މަސްތުވާތަކެތި ބޭނުންކޮށް، އެތަކެތި ގެންގުޅެ ވިޔަފާރިކުރުމުގެ ތުހުމަތުގައި 32 އަހަރުގެ މީހަކު ފުލުހުން ހައްޔަރުކޮށް، ބަލައި ފާސްކުރިއިރު އޭނާގެ ޖީބުން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ރަބަރު ޕެކެޓެއް ފެނިފައިވާއިރު، އެއީ ގޮދަންފުށް ކަމަށް އެމީހާ ކޯޓުގައި ބުނެފިއެވެ.

އޭނާ ކޯޓުގައި މިހެން ބުނީ، އޭނާ ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހުމަށް ބޭއްވި މުއްދަތު މަޖިލީހުގައެވެ.

ފުލުހުން ބުނެފައިވަނީ އޭނާ ލައިގެން ހުރި ޖިންސުގެ ވާތްފަރާތު ކުރިމަތީ ޖީބުން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓު ފެނިފައިވާ ކަމަށެވެ. އެހެންނަމަވެސް އެމީހާ ބުނެފައިވަނީ އެއީ އޭނާގެ ރައްޓެއްސަކަށް ލަނޑެއް ދޭން ގެންގުޅުނު ގޮދަން ފުށް ޕެކެޓެއް ކަމަށެވެ. ނަމަވެސް ފުލުހުން ވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 59 ވަނަ މާއްދާއާއި، 60 ވަނަ މާއްދާއަށް ރިއާޔަތްކޮށް އޭނާ ބަންދުކޮށްދިނުމަށް އެދިފައެވެ.

މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް ބަލައި، ޝަރީއަތް ކުރުމާ ބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ ދަށުން އޭނާ ބަންދުގައި ބަހައްޓަން ޖެހޭ ހާލަތު އެބައޮތް ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން އެދިފައިވާ ގޮތަށް ފަސް ދުވަހުގެ މުއްދަތަށް އޭނާ ބަންދު ކުރަން ކުރިމިނަލް ކޯޓުން ވަނީ އިއްޔެ އަމުރު ކޮށްފައެވެ. ކޯޓު އަމުރު ނެރުއްވި ގާޒީ ވަނީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ކުށް އޭނާ ކުރިކަމަށް ބެލެވޭ ކޮންމެވެސް މިންވަރެއްގެ ހެކިތަކެއް ހުށައެޅިފައިވާކަމަށް ވިދާޅުވެފައެވެ.

އޭނާއަކީ މަސްތުވާތަކެއްޗާއި ވައްކަމުގެ ރެކޯޑު އޮންނަ މީހެއްކަމަށްވެސް ކޯޓުން ފާހަގަ ކޮށްފައި ވެއެވެ.

އެހެންނަމަވެސް، އޭނާ އަތުން ހޯދާފައިވާ ތަކެއްޗަކީ ގޮދަންފުށް ކަމަށް އޭނާ ބުނެފައިވާތީ، އެތަކެތި އަވަހަށް ތަހުލީލު ކުރުން މުހިއްމުކަމަށް އޭނާގެ ބަންދުގެ މުއްދަތު ޖައްސަވަމުން ގާޒީ ފާހަގަ ކުރެއްވިއެވެ.