ޔޫރަޕުގެ އިއްތިހާދުން މިހާރު ދަނީ ޔުކްރޭނުގައި ރަޝިޔާ ސިފައިން ހިންގާކަމަށް ބުނެވޭ ހަނގުރާމައިގެ ޖަރީމާތައް ބަލައި ހޯދައި ސަރިޔަތް ހިންގުމަށްޓަކައި ޚާއްސަ ޓްރައިބިއުނަލެއް ނުވަތަ ވަގުތީ ކޯޓެއް ގާއިމް ކުރުމަށް މަސައްކަތް ކުރަމުންނެވެ. މި ކޯޓު އުފައްދާނީ ނުވަތަ އުފެއްދޭނީ އދ.ގެ އިޒުނަޔާއެކު އދ.ގެ ގިއުގަނޑުގެ ތެރެއިންނެވެ. ރަޝިޔާއަކީ އދ.ގެ ސަލާމަތީ މަޖިލީހުގައި ވީޓޯކުރުމުގެ ބާރު ލިބިގެންވާ ދާއިމީ މެންބަރަކަށްވާއިރު މިކަމަކީ ކުރެވިދާނެ ކަމެއްކަމާމެދު ސުވާލު އުފެދެއެވެ. އިޒްރޭލާއި އެމެރިކާއިން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިންގާފައިވާ އަދި ހިންގަމުންދާ ޖަރީމާތައް ނުބަލައި ހަމައެކަނި ރަޝިޔާއަށް އަމާޒުކޮށްގެން މިޒާތުގެ ކަމެއް ހިންގިދާނެތޯވެސް ސުވާލު އުފެދެއެވެ. ރަޝިޔާއަކީ ކުރީގެ ޔޫގޯސްލާވިޔާއެއް ނޫނެވެ. އަދި ކެމްބޯޑިޔާއެއްވެސް ނޫނެވެ.
އައު ޓްރައިބިއުނަލާމެދު ޔޫރަޕިއަން ކޮމިޝަނުގެ ރައީސް އުރުސުލާ ވޮން ޑަ ލެޔެން ވިދާޅުވިއެވެ. މިކަމަކީ ބައިނަލްއަގުވާމީ މުޖުތަމައުގެ ތާއީދާއި އެއްބާރުލުމާއެކު މެނުވީ ކުރެވޭނޭ ކަމެއް ނޫނެވެ. އެއްބާރުލުން ހޯދުމަށްޓަކައި މިގެންދަނީ މަޝްވަރާކުރަމުންނެވެ. އައު ކޯޓަށް ގާނޫނީ ހައިސިއްޔަތާއި ބާރުލިބޭނީ އދ.ގެ ގިއުގަނޑުގެ ތެރެއިން ކުރީމައެވެ. އަމާޒަކީ އެއީއެވެ. ހޮލެންޑުގެ ދަ ހޭގުގައި ގާއިމު ކުރެވިފައިވާ ބައިނަލްއަގުވާމީ ޖިނާއީ ކޯޓުން އެކަނި މިކަން ބެލޭނޭކަމަށް ނުފެންނާތީ ޚާއްސަ އައު ޓްރައިބިއުނަލެއް އުފެއްދުން ލާޒިމުވަނީއެވެ. ޔުކްރޭނުގައި ހިނގަމުންދާ ބައެއް ކަންކަން ބެލުމުގެ އިޅުތިސާސް ބައިނަލްއަގުވާމީ ޖިނާއީ ކޯޓަށް މިވަގުތު ލިބިގެންނުވާކަމަށްޓަކައެވެ. ޔޫރަޕުގެ އިއްތިހާދަށް މިވަރުގެ ބުއްދިއެއް މިހާރު އައިސްގެން އުޅުމުގެ ސިއްރަކީ ކޮބައިބާވައެވެ. ބަލައިލަމާ ބަހީއެވެ.
