ގާނޫނީ ބޮޑެތި ބާރުތަކާއެކު ކެމިކަލް ވެޕަންސް ޔުނިޓެއް އުފައްދަންޖެހޭ ގޮތަށް ހިމަނައި، ރައްޔިތުންގެ މަޖިލީހުން ފާސްކުރި ކެމިކަލް ހަތިޔާރު މަނާކުރުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގު ކުރައްވައިފިއެވެ.

ސަރުކާރުގެ ފަރާތުން މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު މަޖިލީހަށް ހުށަހެޅުއްވި އެ ބިލު މަޖިލީހުން ފާސްކުރީ، ހުސްވި ނޮވެންބަރު 28 ވީ ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2022 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 43 ވަނަ ޖަލްސާގައެވެ.

މި ބިލަކީ ދިވެހިރާއްޖޭގައި ކެމިކަލް ހަތިޔާރު ތައްޔާރުކުރުމާއި އުފެއްދުމާއި ރައްކާކުރުމާއި ބޭނުންކުރުން މަނާކުރުމާއި އެ ތަކެތި ނައްތާލުމުގައި އަމަލުކުރަންޖެހޭ ގޮތްތަކާއި އުސޫލުތައް ކަނޑައަޅައި ބަޔާންކުރުމުގެ ބިލެކެވެ.

މި ބިލުގެ މަގުސަދުތަކުގެ ތެރޭގައި ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހަދާއެއް ކަމުގައިވާ، ކޮންވެންޝަން އޮން ދަ ޕްރޮހިބިޝަން އޮފް ދަ ޑިވެލޮޕްމަންޓް، ޕްރޮޑަކްޝަން، ސްޓޮކްޕައިލިންގ އެންޑް ޔޫސް އޮފް ކެމިކަލް ވެޕަންސް އެންޑް ދެއާ ޑިސްޓްރަކްޝަން 1993ގެ ދަށުން ރާއްޖޭގައި ކެމިކަލް ހަތިޔާރު ތައްޔާރުކުރުމާއި އުފެއްދުމާއި ރައްކާކުރުމާއި ބޭނުންކުރުން މަނާކުރުމާއި އެ ތަކެތި ނައްތާލުމުގައި އަމަލުކުރަންޖެހޭ އުސޫލުތައް ކަނޑައެޅުން ހިމެނެއެވެ

މި ބިލު ގާނޫނަކަށްވެ އަމަލުކުރަން ފެށުމާއެކު، މި ގާނޫނު ތަންފީޒުކުރުމުގެ އެންމެހައި ކަންކަން ކުރުމަށްޓަކައި، މިނިސްޓްރީގެ ހާއްސަ ޔުނިޓެއް "ކެމިކަލް ވެޕަންސް ޔުނިޓް"ގެ ނަމުގައި އުފެދޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ. އެ ޔުނިޓުގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ބިލުގައި ތަފުސީލުކޮށް ކަނޑައަޅާފައިވެއެވެ.

މީގެ އިތުރުން ބިލު ގާނޫނަކަށްވެ އަމަލުކުރަން ފެށުމުން، މި ގާނޫނުގެ ޖަދުވަލުތަކުގައި ބަޔާންކޮށްފައިވާ ކެމިކަލެއް ރާއްޖެއަށް އިމްޕޯޓްކުރުމާއި އެކްސްޕޯޓް ކުރެވޭނީ ގާނޫނުގެ ދަށުން ހަދާ ގަވާއިދުގެ ދަށުން ކެމިކަލް ވެޕަންސް ޔުނިޓުން ދޫކުރާ ލައިސަންސް ހޯދައި އެ ލައިސަންސްގައި ބަޔާންކުރާ ޝަރުތުތަކާ އެއްގޮތްވާ ގޮތުގެމަތިން ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

މި ބިލުން ކެމިކަލް ވެޕަންސް ޔުނިޓަށް ދީފައިވާ ބާރުތަކުގެ ތެރޭގައި ކޯޓު އަމުރުގެ ދަށުން ބަލައި ފާސްކުރުމާއި ބޭނުންވާ ތަކެތި ހިފެހެއްޓުމާއި ތަކެތި ނައްތާލުން ހިމެނެއެވެ. ރާއްޖެއަށް ކެމިކަލް އިންޕޯޓް ކުރުމާއި އެކްސްޕޯޓް ކުރުމުގެ ލައިސަންސް ދިނުމާއި އިންޕޯޓް އަދި އެކްސްޕޯޓް ކުރަންޖެހޭ ކެމިކަލްގެ ބާވަތްތައް ކަނޑައެޅުމާއި މިންވަރު ކަނޑައެޅުމުގެ ބާރުވެސް އެ ޔުނިޓަށް ދީފައިވެއެވެ.

އަދި މުއާހަދާގެ ދަށުން ދިވެހި ދައުލަތުގެ މައްޗަށް ލާޒިމުވާ އެންމެހާ ވާޖިބުތައް އަދާކުރުމާއެކު ބޭރުގެ ފަންނީ މާހިރުންނާއި ތަޖުރިބާކާރުންގެ ލަފާ އެ ޔުނިޓުން ހޯދަންޖެހޭނެއެވެ.

މި ގާނޫނުގައި މަނާ ކަމަށް ކަނޑައަޅާފައިވާ ކެމިކަލް، ލައިސަންސަކާ ނުލައި ލިބިގަތުމާއި ގެންގުޅުމާއި ބެހެއްޓުން އަދި އުފައްދާ ފަރާތްތައް 100،000 ރުފިޔާއިން ފެށިގެން 1،000،000 އާ ހަމައަށް ޖޫރިމަނާ ކުރެވޭ ގޮތަށް ވަނީ ހިމަނައިފައެވެ.

މި ބިލުގައި މަނާ ކެމިކަލް ގެންގުޅޭ ފަރާތްތައް ބޮޑު އަދަދުތަކުން ޖޫރިމަނާކުރުމުގެ އިތުރުން ފަސް އަހަރު ދުވަހާއި 20 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމުގެ ބާރުވެސް ދީފައިވެއެވެ.

ބިލުގައި ބުނެފައި ވަނީ ކަމާބެހޭ ބައިނަލްއަގުވާމީ މުއާހަދާ ތަސްދީގު ކޮށްފައިވާ ގައުމުތަކުގެ އިހުތިސާސް ހިނގާ ސަރަހައްދުތަކުން ބޭރުގައި މަނާ ކެމިކަލެއް ގެންގުޅުމަކީ ކުށެއް ކަމަށެވެ.

މި ބިލު ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީގު ކުރެއްވުމާ ގުޅިގެން މި ގާނޫނު ދިވެހި ސަރުކާރުގެ ގެޒެޓުގައި ވަނީ ޝާއިއު ކުރައްވައިފައެވެ. ނަމަވެސް މި ގާނޫނަށް އަމަލުކުރަން ފެށުމަށް ގާނޫނުގައި ކަނޑައަޅާފައި ވަނީ، ބިލު ތަސްދީގުކޮށް ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާ ދުވަހުން ފެށިގެން ތިން މަސް ދުވަސް ހަމަވާ ތާރީހުން ފެށިގެންނެވެ.