މީގެ އަށް އަހަރު ކުރިން މާޗް 21، 2015ގެ ރޭ ހިންގި މާރާމާރީއެއްގައި ލ. މުންޑޫ/ ނޫވިލު، އަލީ ޒިޔަދަމް މަރާލި މައްސަލައިގައި ހުކުމްކުރުން މާދަމާ އޮންނާނެއެވެ. މި މައްސަލައިގެ މާދަމާގެ އަޑުއެހުން ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފައި ވަނީ ހެނދުނު 9:00 އަށެވެ.
ޒިޔަދަމުގެ މަރާ ގުޅިގެން ދައުވާކުރަނީ ލ. މުންޑޫ/ ބީޗުވިލާ، އަލީ ޝިފާމް (29އ) އާއި އެ ރަށު ހީނާވިލާ، މުހައްމަދު ޝަނޫން (24އ) އަށެވެ. ޝަނޫނާއި ޝިފާމަށްވެސް ކުރަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާއެވެ.
ޒިޔަދަމްގެ ބޮލަށާއި ބުރިކަށީގެ އިތުރުން ފައިގެ ފަލަމަސްގަނޑަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ އިރު، އޭނާ މުންޑޫ ހެލްތު ސެންޓަރަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް އޭރު ފުލުހުން ވަނީ ބުނެފައެވެ. ޒިޔަދަމަށް ހަމަލާދިނީ ދައުވާ ލިބޭ ދެ މީހުންނާއި ޒިޔަދަމް ކެއްކި ބަނގުރާތަކެއް ބެހުމުގެ ތެރެއިން ޖެހުނު މައްސަލައަކާ ގުޅިގެން ކަމަށާއި މަރުވި ޒިޔަދަމަކީ ވައްކަމާއި މަސްތުވާތަކެތީގެ ކުށުގެ ރެކޯޑުވެސް އޮންނަ މީހެއް ކަމަށް ފުލުހުން ބުނެފައިވެއެވެ.
ޒިޔަދަމްގެ މަރުގެ މައްސަލައަކީ ނުނިމި ދިގުލައިގެން ގޮސްފައިވާ މައްސަލައެކެވެ. އެ މައްސަލައިގެ ގާޒީން އެކި ފަހަރު ބަދަލުވެފައިވެސްވެއެވެ. ޒިޔަދަމްގެ މަރުގެ މައްސަލައިގައި މި އަހަރުގެ ތެރޭގައި ވަނީ ހުލާސާ ބަޔާން އިއްވައިފައެވެ.
ގާނޫނު ބުނާ ގޮތުން ހުސާލާ ބަޔާން އިއްވާތާ 30 ދުވަހުގެ ތެރޭގައި މައްސަލައިގެ ހުކުމް ކުރަންޖެހެއެވެ. ނަމަވެސް އޭގެ ކުރިން ކަމެއް ސާފުކުރަން އޮތް ނަމަ އަޑުއެހުން ބޭއްވުމުގެ އިހުތިޔާރު ގާޒީއަށް އޮވެއެވެ.
މި މައްސަލައިގައި ހުކުމް ކުރުމުގެ ކުރިން ބާއްވާ އެންމެ ފަހު އަޑުއެހުން ބާއްވާފައި ވަނީ، ހުސްވި ނޮވެމްބަރު މަހުގެ ތެރޭގައެވެ. އެ އަޑުއެހުމަކީ ހުކުމުގެ ކުރިން ގާޒީ ސާފު ކުރައްވަން ބޭނުންވާ ކަންކަން ސާފު ކުރެއްވުމަށް ބޭއްވެވި އަޑުއެހުމެކެވެ.
އެ އަޑުއެހުމުގައި ގާޒީ ވިދާޅުވީ، ސިއްރު ހެކިވެރިޔާ ތިނެއްގެ ބަޔާންތަކަށް ބަލައި އިރު، އަލީ ޝިފާމްގެ އަތުގައި ވަޅިއެއް އޮތް ކަމަށާއި އޭނާ ހަމަލާ ދިން ކަމަށް ބުނެފައިވާ ކަމަށެވެ. އެ ނޫން ހެކިވެރިޔަކު އެހެން ބުނެފައި ނުވާ ކަމަށާއި އެހެންކަމުން މި މައްސަލައިގައި ހުށަހެޅިފައިވާ ހެކިތަކުގެ ތެރެއިން އެ ވާހަކައަށް ބާރު ލިބޭ ކަންކަން ސާފުކޮށްދޭން ގާޒީ ވަނީ ދައުލަތުގެ ކިބައިން އެދިވަޑައިގެންފައެވެ.
މީގެ އިތުރުންވެސް ބައެއް ކަންކަން ސާފުކުރަން ދައުލަތުގެ ކިބައިން ގާޒީ އެދިވަޑައިގެންނެވިއެވެ. އެގޮތުން ޒިޔަދަމްއަށް ހަމަލާ ދިން ކަމަށް ބުނާ ވަޅި ތަހުގީގުގެ ތެރެއިން ރިކަވާ ކުރެވުނުތޯއާއި އެ ވަޅިއާއި ޝިފާމްއާ ގުޅުވާލެވޭ އެއްވެސް ހެއްކެއް ހުރިތޯ ގާޒީ ސުވާލުކުރެއްވިއެވެ.
އެ ދުވަހުގެ އަޑުއެހުން ގާޒީ ނިންމަވާލެއްވީ، ސާފުކުރައްވަން ބޭނުންފުޅުވި ކަންކަމަށް މިމަހުގެ ހަތަރު ވަނަ ދުވަހުގެ ކުރިން ލިޔުމުން ޖަވާބުދާރީވުމަށް އަންގަވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު