އަދުލު އިންސާފު ގާއިމުކުރުމުގައި ވެސް ކޮރަޕްޝަން އާންމުވެފައިވާ ކަމަށާއި އެކަމަކީ ގައުމާއި މުޖުތަމައު ހަލާކުގެ ތެރެއަށް ވެއްޓެން މެދުވެރިވާ ސަބަބެއް ކަމަށް ހުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ހުތުބާގައި ބުނީ ބައެއް މުޖުތަމައުތަކުގައި ކޮންމެވެސް އެއްޗެއް ނުދީ، އެއްވެސް ކަމެއް ނުކުރެވޭ ކަމަށާއި އަދުލު އިންސާފު ގާއިމުކުރުމުގައި ވެސް، ރިޝްވަތާއި ކޮރަޕްޝަންގެ ކަންތައް އާންމުވެފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން އަދުލު އިންސާފު ގެއްލި، އެތައް ބަޔަކު ހައްގުތަކުން މަހުރޫމުވެ، އެތައް ބަޔަކަށް ނުލިބެންވާ އެއްޗެހި ލިބެމުންދާ ކަމަށް ވެސް ބުނެފައިވެއެވެ.

"އެތައް ބައެއްގެ ކަންތައްތައް އެތައް ދުވަހަކަށް ލަސްވެ، އަނެއް ބައެއްގެ ކަންތައްތައް އަވަހަށް، ފަސޭހައިން ނިމިގެންދެއެވެ. މި ހުރިހާ ކަމަކީ ވެސް ގައުމާއި މުޖުތަމައު ހަލާކުގެ ތެރެއަށް ވެއްޓެން މެދުވެރިވާ ސަބަބުތަކެވެ. ތަރައްގީގެ ދުވެލި މަޑުޖެހި، ކުރިއެރުމަށް ހުރަސް އެޅޭ ކަންކަމެވެ..،" ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި ބުނީ މި ކުޑަކުޑަ މުޖުތަމައު ވެސް މި ނުރައްކާތެރި ވަބާގައި ޖެހިފައިވާ ކަމަށާއި މިއަދު ރިޝްވަތާއި ނާޖާއިޒު ފައިދާ އާއި ކޮރަޕްޝަނާއި ހިޔާނާތުގެ އަމަލުތައް މުޖުތަމައުގައި ގިނަވެ، އެއީ ވަރަށް އާދައިގެ ކަންކަމުގެ ގޮތުގައި މުޖުތަމައުގެ ބައެއް މީހުން ދެކެން ފަށާފައިވާ ކަމަށެވެ.

"ގާނޫނުތަކާއި ގަވާއިދުތަކާ ދިމާ އިދިކޮޅަށް، ތިމާ ބޭނުންވާ ކަންކަން ހާސިލުކުރުމަށްޓަކައި މިވެނި މީހަކަށް ފައިސާ ދިން ވާހަކައާއި މުޖުތަމައުގެ ހުރިހާ ފަރުދުން ޝާމިލުވާ ގޮތަށް ރައްޔިތުންނަށް ހިދުމަތްދިނުމަށް ހެދިފައި ހުރި މުއައްސަސާތަކަށް މިހާ ވަރަށް ހަރަދުކުރީމޭ ބުނެ ވާހަކަދެއްކުމަކީ މިހާރު ބޮޑު ކަމަކަށް ނުވެއެވެ. މިފަދަ އަމަލުތަކަކީ ގައުމުގެ މުސްތަގުބަލާއި އަންނަން އޮތް ޖީލުތަކުގެ ކުރިއެރުމާއި ތަރައްގީ އަރައިނުގަނެވޭނެ ފަދަ ފުން ވަޅުގަނޑަކަށް ވެއްޓިދާނެ ކަންކަމެވެ..،" ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި އިތުރަށް ބުނީ ރިޝްވަތު ދިނުމާއި، ރިޝްވަތު ހިފުމާއި، ކަންކަމުގައި ނާޖާއިޒު ފައިދާ ހޯދުމާއި، ހިޔާނާތްތެރިވުމާއި، މަކަރާއި ހީލަތް ހެދުމަކީ އިސްލާމްދީނުގައި ހަރާމްކުރައްވާފައިވާ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ކަންކަން ކަމަށެވެ. އަދި ކޮރަޕްޝަންގެ ތެރެއިން ނުވަތަ ހަރާމް ގޮތްގޮތުން ފައިސާ ހޯދައިގެން އެ ތަކެތި އަނބިދަރިންނަށް ކާން ދިނުމަކީ ތިމާމެންގެ ދަރިން ބޮޑެތި ޖަރީމާތައް ހިންގުމަށް މަގުފަހިވެދާނެ ކަމެއް ކަމަށް ވެސް ބުނެފައިވެއެވެ.