އަންނަ 2023 ވަނަ އަހަރު ބާއްވަން ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކު ހޮވަން ބާއްވާ ޕްރައިމަރީ އަންނަ ޖެނުއަރީ މަހުގެ 28 ގައި ބާއްވަން ނިންމައިފިއެވެ.

އެކަމާ ގުޅޭ ގޮތުން އެމްޑީޕީން މިއަދު ކުރި އިއުލާނެއްްގައި ބުނެފައިވަނީ އެ ޕްރައިމަރީގައި ވާދަކުރަން ބޭނުންވާ މެންބަރުންނަށް އެެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން ފޯމް ހުށަހެޅުމުގެ ސުންގަޑިއަކީ މިމަހުގެ 24 ވަނަ ދުވަހުގެ ހަވީރު 4:00 އާ ހަމައަށެވެ.

ޕްރައިމަރީއަށް ކުރިމަތި ލެވޭނީ އެ ބޭފުޅަކު ޕްރައިމަރީގައި ވާދަކުރުމަށް ތާއީދުކުރާ އެމްޑީޕީގެ 500 މެންބަރުންގެ ތާއީދު ފޯމާއެކު ކަމަށްވެސް ބުނެފައިވެއެވެ.

އެމްޑީޕީން އިއުލާންކޮށްފައިވާ ޓައިމްލައިންގައި ބުނާ ގޮތުން މި މަހުގެ 26 ވަނަ ދުވަހު ކެންޑިޑޭޓުންގެ ފައިނަލް ލިސްޓު، ކެންޑިޑޭޓް ނަންބަރާއެކު އިއުލާންކުރާނެއެވެ. އަދި 28 ޑިސެމްބަރު ރިޔާސީ ޕްރައިމަރީ ވޯޓާސް ލިސްޓު އާންމުކޮށް، ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލާނެއެވެ. ޝަކުވާ ހުށަހަޅަން ދީފައިވަނީ 31 ޑިސެމްބަރުގެ ހަވީރު 4:00 އާ ހަމައަށެވެ.

ޓައިމްލައިންގައިވާ ގޮތުން، ރިޔާސީ ޕްރައިމަރީގެ ފައިނަލް ވޯޓާސް ލިސްޓު އާއްމުކުރާނީ ޖެނުއަރީ 3 ވަނަ ދުވަހުއެވެ. އެއަށްފަހު 10 ޖެނުއަރީގައި ކެންޑިޑޭޓުންގެ މަންދޫބުންނަށް ފުރުސަތު ހުޅުވާލައި އެ ފުރުސަތު 15 ޖެނުއަރީގެ ނިޔަލަށް ބަންދުކޮށް، ޖެނުއަރީ 28 ގައި ޕްރައިމަރީގެ ވޯޓުލުން ބާއްވާނެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ފުރުސަތު ހުޅުވާލާފައިވާއިރު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އަންނަ ރިޔާސީ ދައުރަށް ވާދަކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކުރައްވައިފައެވެ. އޭގެ އިތުރުން އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް އެ އިންތިހާބުގައި ވާދަކުރައްވަން ނިންމަވައި، އެކަމުގެ މަސައްކަތް ވަނީ ފައްޓަވައިފައެވެ.