ޚަބަރު

ލާމަރުކަޒުކުރުމުގެ ސިޔާސަތުގެ ދަށުން މޯލްޑިވިއަންގެ ކޯލް ސެންޓަރު ފުވައްމުލަކަށް ބަދަލުކޮށްފި

މުހައްމަދު ޖަމްޝަތް ވަހީދު

ގައުމީ އެއާލައިން، މޯލްޑިވިއަންގެ ރިޒަވޭޝަންސް އެންޑް ޓިކެޓިން ކޯލްސެންޓަރު ފުވަމުލަކު ސިޓީއަށް ބަދަލުކޮށް، މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ.

ކޯލް ސެންޓަރު ހުޅުއްވައިދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ. އަދި މޯލްޑިވިއަން އިން ވަނީ ރިޒަވޭޝަން އާއި ޓިކެޓިންގެ ހިދުމަތް ހޯދަން ގުޅާނެ ޝޯޓް ކޯޑު ނަމްބަރު 1671 ތައާރަފުކޮށްފައެވެ.

ކޯލް ސެންޓަރު ފުވަމުލަކަށް ބަދަލުކުރުމާ ގުޅޭގޮތުން މޯލްޑިވިއަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އައިޝަތު ޖެނިފާ "ވަން" އަށް މިއަދު ވިދާޅުވީ ފުވައްމުލަކަށް ސެންޓަރު ބަދަލުކުރަން އެކުންފުނިން ނިންމީ ސަރުކާރުން ގެންގުޅޭ ލާމަރުކަޒު ކުރުމުގެ ސިޔާސަތުގެ ދަށުން، ހިދުމަތްތައް ލާމަރުކަޒު ކުރުމަށް ކަމަށެވެ.

އެގޮތުން އެ ސިޓީއަކީ އާބާދީ ބޮޑު އަދި ކިޔަވައިގެން ތިބި ގިނަ ޒުވާނުންތަކެއް ތިބި ސިޓީ އެއް ކަމަށެވެ. އަދި ފުވައްމުލަކާ ކައިރީގައި ރިސޯޓު ފަދަ ތަންތަން ނެތުމުން އެ ސިޓީގެ ޒުވާނުންނަށް ހުރި ވަޒީފާގެ ފުރުސަތުތައް މަދުކަމަށް ގަބޫލުކުރެވޭ ކަމަށާއި މި ކޯލް ސެންޓަރާއެކު ފުވައްމުލަކުގައި ވަޒީފާގެ ފުރުސަތުތައް ފަހިވެގެންދާނެ ކަމަށް ޖެނިފާ ވިދާޅުވިއެވެ.

"ސަރުކާރުގެ ލާމަރުކަޒުކުރުުގެ ސިޔާސަތަށް ކޮންޓްރިބުއުޓްކުރުމަށް މާލެއިން ބޭރަށް ކޯލް ސެންޓަރު ބަދަލުކުރީ. އޭގެ ސަބަބުން ފުވައްމުލަކުގެ ޒުވާނުންނަށް ގިނަ ވަޒީފާތަކެއް ތަނަވަސްވެގެން ދާނެ. އަދި އެރަށުގެ އިގުތިސޯދަށް ހެޔޮ ބަދަލެއް ވެސް އެކަމުގެ ސަބަބުން އަންނާނެ،" ޖެނިފާ ވިދާޅުވިއެވެ.

ޖެނިފާ ވިދާޅުވީ އެ ކޯލްސެންޓަރުގެ ވަޒީފާތަކަށް މިހާރުވެސް ފުވައްމުލަކުގެ 12 ޒުވާނަކު ނަގައި ވަޒީފާގެ ތަމްރީނުވެސް ދީފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް އިތުރު ވަޒީފާތައް ހުޅުވިގެންދާނެ ކަމަށް ވިދާޅުވިއެވެ.

މޯލްޑިވިއަން އިން މިހާރު ވަނީ ކޯލްސެންޓަރުގެ ހިދުމަތްދޭ ގަޑިތައް ވެސް އިތުރުކޮށްފައެވެ. ޖެނިފާ ވިދާޅުވި ގޮތުގައި އެ ބަދަލާއެކު ގިނަވަގުތު ކަސްޓަމަރުންނަށް ހިދުމަތް ފޯރުކޮށްދެވި އެތަނުން ދެމުން އައި ހިދުމަތުގެ ފެންވަރުވެސް ރަނގަޅުވާނެ ކަމަށެވެ.

މޯލްޑިވިއަންގެ ކޯލް ސެންޓަރުގެ ހިދުމަތް ލިބޭނީ ހޮނިހިރުން ބުރާސްފަތި ދުވަހަށް ހެނދުނު 9:00 އިން ރޭގަނޑު 8:00 އަށެވެ. ހުކުރު ދުވަހު ހިދުމަތް ދޭނީ މެންދުރުފަހު 2:00 އިން ރޭގަނޑު 8:00 އަށެވެ.