ރާއްޖެ އާއި ރާއްޖެއިން ބޭރުގައިވެސް މަރުވާ މީހުންގެ ކަށުނަމާދު ވަގުތު އަންގައިދޭން ހަދާފައިވާ ކަށު ނަމާދު ޕޭޖާއި ވައިބާ ގުރޫޕު ހުއްޓާލުމަށް މާލެ ސިޓީ ކައުންސިލުން މިއަދު އަންގައިފިއެވެ.
ކަށުނަމާދު ޕޭޖު ހިންގާ އަހުމަދު މުނައްވަރު "ވަން" އަށް މިއަދު ބުނީ ސިޓި ކައުންސިލުން މިއަދު އޭނާއާއެކު ބޭއްވި ބައްދަލުވުމެއްގައި ކަށު ނަމާދު ޕޭޖާއި ވައިބާ ގުރޫޕު އަމިއްލަ ފަރާތަކުން ނުހިންގޭނެ ކަމަށްބުނެ އެ ޕޭޖާއި ވައިބާ ގުރޫޕު ހިންގުން ހުއްޓާލުމަށް އަންގާފައިވާ ކަމަށެވެ.
މުނައްވަރު ބުނީ އެއީ ސިޓީ ކައުންސިލުން ކުރަން ޖެހޭ ކަމެއް ކަމަށް އެ ކައުންސިލުން ބުނެފައިވާ ކަމަށެވެ. އެހެން ނަމަވެސް މި މަސައްކަތް ހުއްޓައިނުލައި ކުރިއަށް ގެންދާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.
"މިކަހަލަ ޕޭޖެއް ހުއްޓާލަން އެންގުމުގެ ބާރު ގާނޫނީ ގޮތުން ސިޓީ ކައުންސިލަކަށް ނޯންނާނެ. މިއީ އަޅުގަނޑު ހިލޭ ސާބަހަށް ކުރަމުން އަންނަ ކަމެއް. ގާނޫނީ ގޮތުން މިކަމަށް ހުރަހެއް ނެތްހާ ހިނދަކު މިކަން ހުއްޓައިނުލައި ކުރިއަށް ގެންދާނަން." އޭނާ ބުންޏެވެ.
މިކަމާ ގުޅިގެން މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް "ވަން" އަށް މިއަދު ވިދާޅުވީ ކަށުނަމާދު ޕޭޖު ހުއްޓާލަން އެންގި ކަމަށް ދެކެވޭ ވާހަކައަކީ ހަގީގަތާ ހިލާފު ވާހަކައެއް ކަމަށެވެ. އެ ޕޭޖު ހުއްޓާލަން ރަސްމީ އެއްވެސް އެންގުމެއް އަންގާފައި ނުވާނެ ކަމަށް ނަރީޝް ވިދާޅުވިއެވެ.
ކަށުނަމާދު ޕޭޖު ހިންގާތާ މިހާރު 17 އަހަރު ވެފައިވާއިރު މި ޕޭޖުގައި 70،000 އަށްވުރެ ގިނަ ފޮލޮވަރުން އެބަތިއްބެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު