އުފަން ތާރީހު ބަދަލު ކުރުމުން، 65 އަހަރު ފުރުނު މުއްދަތަށްވާ ޕެންޝަންގެ ފައިސާ އެއްފަހަރާ ހޯދަން ސިވިލް ކޯޓުގައި ދައުވާ ކޮށްފިއެވެ.
އެ މައްސަލައިގައި 65 އަހަރު ވުމުންދޭ އަސާސީ ޕެންޝަންގެ ގޮތުގައި 13 ސެޕްޓެމްބަރު 2019 އިން އޭޕްރީލް 2021 ގެ ނިޔަލަށް ލިބެންޖެހޭ 100،000 ރުފިޔާ ހޯދުމަށް ފެންޝަން އޮފީހާ ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާކުރީ ލ. މާބައިދޫ ބަނދަރު އަބުދުލްޣަފޫރު މޫސާއެވެ.
ސެޕްޓެމްބަރު 2019 އަށް ޣަފޫރަށް 65 އަހަރު ފުރުނީ އޭނާގެ އުފަން ތާރީހު ބަދަލު ކޮށްދިނުމަށް އެދި ލ. މާބައިދޫ މެޖިސްޓްރޭޓު ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެން އޭނާގެ އުފަންތާރީހަކީ 13 ސެޕްޓެމްބަރު 1954 ކަމަށް އެ ކޯޓުން ނިންމުމާ ގުޅިގެންނެވެ. އޭގެ ކުރިން އޭނާގެ އުފަން ތާރީހު ކަމަށް ރަސްމީ ލިއުންތަކުގައި އޮތީ ތިނެއް ޖޫން 1957 އެވެ. އެހެން ކަމުން އޭރުގެ އުފަން ތާރީހަށް ބަލާނަމަ އޭނާއަށް 65 އަހަރު ވާނީ މިއަހަރުގެ ތެރޭގައެވެ.
ނަމަވެސް މާބައިދޫ މެޖިސްޓްރޭޓު ކޯޓުގެ ނިންމުމާ ގުޅިގެން 13 ސެޕްޓެމްބަރު 2019 އަށް 65 އަހަރު ފުރިފައިވާތީ، އޭޕްރީލް 2021 ގެ ނިޔަލަށް ޕެންޝަނުގެ ގޮތުގައި 100،000 ރުފިޔާ އޭނާއަށް ލިބެންޖެހޭ ކަމަށް ދައުވާގައި ބުނެފައިވެއެވެ.
މި ދައުވާއަށް ޖަވާބު ދެމުން ޕެންޝަން އޮފީހުން ކޯޓުގައި ބުނެފައި ވަނީ، މިއީ ގާނޫނީ އަދި ޝަރުއީ އެއްވެސް އަސާސެއްގެ މައްޗަށް ބިނާކޮށް ހުށަހަޅާފައިވާ ދައުވާއެއް ނޫން ކަމަށެވެ.
ޕެންޝަން ލިބޭ އުމުރު ހަމަވި ނަމަވެސް އެމީހެއްގެ އެކައުންޓަށް، ޕެންޝަންގެ ފައިސާ ޖަމާ ކުރެވޭނީ ޕެންޝަނަށް އެދި އެ އޮފީހަށް އެކަމާބެހޭ އެޕްލިކޭޝަން ފޯމު ހުށަހެޅުމުން ކަމަށާއި އެ ފައިސާ ޖަމާ ކުރެވޭނީ ޕެންޝަނަށް އެދި ފޯމު ހުށަހެޅި މަހުން ފެށިގެން ކަމަށް ޕެންޝަނާ ބެހޭ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުގައި ހިމެނޭ ކަމަށްވެސް ބުނެފައިވެއެވެ.
މާބައިދޫ ކޯޓުގެ ނިންމުމާ ގުޅިގެން ޣަފޫރަށް ޕެންޝަން ލިބޭ އުމުރުކަމަށްވާ 65 އަހަރު ފުރިފައިވަނީ 13 ސެޕްޓެމްބަރު 2019 އަށް ކަމަށްވިޔަސް އޭނާ ޕެންޝަނަށް އެދި ފޯމު ހުށަހަޅާފައި ވަނީ ހައެއް މެއި 2021 ގައި ކަމަށްވެސް ޕެންޝަން އޮފީހުން ބުނެފައިވެއެވެ.
އެހެންކަމުން ޕެންޝަނާބެހޭ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތަކާ އެއްގޮތަށް ޣަފޫރަށް ހައްގުވާ ޕެންޝަން ފޯރުކޮށްދެމުންދާ ކަމަށްވެސް ޕެންޝަން އޮފީހުން ބުނެފައިވެއެވެ.
އެ މައްސަލަ ބެލުމަށްފަހު ސިވިލް ކޯޓުން ކުރި ހުކުމުގައި ވަނީ، ޣަފޫރުގެ ފަރާތުން ޕެންޝަން އޮފީހުގެ މައްޗަށް ކުރި ދުވާ ސާބިތު ނުވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު