ތިންވަނަ ހޮވާ މެޗަކީ ކުޅެން ބޭނުންވި މެޗު ނޫން ނަމަވެސް، އެފްރިކާގެ ޝަރަފުގައި ލޯ މެޑަލް ހޯދަން ތައްޔާރު ކަމަށް މޮރޮކޯގެ ކޯޗު ވަލީދު ރަކްރާކީ ބުނެފިއެވެ.

މޮރޮކޯއިން ގަތަރު ވޯލްޑް ކަޕް 2022ގެ ތިންވަނަ ހޮވާ މެޗުގައި މިރޭ ނުކުންނާނީ 2018 ވަނަ އަހަރު ރަޝިއާ ވޯލްޑް ކަޕްގެ ރަނަރަޕް ކްރޮއޭޝިއާއާ ދެކޮޅަށެވެ. ދެ ޓީމުން މި ފަހަރުގެ ވޯލްޑް ކަޕަށް އެއް ގްރޫޕެއްގައި ނުކުތް އިރު، ގްރޫޕް ސްޓޭޖުގައި ދެ ޓީމުން ކުޅުނު މެޗު ގޯލެއް ނުޖެހިވީ އެއްވަރެވެ. ރަކްރާކީގެ ނަޒަރުގައި މިރޭގެ މެޗާ، އެ މެޗާ ވަރަށް ބޮޑަށް ތަފާތުވާނެއެވެ.

"ފުރަތަމަ މެޗުގައި އަހަރެމެން ބަލިނުކުރެވުމުން ކްރޮއޭޝިއާއަށް ވަރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވި. އަހަރެމެންނަކީ އޭރު ސަޕްރައިޒިން ޓީމެއް ނޫން. އެކަމަކު އެ ހިސާބުން ފެށިގެން ގޮސް އަހަރެމެން ދެ ޓީމުވެސް މިހާރު މިއޮތީ ސެމީ ކުޅެފައި. މިހާރު ކްރޮއޭޝިއާއަށްވެސް އިހުސާސްވެފައި އޮންނާނީ އެއީ ދުނިޔޭގެ އެންމެ ވަރުގަދަ ޓީމުތަކުގެ ތެރޭގައި ހިމެނޭ ޓީމެއްކަން. ފުރަތަމަ މެޗަށް ނުކުތް އިރު، ވަރަށް ބޮޑަށް ދެ ޓީމަށްވެސް ފަސްޖެހެވުނު. އެކަމަކު މި މެޗަށް ނުކުންނަ އިރު، ދެ ޓީމުވެސް މިއޮތީ މުބާރާތަށް ރަނގަޅަށް ހޭނިފައި،" ރަކްރާކީ އިއްޔެ ބުންޏެވެ.

ރަކްރާކީ ބުނީ ތިންވަނަ ހޮވާ މެޗަކީ ކުޅެން ބޭނުންނުވި މެޗެއް ނަމަވެސް، ދެން އޮތީ ޝަރަފުވެރިކަމާއެކު ޕޯޑިއަމްގައި ނިންމާލަން މަސައްކަތް ކުރުން ކަމަށެވެ.

"އަހަރެމެން ހަގީގަތުގައި ބޭނުންވީ ފައިނަލްގައި ކުޅެން. އެކަމަކު ދެން އޮތީ ތިންވަނަ ހޯދުން. އަހަރެމެން ބޭނުންވަނީ އެފްރިކާގެ ޝަރަފުގައި ޕޯޑިއަމްގައި ނިންމާލަން،" ރަކްރާކީ ބުންޏެވެ.

މޮރޮކޯއިން މި ފަހަރުގެ ވޯލްޑް ކަޕްގައި އެތައް ބައެއްގެ ލޯބި ހޯދާ ތާރީހު ލިޔެލިއެވެ. އެ ގައުމުން ވެފައި ވަނީ ވޯލްޑް ކަޕެއްގެ ސެމީގައި ކުޅުނު ފުރަތަމަ އެފްރިކާ ގައުމަށެވެ. މި ފަހަރު ކުޅުނު ކުއާޓާ ފައިނަލް މެޗަކީ މޮރޮކޯގެ ފުޓުބޯޅަ ތާރީހުގައި އެ ޓީމުން ކުޅުނު ފުރަތަމަ ވޯލްޑް ކަޕްގެ ކުއާޓާ މެޗެވެ. ރަކްރާކީ ބުނީ ކުޅުންތެރިންގެ ވަރުބަލިކަމާއެކު މެޗު އުނދަގޫވާނެ ކަމަށާއި ނަމަވެސް ކުޅުންތެރިންގެ ހިތްވަރު އަދި ނުގެއްލޭ ކަމަށެވެ.

"ވަރަށް ބޮޑަށް ވަރުބަލިކަން އެބަހުރި. އެހެންވީމަ މެޗުން މޮޅުވާން އުނދަގޫތަކެއް ހުންނާނެ. ނަމަވެސް އަދި އަހަރެމެންގެ ކުޅުންތެރިންގެ ހިތްވަރަށް ބަދަލެއް ނާދޭ. އަހަރެމެން ޓީމު އޮތީ ތިންވަނައަށް ބޭނުވެފައި. މެޑައްޔަކަށް ބޭނުންވެފައި،" ފްރާންސަށް އުފަން، ކުރިން މޮރޮކޯ ގައުމީ ޓީމަށްވެސް ކުޅުނު ރަކްރާކީ އިތުރަށް ބުންޏެވެ.

ރަކްރާކީ ބުނީ ދެ ޓީމުންވެސް ނުކުންނާނީ މޮޅަކަށް ކަމަށާއި ބެލުންތެރިންނަށް ހިތްގައިމު މެޗަކަށް މެޗު ވެގެންދާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ.

ކްރޮއޭޝިއާއާ ދެކޮޅަށް މޮރޮކޯ ކުޅޭ ބްރޯންޒް ފައިނަލް މެޗު އޮންނާނީ މިރޭ 8:00 ގައެވެ.