ޔުކްރޭނުގެ ހަނގުރާމަޔާއި ގުޅިގެން ރަޝިޔާއާ ދެކޮޅަށް ޔޫރަޕުގެ އިއްތިހާދުން އަޅާފައިވާ ފިޔަވަޅުތައް ގިނަގުނައެވެ. އޭގެތެރޭގައި ރަޝިޔާއިން ބޭރުގައިވާ އެގައުމުގެ މުދަލާއި ފައިސާ ގަނޑުކުރުމާއި ހިފެހެއްޓުން ހިމެނެއެވެ. މިގޮތަށް ހިފެހެއްޓިފައިވާ ފައިސާޔާއި މުދާ ދާއިމީ ގޮތެއްގައި ރަޝިޔާއިން ވަކިކޮށް ޔޫރަޕުން ބޭނުންވާ ގޮތަކަށް ބޭނުންވާ ބަޔަކަށް ދެވޭނޭ ގޮތަކީ ކޮބައިކަމާމެދު ޔޫރަޕިއަން ކޮމިޝަނުން ވިސްނާތާ ވަރަށް ގިނަ ދުވަސް ވެއްޖެއެވެ. ކޮމިޝަނުގެ ނިޔަތަކީ މިފައިސާތައް ޔުކްރޭނަށް ދިނުމެވެ. ލިބިފައިވާ ގެއްލުންތަކުގެ ބަދަލެއްގެ ގޮތުންނެވެ. ދަތިކުރުމުގެ ފިޔަވަޅުތަކަށްފަހު ގަނޑުކުރެވިފައިވާ ރަޝިޔާގެ ފައިސާ ޔުކްރޭނަށް ގާނޫނީ އިމުގެ ތެރޭގައި ފޯރުކޮށްދެވޭނެ ގޮތެއް އޮތްތޯ ބަލަމުން ފިކުރުކުރަމުންދަނީ މިއަހަރުގެ މާޗްމަހުން ފެށިގެންނެވެ.
ރަޝިޔާގެ މުދަލާއި ފައިސާ ދާއިމީ ގޮތެއްގައި ފޭރިގަތުމަށް ވިސްނާއިރު އެކަމަށް އެޅޭ ގާނޫނީ ވަރަށް ބޮޑު ހުރަހެއް އެބައޮތެވެ. އެއީ ޔޫރަޕުގެ އިއްތިހާދުގެ މެންބަރު ގިނަ ގައުމުތަކުގައި ހެދިފައިވާ ގާނޫނުތަކެވެ. ރަޝިޔާއަކީ ހަނގުރާމައިގެ ޖަރީމާ ހިންގާފައިވާ މުޖުރިމު ދައުލަތެއްކަމުގައި ބައިނަލްއަގުވާމީ ގޮތުން މިކަމުގެ އިޚުތިސާސް ލިބިފައިވާ ޓްރައިބިއުނަލަކުން ކަނޑަނާޅާހާ ހިނދަކު ގާނޫނީ ގޮތުން އެކަމެއް ނުކުރެވޭނެއެވެ. ޔޫރަޕުގެ އިއްތިހާދުން ބްލޮކްކޮށްފައިވާ ފައިސާގެ ތެރޭގައި ރަޝިޔާގެ މަރުކަޒީ ބޭންކުގެ ރިޒާރވްގެ ތެރެއިން 300 ބިލިއަން ޔޫރޯ ހިމެނެއެވެ. އަދި ރަޝިޔާގެ ސަރުކާރާ ގުޅުން އޮންނަކަމަށް ތުހުމަތުކުރެވޭ މަހުޖަނުންގެ އަތުން ފޭރިގެންފައިވާ 19 ބިލިޔަން ޔޫރޯވެސް ހިމެނެއެވެ. ކޮމިޝަނުގެ ވިސްނުން އެނބުރެނީ މިފައިސާގެ ވަށައިގެންނެވެ.
