މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރާ 1.6 މިލިއަން ވަނަ ފަތުރުވެރިޔާ މާދަމާ ރާއްޖެ އަންނާނެކަމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން އެމްއެމްޕީއާރުސީން ބުނެފިއެވެ.
އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު "ވަން" އަށް މިއަދު ވިދާޅުވީ، 1.6 މިލިއަން ވަނަ ފަތުރުވެރިޔާ ރާއްޖެ އަންނާނެކަމަށް ބެލެވެނީ މާދަމާ މެންދުރު ނުވަތަ މެންދުރު ފަހުގެ ވަގުތެއްގައިކަމަށެވެ. އެ ފަތުރުވެރިޔާއަށް މަރުހަބާ ކިޔުމަށް ތައްޔާރީތައް ވަމުން އަންނަ ކަމަށާއި އެގޮތުން ސަގާފީ ބޮޑުބެރުގެ ހަރަކާތްތަކާއިއެކު އެ ފަތުރުވެރިޔާއަށް މަރުހަބާ ކިޔުމުގެ އިންތިޒާމުތައް ހަމަޖައްސަމުން ގެންދާކަމަށް ތޮއްޔިބު ވިދާޅުވިއެވެ.
މިއަހަރަށް ސަރުކާރުން ކަނޑައަޅާފައިވާ ޓާގެޓަކީ 1.6 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމެވެ. ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު އިއްޔެގެ ނިޔަލަށް 1,590,379 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ. އެހެންކަމުން 1.6 މިލިއަން ފަތުރުވެރިންގެ އަމާޒަށް ވާސިލުވުމަށް ދެން ބޭނުންވަނީ 9621 ފަތުރުވެރިންނެވެ.
ތަފާސް ހިސާބުތައް ދައްކާ ގޮތުން އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް ޓޫރިސްޓުން ރާއްޖެ އަންނަ މިންވަރު މިހާރު ހުރީ ރެކޯޑު އަދަދެއްގަ އެވެ. އެގޮތުން މިހަރު ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 5,508 ޓޫރިސްޓުން ރާއްޖެ އަންނަމުންދާއިރު މިއީ މުޅި އަހަރުގައިވެސް މި އަދަދު އެހާ މައްޗަށް ޖެހުނު ފުރަތަމަ ފަހަރެެވެ.
މިއަހަރު ރާއްޖޭގެ ޓޫރިޒަމް މާކެޓުގެ ޑޮމިނޭޓް ކުރަމުން އަންނަނީ އިންޑިއާއިންނެވެ. އިންޑިއާއާ ޖެހިގެން ލިސްޓުގެ ދެވަނައިގައި ރަޝިއާ އޮތް އިރު ތިންވަނައިގައި އޮތީ އިނގިރޭސީ ވިލާތެވެ. މި ތިން ގަައުމުން އެކަނިވެސް އަންނަނީ މުޅި މާކެޓުގެ 37.2 ޕަސެންޓް ހިއްސާކުރަމުންނެވެ.
މިދިޔަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ ޖުމުލަ އަދަދަކީ 1,321,932 އެވެ. 2020 ވަނަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދަކީ 555،494 އެވެ. އަދި 2019 ވަނަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދަކީ 1،702،887 އެވެ.
ޚަބަރު
ޚަބަރު