ފުރިހަމަ ވޯލްޑް ކަޕެއް ނިންމާލައިފިއެވެ. ގަތަރުން މުޅި ދުނިޔެއަށް ހަދިޔާ ކުރީ ތާރީހީ ވޯލްޑް ކަޕެއްކަމާ މެދު ޝައްކެއް ނެތެވެ. ވޯލްޑް ކަޕްގެ ތެރެއިން ދިވެހީންނަށްވެސް އީދެއް އައި ވޯލްޑް ކަޕެކެވެ. ކޮވިޑްގެ ބަންދުން ވީއްލި އައި ފުޓުބޯޅައިގެ ބޮޑު ފެސްޓިވަލަކަށް ވޯލްޑް ކަޕް ވިއެވެ. 2018 އަށްވުރެވެސް މި ފަހަރުގެ ވޯލްޑް ކަޕްގެ ފޯރި މާ ގަދައެވެ. އޮފީސްތަކުންވެސް އެ ފޯރިގެނައެވެ. ބާބަކިއުތަކާއި ކެޔުންތަކުންނެވެ. ޖާޒީގައި ވަޒީފާއަށް ނުކުތް ދުވަސްތައްވެސް ގިނައެވެ. ވަކި ގިންތިއެއް، އުމުރެއް ނެތި ވޯލްޑް ކަޕް ފޯރި ނެގީ ހަނދާނުން ފޮހެނުލެވޭނެ މަޖަލާއެކުގައެވެ. މޫނުގައި ކުލަޖައްސައި، ބޮޑެތި ބަހުސްތައްކޮށް، ފުޓުބޯޅައިގައި ބައިވެރިވީ އަންހެން ފިރިހެން އެކީގައެވެ. އޭގެ ތެރެއިންވެސް އަންހެން ސަޕޯޓަރުންނަކީ މި ވޯލްޑް ކަޕްގެ ފޯރި އެންމެ ގަދަކޮށްލި މީހުންނެވެ.
ސޯޝިއަލް މީޑިއާގައި އެންމެ ފޯރިގަދައީވެސް އަންހެން ސަޕޯޓަރުންނެވެ. އެތައް އަންހެން ކުދީންނެއް ގުރޫޕު ކޮފީތަކާއި މީޓިންތަކާއި ޖަގަހަތަކުގައި ވެސް ފޯރި ނެގިއެވެ. ކޮންމެ ދުވަހަކު ސޯޝަލް މީޑިއާއަށް ޓީމަށް ލޯބި ލޯބި މެސެޖުތައް ދެމުންގެންދިޔަ ކުދީން ގިނައެވެ. ފެވަރިޓް ޓީމު ކެޓުމުން ހިތްދަތިކަމުގައި ހިތާމައިގެ އިމޯޖީތައް ސޯޝިއަލް މީޑިއާއަށް ދޫކޮށްލި ކުދިންވެސް ގިނައެވެ. އެ ހިތާމައިގައި ދެން ވޯލްޑްކަޕު ނުވެސް ބަލާނެ ކަމަށް ބުނި ކުދީން ފެނުނެވެ. ވަރުގަދަ ބަހުސްތަކާއެކު ރެފްރީންނަށް ބަވާލައި، މަގޭ ޓީމަށް އިންސާފު ނުލިބޭ ކަމަށް ބުނެ، ރެފްރީންނަށް ފާޑު ކީ ކުދިން، ޒީލަ ގަދަ ރުޅިގަނޑުވެސް ސޯޝަލް މީޑިއާއަށް ބާލައިލިތަން ފެނުނެވެ. ޓީމުތައް މޮޅުވުމާއެކު ޕިއްޒާއާއެކު ސައި ހަދައި، ކޭކު ފެޅުންވެސް ގޭތެރޭގައި އިންތިޒާމު ކުރީ އަންހެންވެރިންނެވެ. ދެމަފިރީން މެޗު ބަލައިފައި، ފިރިމީހާގެ ޓީމު މޮޅުވާ އިރު، ފަހު ހާފު ނުބަލައި ރުޅި ގަދަ ވާން ޖެހުނު ފަހަރުތައްވެސް ގޮސްފައި ހުރެދާނެ ކަމަށް ފެނުނެވެ. ޔަގީނުންވެސް ޓުބޯޅައިގެ ހުރިހާކަމެއް ތަޖުރިބާކޮށް، ފުޓުބޯޅައަކީ ވަކި ޖިންސަކަށް އޮތް ކުޅިވަރެއް ނޫންކަން މިފަހަރު ދައްކާލައިފިއެވެ.
