ސުޕާރީ ޕެކެޓާއި ކުދި ފެންފުޅި ހިމެނޭހެން ޕްލާސްޓިކްގެ ދިހަ ބާވަތެއް އެތެރެކޮށް ވިއްކުން މަނާކޮށްފިއެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ސޮއިކުރައްވައި މިއަދު ނެރުއްވި ގަރާރެއްގައި ވިދާޅުވީ، ކުނި މެނޭޖުކުރުމުގެ ގާނޫނުގައިވާ ގޮތުގެ މަތިން ތިމާވެއްޓަށް ގެއްލުންދޭ އެއްޗެހީގެ ތެރެއިން، ރާއްޖެއަށް އެތެރެކުރުމަށާއި އުފެއްދުމާއި ބާޒާރަށް ނެރުން މަނާ ސިންގަލް ޔޫޒް ޕްލާސްޓިކް ބާވަތްތަކުގެ ލިސްޓު އެކި މަރުހަލާތަކަށް ބަހާލައިގެން ކަނޑައެޅުމުގެ އިހުތިޔާރު އެމަނިކުފާނަށް ލިބިވަޑައިގެންވާ ކަމަށެވެ.
އެހެންކަމުން ޕްލާސްޓިކާއި ޕްލާސްޓިކުން ތައްޔާރުކޮށްފައި ހުންނަ އެއްޗެހީގެ ތެރެއިން ތިމާވެއްޓަށް ގެއްލުންދޭ ސިންގަލް ޔޫޒް ޕްލާސްޓިކްގެ ތެރެއިން ގަރާރުގައި ހިމަނާފައިވާ 13 ބާވަތުގެ ތަކެތި ރާއްޖޭގައި އުފެއްދުމާއި ބާޒަރަށް ނެރުމަކީ މަނާ ކަމެއް ކަމަށް ރައީސް ވަނީ ކަނޑައަޅުއްވައިފައެވެ.
- ދިޔާތަކެތި ބޯން ބޭނުންކުރާ ޕްލާސްޓިކް ހޮޅި
- ޕްލާސްޓިކް ތަށި، ސަމުސާ، ވަޅި، އޫ، ދިޔާތަކެތި ގިރަން ބޭނުންކުރާ ޕްލާސްޓިކް ދަނޑިކޮޅު
- ކާބޯތަކެތި ބަންދުކުރާ ސްޓައިރަފޯމް ފޮށި
- ބާޒާރުކުރަން ބޭނުންކުރާ 30 ސެންޓިމީޓަރަށް ވުރެ ކުދި ޕްލާސްޓިކް ކޮތަޅު
- ޕްލާސްޓިކްގައި ބަންދުކޮށްފައި ހުންނަ އިމްޕޯޓްކުރާ ސުޕާރީ
- 250 މިލިލީޓަރަށް ވުރެ ކުޑަ، އެއްފަހަރު ބޭނުންކުރެވޭ ޕްލާސްޓިކް ތަށި
- ޕްލާސްޓިކް ދަނޑިކޮޅު ލައިފައިވާ ކަފަބުރު
- 50 މިލިލީޓަރާއި 50 މިލިލީޓަރަށް ވުރެ ކުދި ޝޭމްޕޫ ފުޅި އާއި ސައިބޯނި ފުޅި އާއި ކޮންޑިޝަނާ އަދި ލޯޝަން
- ރާއްޖޭގައި އުފައްދާ އަދި ބޭނުންކުރާ 500 މިލިލީޓަރަށްވުރެ ކުދި، ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން
- ރާއްޖޭގައި އުފައްދާ އަދި ބޭނުންކުރާ 500 މިލިލީޓަރަށްވުރެ ކުދި، ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ތައްޔާރީ ބުއިންތައް (ފެން ފިޔަވައި)
- ބާޒާރު ކުރަން ބޭނުން ކުރާ 50 ސެންޓިމީޓަރަށްވުރެ ކުދި ޕްލާސްޓިކް ކޮތަޅު
- 50 މިލިލީޓަރުން ފެށިގެން 200 މިލިލީޓަރާ ހަމައަށް ހިމެނޭ ޕްލާސްޓިކުގައި ބަންދުކޮށްފައި ހުންނަ ކުދި ޝޭމްޕޫ، ސައިބޯނި، ކޮންޑިޝަނާ އަދި ލޯޝަން
- ރާއްޖޭގައި އުފައްދާ އަދި ބޭނުންކުރާ 1 ލީޓަރާއި 1 ލީޓަރަށްވުރެ ކުދި ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން
ރާއްޖެއަށް ޕްލާސްޓިކް އެތެރެކުރުމުގެ ގާނޫނު ރައީސް އިބްރާހީމް ތަސްދީގުކުރައްވާފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ.
އެ ގާނޫނަށް އަލަށް ގެނައި އިސްލާހުގައި ވަނީ، އެ ގާނޫނުގެ އަށް ވަނަ މާއްދާގެ ފަހަތަށް، "ސިންގަލް-ޔޫސް ޕްލާސްޓިކްގެ ބާވަތްތައް ރާއްޖެއަށް އެތެރެކުރުމާއި އުފެއްދުމާއި ބާޒާރަށް ނެރުން މަނާވުން" މި ނަމުގައި ސަބް ހެޑިންއެއް ހިމަނައި (8.1) ގޮތުގައި އަކުރެއް އިތުރު ކުރުމަށެވެ.
އިތުރުކުރި އެ އަކުރުގެ ދަށުން ތިމާވެއްޓަށް ގެއްލުން ދޭ އެއްޗެހީގެ ތެރެއިން، ރައީސް ކަނޑައަޅުއްވައި ސިންގަލް ޔޫސް ޕްލާސްޓިކުގެ ބާވަތްތައް، ރާއްޖެއަށް އިމްޕޯޓުކުރުމާއި އުފެއްދުމާއި ބާޒާރަށް ނެރުމަކީ މަނާކަމެއްގެ ގޮތުގައި ވަނީ ބަޔާންކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު