ފައިނަލްގައި ބަލިވީ މިވެނި ސަބަބަކާ ހުރެގެންނޭ ބުނެ، ބަހަނާއެއް ދައްކަން ނެތް ނަމަވެސް، ޓީމަށް ކުރިމަތިވި ރޯގާ ހުމުގެ ސަބަބުން ކުޅުމަށް އަސަރުކުރިކަން ފެނުނު ކަމަށް ފްރާންސްގެ ކޯޗު ޑިޑިއޭ ޑިޝޭމްޕްސް ބުނެފިއެވެ.

ފްރާންސާ ދެކޮޅަށް އާޖެންޓީނާ ރޭ ކުޅުނު ގަތަރު ވޯލްޑް ކަޕް 2022 ގެ ފައިނަލް މެޗު ފެނިގެން ދިޔައީ އާދަޔާހިލާފު ފޯރިގަދަ ކޮށެވެ. ލުސައިލް އައިކަނިކް ސްޓޭޑިއަމްގައި ފެނިގެން ދިޔައީ ފުރިހަމަ ފުޓުބޯޅަ ފައިނަލެކެވެ. އާޖެންޓީނާއިން ފުރަތަމަ ދެ ގޯލު ޖަހައި ލީޑެއް ނެގި ނަމަވެސް، ފަހުވަގުތު ފަހަތުން އަރައި ފްރާންސް ޖެހި ދެ ގޯލާއެކު މެޗު އިތުރު ވަގުތަށް ދިޔައީ 2-2 އިން އެއްވަރު ވެގެންނެވެ. އެ ނަތީޖާއާއެކު އިތުރު ވަގުތަށް ގޮސް، މެޗު އަނެއްކާވެސް 3-3 އިން އެއްވަރުވެ، ޕެނަލްޓީގައި އާޖެންޓީނާ މެޗު ކާމިޔާބުކުރީ 4-2 ގެ ނަތީޖާއަކުންނެވެ.

ފްރާންސުން ރޭގެ މެޗަށް ނުކުތީ މީގެ 60 އަހަރު ކުރިން ބްރެޒިލުން ލިޔެލި ވޯލްޑް ކަޕްގެ ތާރީހު ލިޔެލާށެވެ. އެއީ ތަށި ދިފާއުކުރުމުގެ ޝަރަފު ހޯދުމަށެވެ. ކިލިއަން އެމްބާޕޭގެ ހެޓްރިކާ އެކުވެސް ފްރާންސަށް ތަށި ދިފާއު ނުކުރެވި، އާޖެންޓީނާއިން ތިން ތަރި ހަމަކުރިއެވެ.

"އަހަރެމެންނަށް ފުރަތަމަ ހާފުގައި ނުވެސް ކުޅެވުނު. އަހަރެމެން ބޭނުންވި އިންޓެންސިޓީގެ ކުޅުމެއް ނުވެސް ފެނުނު. ކުޅުންތެރިންގެ ފަރާތުން ހިތްވަރެއްވެސް ނުފެނުނު. އެކަމުގައި ބައިވަރު ސަބަބުތަކެއް ހުންނާނެ. އެކަން ހައްލުކުރަން ބަދަލުތަކެއް ކޮށް އިތުރު މަސައްކަތްތަކެއްވެސް ކުރެވުނު، ފްރެޝްކޮށްގެންވެސް ހައްލެއް ނުވި،" ޑިޝޭމްޕްސް ބުންޏެވެ.

ފައިނަލް މެޗަށް ތައްޔާރުވުމުގައި ފްރާންސަށް ރޯގާ ހުމަކާ ލައްވާލައި، ފަސްވަރަކަށް ކުޅުންތެރިން ބަލިވެ އުޅެންޖެހިފައިވާ އިރު، ޑިޝޭމްޕްސް ބުނީ އެކަމުގެ އަސަރު ނުސީދާކޮށް ޓީމަށް ކުރާނެ ކަމަށެވެ.

"މުޅި ސްކޮޑަށްވެސް ދިމާވީ އުނދަގޫ ހާލަތެއް. އެކަމުގެ އަސަރު ފިޒިކަލީވެސް، އަދި މެންޓަލީވެސް ޓީމަށް ކުރާނެ ކަމަށް ބެލެވެނީ. އެކަމަކު އެކަމުގެ ޔަގީންކަމެއް ނުދޭނަން. އަހަރެން އެއްވެސް ވަރަކަށް ކުޅުންތެރިންނަށް ދެރަބަހެއް ބުނާކަށް ބޭނުމެއް ނޫން. އެކަމަކު ކުޅުންތެރިން ތިބީ ވަރުބަލިވެފައި. އެއީ އަދި ހުމުގެ އަސަރު ނޫން ނަމަވެސް ރަނގަޅަށް ރިކަވާ ނުވެ ތިބިކަމަށް ފެނުނު،" ޑިޝޭމްޕްސް ބުންޏެވެ.