އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީއާ ދެކޮޅަށް ކުޅުމަކީ ހަޔާތުގައި ކުރެވޭ ތަފާތު ތަޖުރިބާއެއް ކަމަށާއި އެ ތަޖުރިބާއަކީ ދަރިންނަށް ކިޔައިދޭނެ ތަޖުރިބާއެއް ކަމަށް ކްރޮއޭޝިއާގެ ޒުވާން ޑިފެންޑަރު ޖޮސްކޯ ގްވާޑިއޯލް ބުނެފިއެވެ.

ގްވާޑިއޯލަކީ މި ވޯލްޑް ކަޕްގައި ފެނުނު އެންމެ އުންމީދީ ޑިފެންޑަރެވެ. ކްރޮއޭޝިއާ ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް ގެންގޮސް ދިނުމުގައި ގްވާޑިއޯލްގެ ދައުރު ޑިފެންސްގައި ވަރަށް ބޮޑަށް ފާހަގަވެގެން ގޮސްފައިވާ އިރު، އުމުރުން 20 އަހަރުގެ ޑިފެންޑަރަށް މުބާރާތުގައި ކުރިމަތިވި އެންމެ ބޮޑު ޗެލެންޖަކީ އާޖެންޓީނާގެ މެސީއެވެ.

ކްލަބު ފުޓުބޯޅައިގައި މެސީއާ ދެކޮޅަށް ކުރިން ކުޅެފައި ހުރި ނަމަވެސް، މެޗުގައި މެސީ ވަނީ ގްވާޑިއޯލަށް އުނދަގޫތަކާ ކުރިމަތިކުރުވައިފައެވެ. ހާއްސަކޮށް އާޖެންޓީނާއިން ޖެހި ތިންވަނަ ގޯލަށް ފުރުސަތު ތަނަވަސްކޮށްދޭން، މެސީ ވަނީ އަރިމަތިން ގްވާޑިއޯލް ކައިރިން ގިނަ ފަހަރަކު ނައްޓުވާލައި އޭރިއާ ތެރެއަށް ވަދެފައެވެ.

ގްވާޑިއޯލަށް އެކަމުގެ ސަބަބުން ބައެއް ފާޑުކިޔުންތައްވެސް އަމާޒުވެފައިވާ އިރު، އޭނާ ބުނެފައި ވަނީ މެސީއާ ދެކޮޅަށް ކުޅުމަކީ ހާއްސަ ކަމެއް ކަމަށާއި އެއީ އެއްވެސް ހާލެއްގައި ގޯސްކޮށް ނަގަންޖެހޭ ފިލާވަޅެއް ނޫން ކަމަށެވެ.

"މިދިޔަ އަހަރު ކްލަބު ފުޓުބޯޅައިގައިވެސް އަހަންނަށް މެސީއާ ދެކޮޅަށް ކުޅެން ޖެހުނު. އެއީ ވަރަށް ތަފާތު ތަޖުރިބާއެއް އަބަދުވެސް. އެކަމަކު މެސީ ކްލަބުގައި ކުޅޭ ކުޅުމާ، އާޖެންޓީނާގައި ކުޅޭ ކުޅުމާވެސް ވަރަށް ތަފާތުވާނެ. އަބަދުވެސް މެސީއަކީ ހާލަތަށް ހޭނިގެން ކުޅޭ ތަފާތު މޮޅު ކުޅުންތެރިއެއް،" ކްރޮއޭޝިއާއިން ތިންވަނަ ހޮވާ މެޗުގައި މޮރޮކޯއާ ދެކޮޅަށް ނުކުތުމުގެ ކުރިން ޕްރީ މެޗު ޕްރެސްގައި ގްވާޑިއޯލް ބުންޏެވެ.

"90 މިނެޓު ވަންދެން މެސީ ގާޑްކުރި ވާހަކައަކީ އަހަންނަށް ހާއްސަވާނެ ވާހަކައެއް. މިއަދުވެސް މާދަމާވެސް އަހަރެން ކުދިންނަށްވެސް އެ ވާހަކަ ކިޔައިދޭނެ ވާހަކައެއް. އަހަރެމެން މެޗުގައި ބަލިވިޔަސް މެސީއާ ދެކޮޅަށް ކުޅެން ފުރުސަތު ލިބުމަކީ ފަހުރުވެރިވާންޖެހޭ ސަބަބެއް. އަހަރެން އުންމީދުކުރަން ދެން މެސީއާ ދެކޮޅަށް ކުޅެން ޖެހިއްޖެނަމަ، މޮޅުވާނެ ކަމަށް،" ގްވާޑިއޯލް އިތުރަށް ބުންޏެވެ.

ކެރިއަރުގައި ހަތް ފަހަރު ބެލޮންޑިއޯ ހޯދާފައިވާ މެސީ އާޖެންޓީނާއާއެކު ދެވަނަ ވޯލްޑް ކަޕްގެ ފައިނަލަކަށް ތައްޔާރުވެފައިވާ އިރު، މިއީ އޭނާގެ ކެރިއަރުގެ ފަހު ވޯލްޑް ކަޕެވެ. އާޖެންޓީނާއިން މިފަހަރުގެ ފައިނަލުގައި އަންނަ އާދީއްތަ ދުވަހުގެ ރޭ ނުކުންނާނީ ފްރާންސާ ދެކޮޅަށެވެ.

ގްވާޑިއޯލަށް މިވަގުތުވެސް ޔޫރަޕްގެ ބޮޑެތި ހުރިހާ ކްލަބަކުން ކަހަލަ ގޮތަކަށް ލޯ އަޅަމުންދާ އިރު، އޭނާ މިވަގުތު ހުރީ އާރްބީ ލެއިޕްޒިގްގައެވެ. ގްވާޑިއޯލްގެ ޓްރާންސްފާއަށް އެންމެ ބޮޑަށް ބަލަމުންދަނީ ޗެލްސީއާއި ބާސެލޯނާ އަދި ރެއާލް މެޑްރިޑުންނެވެ.