ފްރާންސްގެ ކޭމްޕް ތެރޭގައި ރޯގާ އާއި ހުމުގެ އަސަރު ވަރަށް ބޮޑަށް ފެންނަމުންދާ ކަމަށާއި، އެކަމަށް ސަމާލުވާނެ ކަމަށް ކޯޗު ޑިޑިއޭ ޑިޝޭމްޕްސް ބުނެފިއެވެ.
ފްރާންސުން ވޯލްޑް ކަޕްގެ ފައިނަލަށް ތައްޔާރުވަމުން އަންނަ އިރު، އެގައުމުން ޖެހިޖެހިގެން ދެވަނަ ފައިނަލްގައި ނުކުންނާނީ އާޖެންޓީނާއާ ދެކޮޅަށެވެ. އެއީ އަންނަ އާދީއްތަ ދުވަހުގެ ރޭގައެވެ. ފްރާންސަށް ވޯލްޑް ކަޕްގެ ސެމީ ފައިނަލްގެ ކުރިންވެސް ރޯގާ ހުމުގެ އަސަރު ކޮށްފައިވެއެވެ. އެގޮތުން މިޑްފީލްޑަރު އެޑްރިއަން ރެބިއޯ އާއި ޑަޔޮޓް އުޕެމެކާނީ މޮރޮކޯއާ ދެކޮޅަށް ކުޅެފައި ނުވަނީ ހުން އައިސް ބަލިވެ އުޅޭތީ ކަމަށް ކޯޗު ބުނެފައިވެއެވެ.
ފްރާންސުން ފައިނަލަށް ތައްޔާރުވަމުން އަންނައިރު، އެޓީމުގެ ކޭމްޕް ތެރޭގައި އަދިވެސް ރޯގާ އާއި ހުން ފެތުރެމުންދާ ކަމަށް ކޯޗާ ހަވާލާ ދީ ނޫސްތަކުން ވަނީ ރިޕޯޓް ކޮށްފައެވެ. އެގޮތުން އިތުރު ބައެއް ކުޅުންތެރީންނަށް ރޯގާ ޖެހި ހުން އައިސްގެން އުޅޭ ކަމަށްވެސް ޑިޝޭމްޕްސް ވަނީ ބުނެފައެވެ. އޭގެ ތެރޭގައި ކިންގްސްލީ ކޯމަން ހިމެނެއެވެ.
"ކޯމަންއަށް ފަރިތަކުރުންތަކަށް ނުނުކުމެވުނީ ހުން އައިސްގެން. ދޯހާގައި މިހާރު ހޫނުމިން ތަންކޮޅެއް ދަށްވެއްޖެ. އެހެންވިޔަސް އޭސީ ހަމަ ކުރިންވެސް ބޭނުންކުރި ވަރަށް ބޭނުންކުރާތީކަންނޭނގެ ހުން އައިސް ރޯގޭ ޖެހުމަށް މެދުވެރިވަނީ. ބައެއް ކުޅުންތެރިންނަށް މޫސުމީ ރޯގާއާ މި ކުރިމަތިވަނީ. އުޕަމެކާނޯ އިންގްލެންޑް މެޗު ނިމުނުތަނާ ހުން އައިސްފި. އެއީ އަސްލު ހަށިގަނޑު ވަރުބަލިވާ ގަޑީގައި ދިމާވާ ކަންކަން. ބުރަކޮށް ތަމްރީނުކޮށް، މެޗު ކުޅެ އުޅޭއިރު ވައިރަސްތައް ފެތުރުން ބޮޑުވާނެ. އަހަރެމެން މި މަސައްކަތް ކުރަނީ އިތުރަށް ނުފެތުރޭނެ ގޮތެއް ހޯދުމަށް. އެކަމަށް ފިޔަވަޅުތައް އަޅަން ޖެހޭ،" ޑިޝޭމްޕްސް ބުނެފައިވެއެވެ.
ގަތަރުގައި މިހާރު ބާއްވަމުން މިދަނީ ފިނި މޫސުމުގެ ދުވަސްވަރު ބާއްވާ ފުރަތަމަ ވޯލްޑް ކަޕެވެ. މި ވޯލްޑް ކަޕަކީ ހޫނު ގައުމެއްގައި ބާއްވާ ފުރަތަމަ ވޯލްޑް ކަޕަށްވީ އިރު، ހޫނުގެ އަސަރު ކުޑަކުރުމަށް ގަތަރުން ވަނީ ދަނޑުތައްވެސް އެއްކޮށް އޭސީ ކޮށްފައެވެ. މީގެ ކުރިން ބައެއް ކުޅުންތެރިން ބުނެފައި ވަނީ ދަނޑުތައް އޭސީ ކޮށްފައި ހުންނާތީ ރޯގާ ޖެހުމަށް މަގުފަހިވާ ކަމަށެވެ.
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022