ރަޝިޔާއިން ޔުކްރޭނުގައި ހިންގިކަމަށް އަދި ހިންގާކަމަށް ޔޫރަޕުގެ އިއްތިހާދުން ބުނާ ޖަރީމާތައް ތަހުގީގުކޮށް ސަރިޔަތް ހިންގުމަށްޓަކައި ޓްރައިބިއުނަލެއް އެކުލަވައިލީމާ އެ ޓްރައިބިއުނަލްގައި ތިބޭނީ މި ގައުމުތަކުން ބުނާގޮތް ހަދާ މީހުންނެވެ. ހުކުމް އިއްވާނީ ރަޝިޔާއާ ދެކޮޅަށެވެ. އޭރުން އެއްކަލަ ފައިސާތައް އިތުރު ބަހަނާއެއްނެތި ޔުކްރޭނަށް ދެވިދާނެއެވެ. އެކަމަށް އެޅިފައިވާ އެންމެހައި ހުރަސްތައްވެސް ނެތިގެންދާނެއެވެ. ކުރިންވެސް ދެންނެވުނު ފަދައިން ބައިނަލްއަގުވާމީ ޓްރައިބިއުނަލެއް ގާއިމްކުރުމަށް އދ. ގެ ސަލާމަތީ މަޖިލީހުގެ ރުހުން ބޭނުންވާނެއެވެ. ރަޝިޔާއާއި ޗައިނާގެ ދެކޮޅުހެދުމެއް އޮތިއްޔާ އެކަމެއް ނުކުރެވޭނެއެވެ. ގަބޫލުކުރެވޭގޮތުން މިހާރު އެއުޅެނީ ރަޝިޔާގެ ވީޓޯއާހެދި އެކަމެއް ނުކުރެވުނޭ ބުނެފައި އެއްކަލަ ފައިސާގެ ނަފާ އެހެންގޮތަކުން ނެގޭނޭ ގޮތެެއް ފަހިކުރުމަށެވެ.
ރަޝިޔާގެ ފައިސާއިން ނަފާހޯދުމުގެ ގޮތުން ޔޫރަޕިއަން ކޮމިޝަނުން ވިސްނާގޮތަކީ އެފައިސާ މިހާރުން މިހާރަށްވެސް އެކި ވިޔަފާރިތަކުގައި އިންވެސްޓް ކުރުމެވެ. އެގޮތަށް އިންވެސްޓްކޮށްގެން ނެރެވޭ ފައިދާ ޔުކްރޭނަށް ދިނުމެވެ. މިކަންކުރާއިރު މަސައްކަތުގެ އުޖޫރައެއްގެ ގޮތުން ޔޫރަޕިއަން ކޮމިޝަނަށްވެސް ބައެއް އޮންނަ ގޮތަށެވެ. މިކަންވެސް ކުރެވޭނީ ޔޫރަޕުގެ އިއްތިހާދުގެ މެންބަރުންނަށް މިކަމުގައި އެއްގަލަކަށް އެރިގެންނެވެ. އެއީވެސް މާކައިރި ކަމެއް ނޫނެވެ. ހަންގޭރީފަދަ ގައުމުތައް މިކަމަށް ރުހޭބަސް ދޭނޭ ކަމަށް ނުފެނެއެވެ. ކޮންމެއަކަސް ޒާތްޒާތުގެ ބަހަނާ ދައްކައި އެކި ގައުމުތަކާ ދެކޮޅަށް ފިޔަވަޅުތައް އަޅައި ފައިސާ ފޭރި އެފައިސާ ބޭނުންކުރުމަކީ ފަހަކަށް އައިސް ހުޅަނގުގެ އާދައެކެވެ. އަފްޣާނިސްތާނަށް ނިސްބަތްވާ ފައިސާގެ ތެރެއިންވެސް އެތައް ބިލިޔަން ޑޮލަރެއް ހިފަހައްޓައި އެފައިސާ އެމެރިކާއިން އަދިވެސް އެބް ބޭނުންކުރެއެވެ.