ޕޯޗުގަލްގެ ވޯލްޑް ކަޕް ފެއިލިއާއާއެކު އެގައުމުގެ ކޯޗުކަމުގައި ހުރި ފެނާންޑޯ ސަންޓޯސް އެމަގާމުން ވަކިކޮށްފިއެވެ.
އުމުރުން 68 އަހަރުގެ ސަންޓޯސް އެމަގާމުން ވަކިކޮށްފައި ވަނީ 8 އަހަރު ދުވަހަށް ފަހުއެވެ.
ސަންޓޯސް ވަނީ ޕޯޗުގަލްއާއެކު 2016 ވަނަ އަހަރުގެ ޔޫރޯ ކާމިޔާބުކޮށް، 2019 ވަނަ އަހަރުގެ ޔޫއެފާ ނޭޝަންސް ލީގު ކާމިޔާބު ކޮށްފައެވެ. އޭނާ މިފަހަރުގެ ވޯލްޑް ކަޕަށް ރަނގަޅު ސްކޮޑަކާއެކު ނުކުމެ، ޕޯޗުގަލް ކުއާޓާ ފައިނަލަށް ގެންގޮސްދިން ނަމަވެސް، ކުއާޓާގައި 1-0 އިން ޕޯޗުގަލް ވަނީ މޮރޮކޯ އަތުން ބަލިވެފައެވެ.
އެ މެޗުގައި ސަންޓޯ ކްރިސްޓިއާނޯ ރޮނާލްޑޯ ފުރަތަމަ 11 އަށް ނެރެފައި ނުވާތީ އެކަމަށް ފާޑު ކިޔުންތައްވެސް އަމާޒުވެފައިވެއެވެ. އަދި ވޯލްޑް ކަޕްގެ ގަދަ 16 ގެ މެޗުގައި އުމުރުން 37 އަހަރުގެ ރޮނާލްޑޯ ނެރުނީ ފަހު 15 ވަރަކަށް މިނެޓަށެވެ.
ސަންޓޯސް ވަކިކުރުމާއެކު ޕޯޗުގަލްގެ ފުޓުބޯޅަ އިދާރާއިން ނެރުނު ބަޔާނުގައި ވަނީ ޕޯޗުގަލްގެ ރައްޔިތުންގެ ފަރާތުން ސަންޓޯސްއަށް ޝުކުރު އަދާކުރާ ކަމަށާއި، ގައުމީ ޓީމަށް ސަންޓޯސް ކޮށްދިނީ އަގުހުރި މަސައްކަތްތަކެއް ކަމަށެވެ. މިހާރުން ފެށިގެން ގައުމީ ޓީމަށް އާކޯޗެއް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އެ އިދާރާއިން ބުނެފައިވެއެވެ.
ޕޯޗުގަލްގެ އާ ކޯޗެއްގެ މަސައްކަތް ފުޓުބޯޅަ އިދާރާއިން ކުރަމުން އަންނަ އިރު، ހަބަރުތައް ބުނެފައިވާ ގޮތުގައި ޕައުލޯ ފޮންސެކާއާއި ރޯމާގެ ކޯޗު، ޖޯސޭ މޮރީނިއޯއަކީ ޕޯޗުގަލް ކޯޗުކަމާ ހަވާލުވެދާނެ ކަމަށް ބެލެވޭ ބައެއް ކޯޗުންނެވެ.
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022