަޔަށް އެ ސިއްރު ހިފަހައްޓައިގެން ހުރެވޭގޮތެއް ނުވިއެވެ. ނޫސްވެރިންނަށް އެ ހަގީގަތް އޭނާ ވަނީ ކިޔައިދީފައެވެ. ވިލްފްރައިޑް ބުންޏެވެ. ކެމެރޫނުގެ ފުޓްބޯޅަ އެސޯސިއޭޝަނުގެ ވެރިން ކައިރިއަށް ހިނގައި އަހަރެން އާދޭސްކުރީމެވެ. އެއިން ކޮންމެ މީހަކުވެސް އެދުނީ ފައިސާއަށެވެ. ކޮމިޝަނަށެވެ. ކުޑަކުޑަ އަދަދެއްވެސް ނޫނެވެ. ބަޔަކަށް ރިޝްވަތުދީގެން ކެމެރޫންގެ ޓީމަށް އެމްބާޕޭ ސެލެކްޓްކުރުވަން އަހަރެން ބޭނުމެއް ނުވީއެވެ. ފްރާންސްގެ ޓީމަށް އެމްބާޕޭ ނެގީ އޭނާ މޮޅުވެގެންނެވެ. ބަޔަކަށް ފައިސާދީގެނެއް ނޫނެވެ. ތަފާތު އެހެރަގެން ފެންނަނީއެވެ.
އަދިވެސް އޭނާ ބުންޏެވެ. ފްރާންސުން ވޯލްޑްކަޕް ހޯދައިފިއެވެ. އެމްބާޕޭއަކީ އެޓީމުގެ އެންމެ އަލިގަދަ ތަރިއެވެ. މިއީ ކެމެރޫނަށް ރަނގަޅު ފިލާވަޅެއް ކަމަށް ހީކުރަމެވެ. އެމްބާޕޭގެ ބައްޕަ އެބުނީ ވަރަށްވެސް ތެދު ވާހަކައެކެވެ. ކެމެރޫނަށް ރަނގަޅު ފިލާވަޅެއް ލިބިއްޖެއެވެ. ކޮންމެ ވޯލްޑްކަޕަކާއެކު އެހަނދާންތައް އާވަމުންވެސް ދާނެއެވެ. މިފަހަރުގެ ވޯލްޑްކަޕުގައިވެސް އެމްބާޕޭ ވަނީ މޮޅު ކުޅުމެއް ދައްކައިފައެވެ. މުބާރާތުގެ ރަންބޫޓު ހޯދީވެސް އޭނާއެވެ. ފްރާންސް ވަނީ ފައިނަލްގައިވެސް ކުޅެފައެވެ. އެމްބާޕޭ ހިމެނުނީ 56 އަހަރުގެ ތެރޭގައި ފައިނަލް މެޗެއްގައި ތިންގޯލްޖެހި ފުރަތަމަ ކުޅުންތެރިޔާ ކަމުގައެވެ. ކޮރަޕްޝަންގެ ހުތުރުކަމުގެ ހިޔަނި ނޭޅުނުނަމަ އެމްބާޕޭ ފެންނާނީ ކެމެރޫނުގެ ޓީމުންނެވެ. ތަމްސީލުކުރާނީ އެފްރިކާއެވެ. އެއީ ޝައްކެއްވެސް ނެތްކަމެކެވެ.
ކޮރަޕްޝަނުގެ ސަބަބުން ކެމެރޫނަށް ގެއްލިގެންދިޔައީ އެމްބާޕޭ އެކަންޏެއް ނޫނެވެ. އެފަދަ ކިތަންމެ ޖަވާހިރެކެވެ. ސުވިޒަރލެންޑުގެ ފޯވާޑް އެމްބޯލޯއަކީވެސް މިސާލެކެވެ. އެމްބޯލޯގެ ބައްޕަޔާއި މަންމަޔަކީ ކެމެރޫނުގެ ބައެކެވެ. އޭނާ އުފަންވީވެސް ކެމެރޫނުގައެވެ. އެމްބޯލޯގެ ވާހަކަ މިފަހަރު ހިލިގަތީ މި ވޯލްޑްކަޕުގެ ގްރޫޕް ފިޔަވަހީގައި ކެމެރޫނާ ދެކޮޅަށް ސުވިޒަރލެންޑު ކުޅުނު މެޗުގައި އެމްބޯލޯ ލަނޑު ޖެހުމުންނެވެ. އުފަން ގައުމާ ދެކޮޅަށް ލަނޑުޖެހީއޭ، ގައުމީ ލޯތްބެއްނެތޭ ކިޔައިގެން ކެމެރޫނުގެ ނޫސްތަކުގައި ޒާތްޒާތުގެ ވާހަކަ ވާހަކަ ލިޔާންފެށީމާ އެމްބޯލޯގެ މަންމަ ޖަވާބުދިނެވެ. ކެމެރޫނުގެ ޓީމަށް އެރެންއޮތީ ރިޝްވަތު ދީގެންނެވެ. އެކަމެއް ނުކުރަމެވެ. ސުވިޒަރލެންޑުގެ އެސޯސިއޭޝަނުން ފައިސާއެއް ނުހޯދައެވެ. އެމީހުން ބެލީ އޭނާގެ ހުނަރެވެ. އެހެންވީމާ ޒާތްޒާތުގެ އަނގަނުތަޅާށެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް