ސްޕެއިންގެ ކެޕްޓަން އަދި ލެޖެންޑް ސާޖިއޯ ބުސްކެޓްސް ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ރަސްމީކޮށް އިއުލާނުކޮށްފިއެވެ.
އުމުރުން 34 އަހަރުގެ ބުސްކެޓްސް ރިޓަޔާކުރިކަން އިއުލާން ކުރީ ގައުމީ ޓީމަށް 15 އަހަރު ދުވަހު ކުޅުމަށްފަހުގައެވެ. އޭނާ ވަނީ ގައުމީ ޓީމަށް 143 މެޗު ކުޅެދީފައެވެ.
ސޯޝަލް މީޑިއާއަށް ދޫކޮށްލި މެސެޖެއްގައި ބުސްކެޓްސް ބުނެފައި ވަނީ މިއީ ގައުމީ ޓީމަށް އަލްވަދާއު ކިޔަންޖެހޭ ވަގުތު ކަމަށާއި "ގައުމު ތަމުސީލުކުރުމަށް ލިބުނު ފުރުސަތަކީ ކެރިއަރުގައި ލިބުނު އެންމެ ބޮޑު ޝަރަފު" ކަމަށެވެ.
ބުސްކެޓްސްއަކީ އެ ގައުމުގެ ތާރީހުގައި ފެނުނު ރަން ޖީލުގައި ހިމެނުނު އެއް މިޑްފީލްޑަރެވެ. އޭނާއާއި އަންދްރޭސް އިނިއެސްޓާއާއި ޒަވީ ހެނާންޑޭޒްއާއެކު ގައުމީ ޓީމަށް ގިނަ ކާމިޔާބީތަކެއް ހޯދި މިޑްފީލްޑަރެކެވެ. ގައުމީ ޓީމާއެކު ބުސްކެޓްސް ވަނީ 2010 ވަނަ އަހަރުގެ ވޯލްޑް ކަޕާއި 2008 ވަނަ އަހަރާއި 2012 ވަނަ އަހަރުގެ ޔޫރޯވެސް ކާމިޔާބު ކޮށްފައެވެ. އެއީ ސްޕެއިން ފުޓުބޯޅަ ތާރީހުގައިވެސް އެ ގައުމުން ހޯދި އެންމެ ވަރުގަދަ އަދި އާދަޔާހިލާފު ކާމިޔާބީއެވެ.
ސްޕެއިން ގައުމީ ޓީމަށް ބުސްކެޓްސް ފުރަތަމަ މެޗު ކުޅެފައި ވަނީ 2009 ވަނަ އަހަރުގެ އޭޕްރީލް މަހުގެ އެއްވަނަ ދުވަހުއެވެ. އެ މެޗަކީ ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ތުރުކީއާ ދެކޮޅަށް ކުޅުނު މެޗެކެވެ. އޭގެ ފަހުން ބުސްކެޓްސް ވަނީ ހަތަރު ވޯލްޑް ކަޕާއި ތިން ޔޫރޯއެއްގައި ކުޅެފައެވެ.
ކްލަބު ކެރިއަރު އެކުގައި ބާސެލޯނާގައި ހޭދަކޮށް، އެ ކްލަބަށް ބުސްކެޓްސް 700 އާ ގާތްކުރާ އަދަދަކަށް މެޗު ކުޅެދީފައިވާ އިރު، ކްލަބާއެކު އަށް ލީގު ތަށި އަދި ތިން ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފައިވެއެވެ. ބެލެވޭ ގޮތުގައި މި ސީޒަނަށްފަހު ބުސްކެޓްސް ބާސާ ދޫކޮށް، ކެރިއަރު އެހެން މިސްރާބަކަށް ބަދަލުކުރާނެއެވެ.
ސްޕެއިން
ސްޕެއިން
ސްޕެއިން
ސްޕެއިން