ގަތަރު ވޯލްޑް ކަޕް 2022 ގެ ތިންވަނަ، ކްރޮއޭޝިއާއިން ހޯދައިފިއެވެ.
ގަތަރުގެ ވެރިރަށް ދޯހާގެ ހަލީފާ އިންޓަނޭޝަނަލް ސްޓޭޑިއަމްގައި ކުޅުނު ތިންވަނަ ހޮވާ މެޗުގައި ކްރޮއޭޝިއާއިން މޮރޮކޯގެ މައްޗަށް ކުރިހޯދީ 2-1 ގެ ނަތީޖާއަކުންނެވެ.
މިރޭގެ ތިންވަނަ ހޮވާ މެޗަކީ ދެޓީމުންވެސް ކުޅެން ބޭނުން ނުވި މެޗެއްކަން ޔަގީނެވެ. އެއީ ސެމީ ފައިނަލުގައި ބަލިވެ އެކަމުގެ މާޔޫސްކަމުގައި ކުޅެން ޖެހުނު މެޗަކަށްވީތީއެވެ. މިފަހަރުގެ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައިވެސް މޮރޮކޯއާއި ކްރޮއޭޝިއާ ވާދަކުރިއެވެ. އެ މެޗު ގޯލެއް ނުޖެހި ވީ އެއްވަރެވެ. ކްރޮއޭޝިއާ ތިންވަނަ ހޮވާ މެޗަށް ނުކުތީ ސެމީ ފައިނަލުގައި އާޖެންޓީނާ ކައިރިން ބަލިވެގެންނެވެ. އަނެއްކޮޅުން ވޯލްޑް ކަޕްގައި ތަފާތު ހައިރާންކުރުވަނިވި ދަތުރެއްގައި ކުރިއަށް ދިޔަ މޮރޮކޯއިން ތިންވަނަ ހޮވާ މެޗުގައި ނުކުތީ ސެމީ ފައިނަލުގައި ފްރާންސް އަތުން ބަލިވެގެންނެވެ.
ދެޓީމުގެ ކޯޗުންވެސް މެޗުގެ ކުރިން ބުނީ ޕޯޑިއަމްގައި މެޑައްޔަކާއެކު ނިންމާލަން ބޭނުންވާ ކަމަށާއި، އެ ފުރުސަތު ދޫކޮށްލަން ބޭނުން ނުވާ ކަމަށެވެ. މެޗުގެ ވަރުގަފަ ފެށުމުންވެސް އެކަން ފެނިގެން ދިޔައެވެ. ދެޓީމުންވެސް ފެށީ ކުރިއަށް ޖެހި އެޓޭކިން ކުޅުމަކާއެކުގައެވެ.
އެގޮތުން މެޗުގެ ހަތްވަނަ މިނެޓުގައި ކްރޮއޭޝިއާއިން ލީޑު ނެގިއެވެ. ހިލޭ ޖެހުމަކުން ލޮވްރޯ މަޔާ ދިން ބޯޅައަކުން އިވާން ޕެރިސިޗް ޖައްސާލި ބޯޅަ، ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުން ކްރޮއޭޝިއާއަށް ގޯލު ޖަހައިދިނީ ޖޮސްކޯ ގުވާޑިއޯލެވެ. ތަމްރީނުތަކުގައި ތައްޔާރުވެފައިވާ ހިލޭ ޖެހުމެއްކަން ސާފެވެ. ހިތްގައިމު ގޯލެކެވެ.
އޭގެ ދެ މިނެޓް ފަހުން މޮރޮކޯވެސް ގޯލު ޖެހިއެވެ. ހަކީމް ޒިޔެޗް ނަގައިދިން ހިލޭ ޖެހުން، މަޔާގެ ބޮލުގައި ޖެހިފައި ދިޔުމާއެކު، ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުން މޮރޮކޯއަށް އެ ގޯލު ކާމިޔާބުކޮށްދިނީ އަޝްރަފް ޑާރީއެވެ.
ތިންވަނަ ހޮވާ މެޗުގެ ފެށުން ފޯރިގަދައެވެ. އެ ދެގޯލާއެކު މެޗު ހުޅުވިގެން ދިޔައެވެ. ހަމަލާތައްވެސް ފެނުނެވެ. އެގޮތުން ފުރަތަމަ ހާފުގެ ފަހު ބައިގައި ކްރޮއޭޝިއާއިން މެޗުގެ ކޮންޓްރޯލު ހޯދައި، މަޑުމަޑުން މެޗުގެ ކޮންޓްރޯލު ހޯދަމުން ދިޔައެވެ. މޮރޮކޯގެ ފަރާތުން ވަރަށް ބޮޑަށް ވަރުބަލިކަން ފެނުނުހެން ހީވި އިރު، މެޗުގެ 24 ވަނަ މިނެޓުގައި މަޔާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން ކެޕްޓަން ލޫކާ މޮޑްރިޗް ފޮނުވާލި ހަމަލާ، ކީޕަރު ޔަސީން ބޯނޯ ވަނީ މަތަކޮށްފައެވެ. އަދި އަންދްރޭ ކްރަމަރިޗް ބޮލުން ފޮނުވާލި ހަމަލާ އަމާޒުވީ މޮރޮކޯގެ ކީޕަރު ޔަސީން ބޯނޯގެ އަތަށެވެ.
ކްރޮއޭޝިއާއިން މެޗުގެ ކޮންޓްރޯލު ހޯދައި، ހާފު ނިމުމުގެ ކުރިން ލީޑު ނެގިއެވެ. 42 ވަނަ މިނެޓުގައި މާކޯ ލިވާޔާ ދިން ބޯޅަ، މިސްލާވް އޯސިޗް ވަނީ ޕެނަލްޓީ އޭރިއާ އަރިމަތިން ވަދެ، ވަރަށް ރީތިކޮށް މޮރޮކޯގެ ކީޕަރު ބޯނޯގެ ބޯމަތިމަތިން ގޯލަށް ވައްޓާލައިފައެވެ. އެ ބޯޅަ ގޯލުގެ ތެރެއަށް ވަދެފައިވަނީ މޮރޮކޯ ގޯލުގެ އަރިމަތީ ދަނޑީގައި ޖެހިފައެވެ.
ދެވަނަ ހާފުގައި ކްރޮއޭޝިއާއިން ނަތީޖާ ހިފަހައްޓަން މަސައްކަތް ކޮށްފައިވާ އިރު، މޮރޮކޯއިން ހިތްވަރުލައި، އެއްވަރުކުރަން މަސައްކަތް ކުރިއެވެ. ހާފުގެ ކުރީކޮޅުގައި ހަމަލާތައް ނުފެނުނު ނަމަވެސް ހާފުގެ ފަހު ކޮޅުގައި މޮރޮކޯއިން ވަނީ ހަމަލާތައް ނުރައްކާ ކޮށްފައެވެ.
އެގޮތުން، މެޗުގެ 75 ވަނަ މިނެޓުގައި ޕެނަލްޓީ އޭރިއާ ތެރެއިން އަޝްރަފް ހަކީމީ ނުރައްކާކުރުމުގެ ކުރިން ކްރޮއޭޝިއާގެ ކެޕްޓަން މޮޑްރިޗް ވަނީ ދިފާއުކޮށްފައެވެ. އަދި އޭގެ މިނެޓެއް ފަހުން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ، އެން ނަސީރީ ފޮނުވާލި ހަމަލާ، ކްރޮއޭޝިއާގެ ކީޕަރު ޑޮމިނިކް ލިވަކޮވިޗް ވަނީ މަތަކޮށްފައެވެ. ހުސް ފުރުސަތެއް ބޭކާރުވެގެން ދިޔައެވެ. އަދި އޭގެ ފަހުން މެޗު ނިމިނިމި އޮއްވައިވެސް އެން ނެސީރީ ބޮލުން ޖެހި ބޯޅަ ދިޔައީ މަތިން ބޭރަށެވެ.
ކްރޮއޭޝިއާއިން ފަހު ވަގުތު ފަހަތަށް ޖެހި ލީޑު ދެމެހެއްޓި އިރު، މި ވޯލްޑް ކަޕްގެ ތިންވަނަ ހޯދުމަކީ އެޓީމަށް ލިބިގެންދާނެ ބޮޑު ކާމިޔާބީއެކެވެ. ޖެހިޖެހިގެން ދެ ވޯލްޑް ކަޕެއްގައި މެޑަލް އަޅައިލުމުގެ ޝަރަފު ކްރޮއޭޝިއާއިން ހޯދީ މި ވޯލްޑް ކަޕްގެ ލޯ މެޑަލް އަޅާލައިގެންނެވެ. 1998 ވަނަ އަހަރުވެސް ކްރޮއޭޝިއާއިން ވޯލްޑް ކަޕްގެ ތިންވަނަ ހޯދި އިރު، މިއީ އެގައުމުގެ ތާރީހުގައި ވޯލްޑް ކަޕްގެ ގަދަ ތިނެއްގެ ތެރޭގައި ހިމެނުނު ތިންވަނަ ފަހަރެވެ.
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022