ޚަބަރު

މިއަދުން ފެށިގެން ފަޅުރަށްތައް ކުއްޔަށް ދިނުން ކައުންސިލްތަކަށް

ރިފާ ހަލީލު

ރަށެއް ނުވަތަ ސިޓީއެއްގެ އިހުތިސޯސް ތެރޭގައި ހިމެނޭ ފަޅުރަށްތައް ކުއްޔަށް ދިނުމާއި ވަރުވާއަށް ލިޔެދިނުމުގެ ބާރު ކައުންސިލްތަކަށް ލިބިދޭ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ތަސްދީގުކުރައްވައިފިއެވެ.

ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ގާނޫނަށް އެއްވަނަ އިސްލާހު ގެނައުމުގެ މި ބިލަކީ، މިދިޔަ ނޮވެންބަރު މަހުގެ 28 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރުގެ 43 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ.

މި ގާނޫނަށް ގެނެވުނު ބައެއް އިސްލާހުތަކުގެ ތެރޭގައި އިދާރީ ދާއިރާއެއްގައި ހިމެނޭ ފަޅުރަށްރަށުގެ ތެރެއިން ރަށެއް ނުވަތަ ސިޓީއެއްގެ އިހުތިސާސްގައި ހިމެނޭ ފަޅުރަށްރަށް، އެކި ފަރާތް ފަރާތަށް ވަރުވާއަށް ލިޔެދީ، އެފަރާތް ފަރާތުން ވަކިކުރާނީ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެ މަތިން އެ ރަށެއް ނުވަތަ ސިޓީއެއް ނިސްބަތްވާ ކައުންސިލަކުންނެވެ.

އެއްވެސް ފަރާތަކަށް ވަރުވާއަށް ލިޔެދީފައިވާ ފަޅުރަށެއް، އެ ރަށެއް ލިޔެގެން އުޅޭ ފަރާތުން އެހެން ފަރާތަކަށް ލިޔެދިނުމާއި ކުއްޔަށް ދިނުމާއި އެ ރަށް ބެލެހެއްޓުމުގެ ޒިންމާ އެހެން ފަރާތަކާ ހަވާލުކުރުމަކީ މަނާ ކަމެއް ކަމުގައި މިގާނޫނުގައި ވަނީ ކަނޑައަޅައިފައެވެ.

އެހެންނަމަވެސް ވަރުވާއަށް ލިޔެދީފައިވާ ފަޅުރަށެއް ލިޔެގެން އުޅޭ ފަރާތުން، އެ ރަށް ބެލެހެއްޓުމުގެ ބޭނުމުގައި އެފަރާތުގެ މުވައްޒަފުންގެ ގޮތުގައި މީހުން އެ ރަށެއްގައި ބައިތިއްބައިގެން އެ ރަށް ބެލެހެއްޓުމަށް މި ގާނޫނުން ހުރަހެއް ނާޅައެވެ.

މި އިސްލާހުގެ ދަށުން އިދާރީ ދާއިރާއެއްގައި ހިމެނޭ ރަށެއް ނުވަތަ ސިޓީއެއްގެ އިހުތިސާސްގައި ނުހިމެނޭ ފަޅުރަށްރަށުގެ ތެރެއިން، ވަރުވާއަށް ލިޔެދޭ ރަށްރަށާއި އިންޑަސްޓްރިއަލް ރަށުގެ ގޮތުގައި ތަރައްގީކުރާ ރަށްރަށާއި އެނޫން ބޭނުންތަކަށް ކުއްޔަށްދޭ ރަށްރަށާއި އެނޫންވެސް އެކި ބޭނުންތަކަށް އެކަށައަޅާ ފަޅުރަށްރަށް ކަނޑައަޅާނީ ރައީސުލްޖުމްހޫރިއްޔާއެވެ. މީގެ އިތުރުން ވަރުވާއަށް ލިޔެދީފައިވާ ފަޅުރަށް ވަކިކުރެވޭ ގޮތާއި ގާނޫނާ ހިލާފު ވެއްޖެނަމަ ލިބޭނެ އަދަބު ތަފުސީލުކޮށް ވަނީ ބަޔާންކޮށްފައެވެ.

މި ގާނޫނަށް ގެނައި އިސްލާހުތަކާ ގުޅިގެން އެކުލަވާލަންޖެހޭ ގަވާއިދުތަކާއި އިސްލާހުކުރަންޖެހޭ ގަވާއިދުތައް މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ހަ މަސްދުވަހުގެ ތެރޭގައި ހަދައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރަންވާނެ ކަމަށް ވަނީ ކަނޑައަޅައިފައެވެ.