ފްރާންސާ ދެކޮޅަށް ކުޅުނު ވޯލްޑް ކަޕް ސެމީ ފައިނަލް މެޗުގައި ރެފްރީ ސެޒާ ރާމޯސް ގޯސްތަކެއް ހެދި ކަމަށް ބުނެ، މޮރޮކޯގެ ފުޓުބޯޅަ އިދާރާއިން މައްސަލަ ޖައްސައިފިއެވެ.

ގަތަރު ވޯލްޑް ކަޕް 2022 ގެ ސެމީ ފައިނަލްގައި ފްރާންސް އަތުން މޮރޮކޯ ބަލިވީ 2-0 ގެ ނަތީޖާއަކުންނެވެ. މޮރޮކޯއިން މިފަހަރުގެ ވޯލްޑް ކަޕްގައި ހައިރާން ކުރުވަނިވި ނަތީޖާތަކެއް ނެރެފައިވާ އިރު، އެގައުމު ވެފައި ވަނީ ވޯލްޑް ކަޕެއްގެ ސެމީ ފައިނަލްގައި ކުޅުނު ފުރަތަމަ އެފްރިކާ ގައުމަށެވެ.

މޮރޮކޯއިން ފީފާއަށް ހުށަހެޅި މައްސަލައިގައި ބުނީ ޕެނަލްޓީ އޭރިއާ ތެރެއިން ސުފިޔާން ބޫފާލްއަށް ތެއޯ ހެނާންޑޭޒް ފައުލް ކުރި ނަމަވެސް، ރެފްރީ ބޫފާލް ފައުލް ކުރި ކަމަށް ދައްކައި، ބޫފާލްއަށް ރީނދޫ ކާޑު ދެއްކި ކަމަށާއި، އޭގެއިތުރުން ދެވަނަ ހާފްގައި ސެލީމް އަމަﷲއަށް އޭރިއާ ތެރެއިން ފައުލް ކުރި ނަމަވެސް، އެކަމަށް ރެފްރީ ޕެނަލްޓީ ދީފައި ނުވާ މައްސަލައެވެ.

މޮރޮކޯގެ ފުޓުބޯޅަ އިދާރާއިން ބުނެފައި ވަނީ ރެފްރީގެ ސަބަބުން މޮރޮކޯއަށް ދެ ޕެނަލްޓީއެއް މެޗުގައި ގެއްލުނު ކަމަށާއި، އެ ނިންމުންތައް މޮރޮކޯ އެފްއޭއިން، ހާއްސަ ބައެއް ރެފްރީން ލައްވައި ބަލައިފައިވާ ކަމަށެވެ. އަދި އެ ހާލަތުގައި ވީއޭއާރްގެ އެހީ ރެފްރީ ނުހޯދި ސަބަބާ މެދު ހައިރާންވާ ކަމަށްވެސް މޮރޮކޯގެ އެފްއޭއިން ބުނެފައިވެއެވެ.

މޮރޮކޯއިން ވޯލްޑް ކަޕްގެ ސެމީ ފައިނަލުން ބަލިވި ނަމަވެސް އެޓީމަށް އަދި ތިންވަނަ ހޮވާ މެޗު އޮންނާނެއެވެ. އެ މެޗުގައި މާދަމާ ރޭ ނުކުންނާނީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ރަނަރަޕް ޓީމް، ކްރޮއޭޝިއާއާ ދެކޮޅަށެވެ.