ކުޅުންތެރިއެއްގެ ގޮތުގައި އަދި ކޯޗެއްގެ ގޮތުގައި މިހާތަނަށް ދުނިޔޭގެ ޗެމްޕިއަންކަން ހޯދާފައި ވަނީ އެންމެ ތިން ކޯޗުންނެވެ. އެއީ ބްރެޒިލްގެ މާރިއޯ ޒަގޯލާގެ އިތުރުން ޖަރުމަނުގެ ފްރާންޒް ބެކަންބާ އަދި ފްރާންސްގެ މިހާރުގެވެސް ކޯޗު ޑިޑިއޭ ޑިޝޭމްޕްސްއެވެ. އެ ތާރީހު އެހިސާބުން ނިންމާލުމަށްވެސް ޑިޝޭމްޕްސް ބޭނުމެއް ނުވެއެވެ. ފްރާންސުން މިރޭ ނުކުންނާނީ 60 އަހަރަށްފަހު ވޯލްޑް ކަޕްގެ ތަށި ދިފާއުކުރާ ފުރަތަމަ ގައުމަށްވުމަށެވެ. މިރޭގެ ފައިނަލް ފްރާންސް ކާމިޔާބު ކޮށްފިނަމަ، ކޯޗު ޑިޝޭމްޕްސް ވެގެންދާނީ ޖެހިޖެހިގެން ދެ ވޯލްޑް ކަޕް ކާމިޔާބުކުރާނެ ދެވަނަ ކޯޗަށެވެ.
މީގެ ކުރިން އިޓަލީ އާއި ބްރެޒިލުން ވޯލްޑް ކަޕްގެ ތަށި ދިފާއު ކޮށްފައިވާ އިރު، 1934 ވަނަ އަހަރާއި 1938 ވަނަ އަހަރު އިޓަލީއަށް ތަށި ދިފާއުކޮށްދިން ކޮޗަކީ ވިޓޯރިއޯ ޕޯޒޯއެވެ. އެއީ ތާރީހުގައިވެސް ވޯލްޑް ކަޕް ތަށި ދިފާއުކުރި ހަމައެކަނި ކޯޗެވެ. މިރޭ ޑިޝޭމްޕްސްއަށް އޮތީ ވޯލްޑް ކަޕްގެ އެ އަގުހުރި ޝަރަފަށް ވާސިލްވުމުގެ ފުރުސަތެވެ. 1962 ވަނަ އަހަރު ބްރެޒިލުން ވޯލްޑް ކަޕްގެ ތަށި ދިފާއުކުރި ފަހުން ގައުމަކަށް ނުހޯދި އޮތް ޝަރަފަކަށް ފްރާންސުން ތައްޔާރުވާ އިރު، އުމުރުން 54 އަހަރުގެ ޑިޝޭމްޕްސްއަށް މިރޭގެ މެޗަކީ ފްރާންސް ކޯޗު ކަމުގައި ފަހު މެޗު ކަމަށްވުން ވަރަށް ގާތެވެ. މި ވޯލްޑް ކަޕްގެ ނިޔަލަށް އޭނާގެ ފްރާންސް އެއްބަސްވުން ހަމަވާނެތީއެވެ.
ކުޅަދާނަ ކެޕްޓަނެއްގެ ގޮތުގައި ޑިޝޭމްޕްސް ފްރާންސާ އެކު 1998 ވަނަ އަހަރުގެ ވޯލްޑް ކަޕް އުފުލާލީވެސް އެތައް ބަޔަކަށް، އެތައް ކަމެއް ސާބިތުކޮށްދީފައެވެ. ކުޅުންތެރިއެއްގެ ގޮތުގައި ފްރާންސާއި އިޓަލީގެ އިތުރުން އިންގްލެންޑް، އަދި ސްޕެއިންގައި ކާމިޔާބުތައް ހޯދި ޑިޝޭމްޕްސްއަކީ "ނަސީބުން ކާމިޔާބު ހޯދި" ކުޅުންތެރިއެއް ކަމަށް ބުނާ ބަޔަކަށް މެސެޖެއް ދީފައެވެ. ވަރުގަދަ އެތައް ބަޔަކު ޑިޝޭމްޕްސްގެ ހާއްސަ ކަމެއް ނެތް ކަމަށް ބުނަމުން ދަނިކޮށެވެ.
"ޑިޝޭމްޕްސް ކުރާ ކަމަކަށް 100 ޕަސެންޓް ދޭތީ ލިބޭ ނަސީބެއް އޮންނާނެ. އެކަމަކުވެސް އޭނާއަކީ ޓީމެއްގެ ފެން އުފުލާ ކުޅުންތެރިއެއް ކަހަލަ ކުޅުންތެރިއެއް. އެއީ ވަކި ހާއްސަ ކުޅުންތެރިއެއް ނޫން. ފްރާންސްގެ ހުރިހާ މަގަކުންވެސް އެކަހަލަ ކުޅުންތެރިން ފެންނާނެ،" 1996 ވަނަ އަހަރު ފްރާންސަށް އޭނާއާއެކު ކުޅެމުންދިޔަ އެރިކް ކަންޓޯނާ، ޑިޝޭމްޕްސްއަށް ބުނެފައިވެއެވެ.
