ޗާންދަނީ މަގުގައި ހުރި ރޮމްބަސް ފިހާރައިގެ ދޮރުގެ ބިއްލޫރިކަނޑި ފަޅާލައި، އެތަނަށް ގެއްލުން ދިނުމަށް ފަހު ވައްކަން ކުރި މައްސަލައިގައި، ތ. ތިމަރަފުށި ކަށިކެޔޮމާގެ ރިޝާމު ރަޝީދުގެ މައްޗަށް ދައުލަތުން ކުރި ދައުވާ ސާބިތު ނުވާ ކަމަށް ކުރިމިނަލް ކޯޓުން ކުރި ހުކުމް ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.
އޭޕްރީލް 7 2018 ގައި އެ ފިހާރަ ފަޅާލައި އެތަނުގައި ހުރި ޝޯކޭސް ބިންދާލައި ގެއްލުންދިން މައްސަލައިގައި ރިޝާމްގެ މައްޗަށް ކުރި މުދަލަށް ގެއްލުން ދިނުމުގެ ކުށުގެ ދައުވާއެވެ.
މި މައްސަލައިގައި ކުރިމިނަލް ކޯޓުން ކުރި ހުކުމުގައި ވަނީ، ދައުވާއެއް ސާބިތު ވާނީ އެ ދައުވާގައި ހިމެނޭ އެންމެހައި ރުކުންތައް ދައުލަތުން ސާބިތު ކޮށްދީގެން ކަމަށެވެ. މި ދައުވާގައި މަގުސަދާ ގުޅޭ ތިން ރުކުނެއް ހިމެނޭއިރު، މި ތިން ރުކުނުގެ ތެރެއިން މުދަލަށް ގެއްލުން ދީފައި ވަނީ ވެރި ފަރާތުގެ ރުހުމެއް ނެތި ކަމުގައި ވުމުގެ ރުކުން ދައުލަތަށް ސާބިތު ކޮށްދެވިފައެއްނުވާ ކަމަށް ބުނެފައިވެއެވެ.
އެހެންކަމުން ޝައްކެއް ނެތް މިންވަރަށް މި ދައުވާ ރިޝާމުގެ މައްޗަށް ސާބިތު ނުވާ ކަމަށް ކުރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.
މި ހުކުމް ދައުލަތުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރި ނަމަވެސް އެ ކޯޓަށް ބަލައިގެންފައިވާ ކަމެއް އަދި ނޭނގެއެވެ.
ޚަބަރު
ޚަބަރު