ޚަބަރު

ޕީއެސްއެމުން މީޑިއާ ކައުންސިލްގެ ރިޔާސަތު ބަލަހައްޓާތީ އެމްޖޭއޭއިން ކަންބޮޑުވެއްޖެ

މުހައްމަދު އިޝާން

ދައުލަތުގެ މީޑިއާ، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ތަމްސީލުކުރާ ފަރާތަކުން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ރިޔާސަތު ބަލަހައްޓާތީ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މީޑިއާ ކައުންސިލްގެ އާ ދައުރަކަށް، ރައީސްގެ އެ ކައުންސިލަށް ރައީސަކާއި ނައިބު ރައީސަކު މިއަދު ވަނީ އިންތިހާބުކޮށްފައެވެ. އެމްއެމްސީގެ ރައީސް ކަމަށް މުސްތަފާ އިންތިހާބުކޮށްފައިވަނީ، ނުވަ މެންބަރުންގެ ވޯޓުންނެވެ. ނައިބަކަށް ހުސައިން ޝަރީފް އިންތިހާބުވީ ހަތް މެންބަރުންގެ ވޯޓުންނެވެ.ޕަބްލިކް ސާވިސް މީޑިއާގެ ޓެކްނިކަލް އޮޕަރޭޝަން މެނޭޖަރު އަހުމަދު މުސްތަފާ އަދި ނައިބަކަށް ވަގުތު އޮންލައިންގެ ޑެޕިއުޓީ އެޑިޓަރު ހުސައިން ޝަރީފް ވަނީ އިންތިހާބުކޮށްފައެވެ. އަހުމަދު މުސްތަފާ ރައީސް ކަމަށް އިންތިހާބުކުރީ ނުވަ މެންބަރުންގެ ވޯޓުންނެވެ. ނައިބަކަށް ހުސައިން ޝަރީފް އިންތިހާބުވީ ހަތް މެންބަރުންގެ ވޯޓުންނެވެ.

އެމްޖޭއޭއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ސަރުކާރުގެ އާއްމު ކުންފުނިތަކެކޭ އެއްގޮތަށް ޕީއެސްއެމްއަކީ ވެސް އެ އިރަކު ރައީސަކަށް ހުންނަވާ ބޭފުޅަކު އެ ތަނުގެ ބޯޑާއި ހިންގުމަށް ބޭފުޅުން އައްޔަނުކުރައްވާ ތަނަކަށް ވާތީ، ސަރުކާރުގެ މީޑިއާ ތަމްސީލުކުރާ ފަރާތަކުން، ސެލްފް ރެގިއުލޭޓް ކުރާ މުއައްސަސާއެއްގެ އެންމެ މަތީ މަގާމަށް އައުމުން ކަންބޮޑުވާ ކަމަށެވެ.

ސަރުކާރުގެ މީޑިއާއިން ސެލްފް ރެގިއުލޭޓް ކުރާ މުއައްސަސާއެއްގެ ރިޔާސަތު ބެލެހެއްޓުމަކީ އެހެން ގައުމުތަކުގައި އަމަލުކުރާ ގޮތާ މުޅިން އިދިކޮޅު ގޮތެއް ކަމަށްވެސް އެމްޖޭއޭއިން ބުންޏެވެ.

"އެކަމުގެ ސަބަބުން ރާއްޖޭގެ ގިނަ އަދަދެއްގެ ނޫސްވެރިން މަސައްކަތް ކުރަމުން އަންނަ އަމިއްލަ މީޑިއާތަކަށް ދައްޗާއި ތުރާ ކުރިމަތިވެދާނެ ފަދަ ސިޔާސަތެއް އެކަށައެޅިގެން ދިޔުމުގެ ފުރުސަތު އޮތަތީ މި ޔޫނިއަންއިން ކަންބޮޑުވަން. އަދި އާހިރުގައި އޭގެ ގެއްލުން ކުރިމަތި ވާނީ ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ހާލަތަކަށާއި ބުރަކޮށް މަސައްކަތް ކުރާ އާންމު ނޫސްވެރިންނަށް ކަމުގައި ވެސް މި ޔޫނިއަނުން ދެކެން،" އެމްޖޭއޭއިން ބުންޏެވެ.

މީޑިއާތައް ރެގިއުލޭޓް ކުރަންވާނީ ދައުލަތުގެ ނުފޫޒެއް ނެތި، ސެލްފް ރެގިއުލޭޓް ނިޒާމެއްގެ ތެރެއިން ކަމަށާއި އެޖަމިއްޔާއިން އަބަދުވެސް ވަކާލާތު ކުރާނީ އެކަމަށް ކަމަށެވެ. އަދި އެ ނިޒާމު ގަޑުބަޑުވެގެންދާ ފަދަ ގޮތަކަށް ކަންކަންވެގެން ދިޔުމަކީ ރާއްޖޭގައި ޕްރޮފެޝެނަލް މިނިވަން މީޑިއާގެ ވެއްޓެއް ގާއިމް ކުރަމުން އަންނަ އުނދަގޫ ދަތި މަސައްކަތުގައި ފަހަތަށް އެޅުނު ފިޔަވަޅެއް ކަމަށް ވެސް އެމްޖޭއޭއިން ބުންޏެވެ.