ކަންޓޯނާ އެހެން ބުނީ 1993 ވަނަ އަހަރު މާސޭއާއެކު ޑިޝޭމްޕްސް ހޯދި ޗެމްޕިއަންސް ލީގާއި 1996 ވަނަ އަހަރު ޔުވެންޓަސްއާއެކު ޑިޝޭމްޕްސް ހޯދި ޗެމްޕިއަންސް ލީގުގެ ވާހަކަ ދައްކަމުންނެވެ.
ޑިޝޭމްޕްސްއަށް އެފަދަ "ނަސީބު"ގެ އެތައް ފާޑު ކިޔުމެއް އަމާޒުވަމުން ގޮސް ވެސް ކެރިއަރު ނިމިގެން ދިޔައީ އެގައުމު ދުށް އެންމެ މޮޅު އެއް ޑިފެންސިވް މިޑްފީލްޑަރުގެ ގޮތުގައެވެ. ގައުމީ ޓީމަށް 103 މެޗު ކުޅެދިން ޑިޝޭމްޕްސްގެ ކެޕްޓަން ކަމުގެ ދަށުގައި ފްރާންސުން ފުރަތަމަ ފަހަރަށް ވޯލްޑް ކަޕް ހޯދައި، ޖެހިގެން އައި 2000 ވަނަ އަހަރު ޔޫރޯވެސް ހޯދިއެވެ.
"ފެން އުފުލައިދޭނެ" ކުޅުންތެރިޔާގެ ލަގަބަށް ޑިޝޭމްޕްސް ޖަވާބުދިނީ އޭނާއަކީ ލީޑަރެއްކަން ސާބިތުކޮށްދީގެންނެވެ. އެކުގައި ކުޅުނު ކުޅުންތެރިންގެ ހިތްތައް ބަދަލުކޮށް، ކެރިއަރަކީ ނަސީބުން ހޯދި ކެރިއަރެއް ނޫން ކަމަށްވެސް ކަނޑައަޅައިފައެވެ.
"ޑިޑިއޭއަކީ އަހަރެންގެ ހުރިހާ ޓީމެއްގެ ކެޕްޓަން. އޭނާގެ ކިބައިން އަބަދުވެސް ފެންނާނެ ލީޑަރެއްގެ ސިފަ،" ޑިޝޭމްޕްސްއާއެކު ވޯލްޑް ކަޕް ނެގި މާސެލް ޑެސައިލީ ބުންޏެވެ.
ޑެސައިލީގެ ނަޒަރުގައި އެކުގައި ކުޅޭ ކުޅުންތެރިން ދަސްކުރަން ޑިޝޭމްޕްސްއަކީ ހާއްސަ ހުނަރެއްގެ ކެޕްޓަނެކެވެ. މީހުންގެ މިޒާޖާއި މީހުންގެ ވިސްނުން އަވަހަށް ދަމަގައިގަތުމަކީ ކެޕްޓަނެއްގެ ގޮތުގައި ޑިޝޭމްޕްސްގެ ގަދަ ފައި ކަމަށް ޑެސައިލީ ފާހަގަކޮށްފައިވާ އިރު، ކޯޗެއްގެ ގޮތުގައިވެސް އޭނާ އެންމެ ބޮޑަށް ބޭނުންކުރާ ހަތިޔާރަކީ ކުޅުންތެރިން މެނޭޖުކުރުމުގައި ގެންގުޅޭ އުކުޅުތަކެވެ. ވިއްސިވިހާލި ވެފައިވާ ފްރާންސެއް އެއް ކުރުމުގައިވެސް ދެއްކީ އެ ތަފާތެވެ.
މޮނާކޯ އާއި ޔުވެންޓަސްގެ އިތުރުން މާސޭއަށްވެސް ކޯޗުކަން ކޮށްދިނުމަށްފަހު، ޑިޝޭމްޕްސް ގައުމީ ޓީމާ ހަވާލުވީ 2012 ވަނަ އަހަރުއެވެ.
ދެހާސް ހަވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލުގައި ބަލިވެ، 2010 ވަނަ އަހަރު ވޯލްޑް ކަޕްގެ ލަދުވެތިކަމާއެކު ފްރާންސް އޮތީ ވިއްސިވިހާލި ވެފައެވެ. 2010 ވަނަ އަހަރު ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން ފްރާންސް ކެޓުމާއެކު އޭރުގެ ކޯޗު ރޭމޮންޑް ޑޮމެނެޗާ ކުޅުންތެރިން މައްސަލަތައް ޖެހި، ތަމްރީނު ކުރަންވެސް ދެކޮޅު ހެދިއެވެ.