ފީފާއިން މިފަހަރު އަންހެން ރެފްރީންނަށް ހާއްސަ ސަމާލުކަމެއް ދީ ފުޓުބޯޅައިގެ ޖިންސުގެ ތަފާތު ނައްތާލަން ބޮޑެތި ފިޔަވަޅުތައް ވެސް އެޅިއެވެ. އެކަމުގެ ހެޔޮ ބަދަލު ފެނިގެން ދިޔަ އިރު، ޒަމާންވީ ތަފާތުކުރުން ނެތިގެން ދާތަން މަޑުމަޑުން ފެންނަމުންދެއެވެ. އެއީ ވޯލްޑް ކަޕަށް ދިވެހި އަންހެން ކުދީންވެސް ދޭ ލޯބިންނެވެ. ފުޓުބޯޅައަކީ ފިރިހެން ކުދިން އެކަނި ކުޅޭނެ ކުޅިވަރެއް ނޫންކަން އަންނަނީ ފެންނަމުންނެވެ. މުޅި އާއިލާއެކު، ޖާޒީތައް ލައިގެން، އަތު ބޭންޑާއި ބޮލު ބޭންޑް އަޅައި، ކޮލުގައި ޓީމު ކުލަތައް ކާތައި އެ ދިން ސަޕޯޓުން އެތައް ކުދީންނެއްގެ ހިތް ފުޓުބޯޅައަށް ދެވިއްޖެއެވެ. އިންސްޓަގްރާމް ސްޓޯރީ، ފޭސްބުކް ސްޓޯރީ ފަދަ ސޯޝިއަލް މީޑިއާގެ ޕްލެޓްފޯމުތަކަށް އެހެރަ ދޫކޮށްލި މެސެޖުތަކުން ފުޓުބޯޅައިގެ ޖަޒުބާތު ދައްކުވާލިއެވެ. އުފަލާއި ހިތާމައެވެ. އެއީ ހިތްތަކުގައި އޮތް ފުޓުބޯޅައިގެ ލޯތްބެވެ. ޖަގަހަ ތަކާއި މާލަންތަކުން ވެސް އަންހެން ކުދީން ގިނަ އަދަދަކަށް ފެނުން ވީ ހެޔޮ ބަދަލަކަށެވެ.
ވޯލްޑް ކަޕް އިހުސާސަކީ ހަތަރު އަހަރަކުން އެއް އަހަރު އަންނަ ޖާދުވީ އިހުސާސެކެވެ. އެ އިހުސާސް ފުންކޮށް މިފަހަރު ކުރެވުނު އިރު، ފުޓުބޯޅައަށް ދުވަހަކު ސަޕޯޓް ނުކުރާ ބައެއް ފިރިހެނުން މަޖުބޫރީ ހާލަތުގައިވެސް ކޮންމެވެސް ގައުމަކަށް ސަޕޯޓްކުރިއެވެ. އެއީ ތިމާގެ އަންހެނުންނަށް ޓަކައި، ނޫނީ ލޯބިވެރިޔާއަށް ޓަކައެވެ. ހިތް އަތުލުމަށް ވޯލްޑް ކަޕް ބެލި ބަޔަކުވެސް އުޅެދާނެތާދޯއެވެ. ވޯލްޑަކަޕް ފޯރީގެ ތެރެއަށް އަންހެން ކުދިން މިހާ ގަދަޔަށް ވަނުމުން ލިބުނު އަނެއް އުފަލަކީ އާއިލީ ލޯބިވެސް ވަރުގަދަވެގެން ދިއުމެވެ. ގޭތެރޭގެ ގިނަ ކަންކަމުގައި އަމަލީ ގޮތުން އެންމެ އިސްވެ އުޅޭ ބަޔަކީ އަންހެނުން ކަމަށް ވާތީ، އާއިލީ ގުޅުންތައް އިތުރަށް ފުރިހަމަވެގެން ދިއުމަށް އެހީއަކަށް އެކަން ވިއެވެ. ފިރިމީހާއާއި ދަރީން އަދި އާއިލާއާ އެކު މެޗުތައް ބަލައި، "މެޗުކެއުން"ތައް ތައްޔާރުކުރުން ފަދަ ކަންކަން ދިޔައީ ހިންގަމުންނެވެ.
އާއިލާގެ ހުރިހާ އުމުރެއްގެ މީހުން ހިމެނޭހެން ސްކޯ ދިމާކުރުމުގެ މުބާރާތްތައް ވެސް ދިޔައީ ހިންގަމުންނެވެ. މިކަމަށް މަގުފަހިކުރުވި އެންމެ ބޮޑު އެއް ސަބަބަކީ ގޭގެ ކަންކަމުގައި އިސްކޮށް ހުންނަ އަންހެން މީހާ ވޯލްޑްކަޕް ފޯރީގެ ތެރެއަށް ވަނުމެވެ. ޒަމާނުއްސުރެވެސް ދިވެހީންނަކީ ފުޓުބޯޅަ ފޯރި ނަގާ ބައެކެވެ. ވޯލްޑްކަޕްގައިވެސް އެކަން އޮތީ އެހެންނެވެ. އެހެން ނަމަވެސް މި ފަހަރު އަންހެނުންނާއި ޒުވާން އަންހެން ކުދީންގެ ޖޯޝާއި ފޯރި ފެނުނީ ވަކީން ގަދަކޮށެވެ. އިހުލާސްތެރިކަމާއެކު "މަގޭ ޓީމު" ގެންގުޅުނު ކުދީންނާއި ރީތި ފިރިހެނުން، ސްޓައިލް ހުންނަ ފިރިހެނުން ތިބޭތީ ނޫނީ ވަކީން ރީތި މީހަކު ހުރީތީ އެޓީމަށް ސަޕޯޓު ކުރި ކުދީންވެސް މަދެކޭ ބުނެވޭކަށް ނެތެވެ.
ބައެއް އަންހެން ކުދީން ރީތި ތުނބުޅިއަކަށް ޓަކައި ސަޕޯޓު ދިން އިރު، އަނެއްބައި ކުދީންނަށް ކަމުދިޔައީ ރީތި ކަސްރަތީ ހަށިގަނޑުގެ ކުޅުންތެރީންނެވެ. މުސްލިމުންނަށް ވީތީ ސަޕޯޓު ދިން ކުދީންނާއި ރީތި ލޮލެއް ހުރި ކުޅުންތެރިޔަކަށް ވާތީ، ސަޕޯޓުދިން ކުދީންވެސް މަދެއް ނޫނެވެ. ކޮންމެ ގޮތެއްވިޔަސް އެއީ ސަޕޯޓެވެ.
ވޯލްޑް ކަޕް އެންމެ ގާތަށް އައި ފަހަރު، އެތައް ބަޔަކު ސީދާ ގަތަރަށް ގޮސް މެޗުގެ ފޯރީގައި ބައިވެރިވެ، ވޯލްޑް ކަޕްގެ ތަޖުރިބާ ކޮށްލިއެވެ. އެއީ ހަޔާތުގައި ކުރެވޭނެ އެންމެ ތަފާތު ތަޖުރިބާތައް ކަންވެސް ޔަގީނެވެ. އެކަމުގައިވެސް އަންހެންކުދީން އިސްތިސްނާއެއް ނުވެއެވެ. ޓިކެޓް ކަނޑައިގެން ސީދާ ގަތަރަށް ގޮސް މެޗު ބެލި އެތައް ބަޔަކު ދިވެހީންގެ ތެރޭގައި އެބަތިއްބެވެ. އެއީ ފުޓުބޯޅަ ލޯތްބެވެ. ދިވެހީންގެ ލޭގައި ހާއްސަކަމެއް ދެވިފައިވާ ކުޅިވަރެކެވެ. އޭގެ ތެރޭގައި އަންހެން ކުދީން މަދެއް ނޫނެވެ.
ގަތަރުގެ ހިތްގައިމުކަމުން ގޮސް، އިންތިޒާމްގެ ފުރިހަމަ ކަމަށެވެ. ކުޅުންތެރިންނާއި، ގައުމުތަކުގެ ރޫހުގައެވެ. ކޮމެންޓޭޓަރުގެ ބަސްތަކުގެ ޖަޒުބާތުގައެވެ. އެތައް އެތައް ގޮތަކުން ދިވެހި އަންހެން ކުދިން މިފަހަރުގެ ވޯލްޑް ކަޕަށް ތަފާތު ގެނެސްދިނެވެ. ދެއްކި ހިތްވަރުން ފުޓުބޯޅައަށް ލޯ ހުޅުވާލައި، ތަފާތު ރޫހެއް ގެނެސްދިނެވެ. މިއީ ފިސާރި ވޯލްޑް ކަޕެކެވެ.