ރާއްޖެ ޓްރާންސްޕޯޓް ލިންކު (އާރުޓީއެލް)ގެ ދަށުން މާލޭގައި މިނީ ބަހުގެ ހިދުމަތް ދިނުމަށް ބޭނުންކުރާ ރޫޓުތަކުގެ ތެރެއިން އޯކިޑް ރޫޓާއި އަމީނީ ރޫޓަށް ވަގުތީ ބަދަލުތަކެއް ގެނެސްފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީމް މިއަދު ކުރި އިއުލާނެއްގައި ބުނީ އެމްޑަބްލިއުއެސްސީން ކުރަމުންގެންދާ މަސައްކަތަކަށް މަޖީދީމަގު ބަންދުކޮށްފައިވުމުން އާރްޓީއެލް މިނީބަހުގެ ދެ ރޫޓުކަމަށްވާ އޯކިޑް ރޫޓާއި އަމީނީ ރޫޓަށް ބަދަލުތަކެއް ގެންނަން އެކުންފުނިން ނިންމާފައިވާ ކަމަށެވެ. އެގޮތުން މަޖީދީ މަގު ނަލަހިޔާ ސަރަހައްދުން ފެށިގެން ހެންވޭރު ކޮޅުގައި ހުންނަ ތޫމް ރެސްޓޯރަންޓާ ހަމަޔަށް އެ މަގުން ބަސް ދަތުރު ނުކުރާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.

މިއީ މަޖީދީ މަގު ބަންދުކޮށްފައި އޮތުމުން ގެނައި ވަގުތީ ބަދަލެކެވެ. އަދި މަޖީދީ މަގު ހުޅުވާލުމުން މި ދެ ރޫޓުންވެސް އާއްމުކޮށް ދަތުރުކުރަމުން އައި ހާލަތަށް ބަދަލުކުރެވޭނެ ކަމަށް އެމްޓީސީސީން ބުންޏެވެ. ނަމަވެސް އެއީ ކޮންދުވަހަކު ކަމެއް އެމްޓީސީސީން ހާމަކޮށްފައެއް ނުވެއެވެ.