އެ މައްސަލަތަކަށްފަހު ފްރާންސާ ހަވާލުވީ ވޯލްޑް ކަޕް ހޯދި ޑިފެންޑަރު ލޮރެންޓް ބްލޭންކެވެ. އޭނާއަށްވެސް މާ ގިނަ ދުވަހު މަގާމުގައި ނުހުރެވުނެވެ. 2012 ވަނަ އަހަރު ޔޫރޯގެ ކުއާޓާ ފައިނަލުން ބަލިވި ހިސާބުން، ބްލޭންކް އިސްތިއުފާ ދިނެވެ. އެ ހާލަތުގައި އޮތް ފްރާންސާ ހަވާލުވީ މިހާރުގެ ކޯޗު ޑިޝޭމްޕްސްއެވެ. އެއީ ފްރާންސަށް އިހުތިރާމް ލިބިގެން ދިޔަ އެއް ސަބަބެވެ.
"ޑިޝޭމްޕްސްއާއެކު ގައުމީ ޓީމަށް ވަރަށް ބޮޑުތަނުން އިހުތިރާމް ލިބިގެން ދިޔަ. ޑިޑިއާއަކީ މޮޅުވުމަށް ތަފާތު ރޫހެއް ހުންނަ މީހެއް. އަދި ގައުމީ ޓީމަށް އެންމެ އެކަށޭނެ ގޮތްތައް އެނގޭނެވެސް މީހެއް. އެހެންވީމަ އެއީ އުންމީދެއް ލިބުނު ހިސާބު،" ކުރީގެ ޑިފެންޑަރު ޑެސައިލީ ބުންޏެވެ.
ޑިޝޭމްޕްސް ޓީމާ ހަވާލުވުމާއެކު ބަދަލުތައް ސާފުވާން ފެށިއެވެ. 2014 ވަނަ އަހަރު ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލްގައި ފްރާންސުން ކުޅެ، 2016 ވަނަ އަހަރު އަމިއްލަ ގައުމުގައި ބޭއްވި ޔޫރޯގެ ފައިނަލް އެގައުމުން ކުޅުނެވެ. އާ ޖީލެއް، އާ އުންމީދެއް ޓީމަށް ގެނެސް، ފްރާންސަކީ ސުޕަ ސްޓާރަކަށް ބަރޯސާވާ ޓީމެއްގެ ގޮތުގައި އޮންނަ އޮތުން ނިމުމަކަށް ގެނެސް، އެގައުމުގެ މިސްރާބު ރަނގަޅުވިއެވެ.
ފްރާންސަށް 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ފެށުން ދިޔައީ އެންމެ ރަނގަޅަކަށް ނޫނެވެ. އޮސްޓްރޭލިއާ ކައިރިން 2-1 އިން ކިރިޔާ ސަލާމަތްވި އިރު، ޓީމުގެ ސްޓައިލެއް ނެތުމުގެ ފާޑުކިޔުންތައް އަމާޒުވިއެވެ. މެޗަށްފަހު މިޑްފީލްޑަރު ޕައުލް ޕޮގްބާ ބުނީ "ދަނޑުމަތީގައި ވާނުވާ ނޭނގޭ" ކަމަށެވެ. އެޓޭކް ކުރަންވި ގޮތެއްވެސް ނޭނގޭ ކަމަށެވެ.
އެ ވާހަކަތަކަށް ޑިޝޭމްޕްސް ދޭނެ ރައްދަކަށް މުޅި މީޑިއާ ބަލަން އޮތީ، ފްރާންސްގެ ޓީމުގައި ހުޅު ރޯވާނެ ކަމަށް އަންދާޒާ ކޮށްގެންނެވެ. އެހެން ނަމަވެސް ޑިޝޭމްޕްސް ރަނގަޅު ބަސްތައް ބޭނުންކޮށް، އެކުގައި ތިބިކަން ދައްކާލީ ތަފާތު ވާހަކަތަކަކުންނެވެ.
"އަހަރެން މިބުނަނީ ވަކި ކުޅުންތެރިއަކަށް ނޫން. އަހަރެން މި ބުނަނީ މިއީ އަހަރެމެންނޭ. އަހަރެންވެސް ކޮންމެ ބައްޔެއްގައި، ކޮންމެ ގޯހެއްގައި ޝާމިލްވާނެ. އަހަރެން ޕޮގްބާވެސް، އެހެން ކުޅުންތެރިންވެސް ހިމާޔަތް ކުރާނަން. ވަކިވަކިންވެސް، އަދި އެކުގައިވެސް. ކުޅުންތެރިން ދަނޑުމަތީގައި ދައްކާ ތަފާތުން ނަތީޖާ ނެރެވޭނެ،" ޑިޝޭމްޕްސް ބުންޏެވެ.
