ގައުމުތަކުގެ ވޯލްޑް ކަޕްގެ ފޯމެޓަށް، ކްލަބު ވޯލްޑް ކަޕެއް ބާއްވަން ފީފާއިން މިއަދު އިއުލާންކޮށްފިއެވެ.

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މިއަދު އިއުލާން ކޮށްފައި ވަނީ 2025 ވަނަ އަހަރު، އާ ފޯމެޓަކަށް ކްލަބު ވޯލްޑް ކަޕެއް ބާއްވަން ފީފާއިން ނިންމާފައިވާ ކަމަށާއި އެ މުބާރާތުގައި 32 ކްލަބެއް ފެންނާނެ ކަމަށެވެ. އެއާއެކު އަންހެން ކްލަބު ވޯލްޑް ކަޕެއްވެސް ބާއްވަން ވިސްނުން ގެންގުޅޭ ކަމަށްވެސް އިންފަންޓީނޯ ވަނީ ވިދާޅުވެފައެވެ.

"އާ ކްލަބު ވޯލްޑް ކަޕް 2025 ވަނަ އަހަރު އޮންނާނެ. ވާދަކުރާނޯ 32 ޓީމަކުން. އެ ކްލަބު ވޯލްޑް ކަޕަކީ މިހާރު ހިނގަމުންދާ ގައުމުތަކުގެ ވޯލްޑް ކަޕް ފަދަ މުބާރާތަކަށް ވާނެ،" އިންފަންޓީނޯ ވިދާޅުވިއެވެ.

އޭގެ އިތުރުން ފީފާއިން މިއަދު އިއުލާން ކުރިގޮތުގައި ކޮންމެ ދެ އަހަރުން އެއް އަހަރު މާޗު މަހުގެ ފީފާ ދުވަސްތަކުގައި ހަތަރު ގައުމު، ނޫނީ އެއަށްވުރެ އިތުރު ގައުމުތައް ވާދަކުރާ ކުދިކުދި މުބާރާތް ބާއްވަން ގަސްދުކޮށްފައިވާ ކަމަށްވެސް މިއަދު އިންފަންޓީނޯ އިއުލާން ކުރައްވާފައިވެއެވެ. އެއީ ފީފާ ކަލަންޑަރަށް ގެންނަން ގަސްދުކުރާ ބަދަލުތަކުގެ ތެރޭގައި އިންފަންޓީނޯ މިއަދު އިއުލާން ކުރައްވާފައިވާ ބަދަލެކެވެ.

އިންފަންޓީނޯ ވިދާޅުވީ ދެ މެޗުގެ ފީފާ ވިންޑޯގެ ބަދަލުގައި ކުޅުންތެރިންނަށް ރެސްޓް ކުރުމުގެ ފުރުސަތު ބޮޑުވާނެ ކަހަލަ ގޮތަކަށް ގައުމީ ޓީމުގެ މެޗުތަކަށް ފުރުސަތު ދޭން ޖެހޭ ކަމަށާއި ފުޓުބޯޅައިގައި އެންމެ މުހިއްމު ވާން ޖެހޭނެ ކަމަކީ ކުޅުންތެރިންގެ ސިއްހީ ހާލަތު ކަމަށެވެ.

މިއަދުގެ ޕްރެސްގައި އިންފަންޓީނޯ ވަނީ ގަތަރު ވޯލްޑް ކަޕްގެ އިންތިޒާމްތަކަށްވެސް ވާހަކަ ދައްކަވައިފައެވެ. އެގޮތުން މުބާރާތުގެ އިންތިޒާމްތައް ފުރިހަމަކުރުމަށް އެހީތެރިވެދިން ހުރިހާ ފަރާތްތަކަށް އިންފަންޓީނޯ ޝުކުރު އަދާކުރައްވައި ވިދާޅުވީ، މިއީ އެންމެ މަސްލަހަތު ރަނގަޅު ވޯލްޑް ކަޕް ކަމަށާއި އެއްވެސް ނުރައްކާތެރި ކަމެއް ނުހިނގާ ވޯލްޑް ކަޕް ނިންމާލުމަށް ގާތްވެފައިވާ ކަމަށެވެ.

މީގެ ކުރިން އޮންނަ އުސޫލުން ކްލަބު ވޯލްޑް ކަޕްގައި ވާދަކުރަނީ ބައްރުތަކުގެ ޗެމްޕިއަނުން އެކަންޏެވެ. އެ މުބާރާތް ކޮންމެ އަހަރަކު މިހާރު ބާއްވަމުންދާ އިރު، އަލަށް 2025 ގައި ބާއްވާ ކްލަބު ވޯލްޑް ކަޕަށް ޓީމުތައް ކޮލިފައިވާ އުސޫލު އަދި އިއުލާން ކޮށްފައެއް ނުވެއެވެ. އިންފަންޓީނޯ ފާހަގަކުރެއްވީ ފުޓުބޯޅަައިގައި ދުނިޔޭގެ ޝާމިލުވުން ބޮޑުވަމުންދާކަން މި ވޯލްޑް ކަޕުންވެސް ފާހަގަވަމުންދާ ކަމަށާއި ކުރިއަށް އޮތް ތަނުގައި ހަމަހަމަ ފުރުސަތުތައް ދޭން އިތުރު މަސައްކަތްތަކެއް ކުރަމުން ގެންދާނެ ކަމަށެވެ.

މިއަދުގެ ޕްރެސްގައި އިންފަންޓީނޯ އިއުލާން ކޮށްފައިވާ ގޮތުން 2023 ވަނަ އަހަރުގެ ކްލަބު ވޯލްޑް ކަޕް ބާއްވާނީ މޮރޮކޯގައެވެ.