ފެށުން ގޯސް ނަމަވެސް، ގަދަ 16 ގައި އާޖެންޓީނާ ބަލިކޮށް، ފްރާންސް ހަމަ ޖެހިލިއެވެ. ހަމަޖެހިލިތަނާ ފްރާންސްގެ ކޭމްޕް ތެރޭގެ އިތުރު މައްސަލައެއް ފެންމަތިވިއެވެ. ބައެއް ކުޅުންތެރިން ކޭމްޕުން ބޭރަށް ގޮސް ހޮޓަލް ތެރެއަށް އައިސް އަޑުގަދަ ކުރުމުން ނިދާފައި ތިބި ކުޅުންތެރިންނަށް ހޭލެވި، އެކަމުގެ ރުޅީގައި ޑިފެންޑަރު އެޑިލް ރެމީ، އަލިފާން ނިވާ ފުޅި ޖެހުމުން ހޮޓެލުގެ ސްމޯކް ޑިޓެކްޓަރު އެކްޓިވޭޓް، އެންމެނަށް ހޭލެވުނެވެ.
ކޯޗު ޑިޝޭމްޕްސްވެ އޭނާގެ ކޮޓަރިން ނުކުތް ކަމަށް ފްރާންސްގެ މީޑިއާ އޮފިސަރު ފިލިޕް ޓޯރޯން ކިޔައިދީފައިވެއެވެ. ޓޯރޯން އުންމީދު ކުރީ ޑިޝޭމްޕްސް "ބަވާލާނެ" ކަމަށް ނަމަވެސް، އޭނާގެ ވާހަކަތައް ހުރީ މަޑުމައިތިރިކޮށް ކަމަށް އޭނާ ބުންޏެވެ. ޓޯރޯން ބުނި ގޮތުގައި، ޑިޝޭމްޕްސް އޭނާ ގާތުގައި ފަހުން ބުނީ، އެފަދަ ހާލަތެއްގައި ހަޅޭލަވައި އެއްޗެހި ގޮވައިފިނަމަ، ރޫހު ގެއްލި ކުޅުންތެރިންނާއި އޭނާއާ ދެމެދު މަސްލަހަތު ގޯސްވާނެ ކަން އެނގޭ ކަމަށް ކަމަށެވެ.
ޑިޝޭމްޕްސްއަކީ ކުޅުންތެރިން ކިޔަމަން ކުރުމުގެ ހާއްސަ އުސޫލެއް ގެންގުޅޭ ހަރުދަނާ ކޯޗެއްކަން ޔަގީނެވެ. ޓީމެއްގޮތުގައި ޓީމު ބިނާކުރަން އޭނާ ދަންނަކަންވެސް މިހާރު ޔަގީނެވެ. ނޭޝަންސް ލީގުގައި މާޔޫސްވެފައި އޮތް ފްރާންސުން މިފަހަރުގެ ވޯލްޑް ކަޕަށް ނުކުތީ އަނިޔާގެ އެތައް މައްސަލައެއްގެ ތެރެއިން ކަމަށްވީ ނަމަވެސް، އެޓީމުގެ ކުޅުމަކުން އެކަން ފާހަގަވިޔައެއް ނުދެއެވެ.
ކޮންމެ ކުޅުންތެރިޔަކީވެސް މުހިއްމު ކުޅުންތެރިއެއް ކަމަށް ބަލައި، ޑިޝޭމްޕްސް ހުރިހާ ކުޅުންތެރިންނާ ދަމަހައްޓަމުންދާ ހާއްސަ ގުޅުމާއެކު ޓީމު، ޓީމެއްގެ ގޮތުގައި ފައިނަލް ހޯދިއެވެ. އުންމީދުވެސް ނުކުރެވޭނެ ގޮތަކަށެވެ. މުބާރާތުގެ ފެވަރިޓަކީ އެއީ ކަމަށް ބުނެވިދާނެއެވެ. ކިލިއަން އެމްބާޕޭ ޓީމަށް ކޮންމެވެސް ވަރަކަށް ހާއްސަ ނަމަވެސް، ޑިޝޭމްޕްސްގެ ވިސްނުމުގައި ޓީމު ހަމަހަމައެވެ. ވަކި ކުޅުންތެރިޔަކު އޭނާއަށް ހާއްސަ ނުވާނެ ކަމަށް އަބަދުވެސް ބުނަމުންދެއެވެ. ފެން އުފުލާ ކުޅުންތެރިޔާ، ނުކުންނަނީ ތާރީހުގެ އާ ސަފުހާއަކާއެކު ނިންމާލާށެވެ.
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022