ގަތަރުގެ ވޯލްޑް ކަޕާއެކު މިހާތަނަށް ބޭއްވި ޖުމުލަ 22 ވޯލްޑް ކަޕަކުން، ތަށި އުފުލާލެވިފައި ވަނީ 8 ގައުމަކަށެވެ. އެއީ ދެބަރަށްކަމަށް ނިސްބަތްވާ ޝަރަފެކެވެ. ޔޫރަޕާއި ދެކުނު އެމެރިކާ އަށެވެ. އޭގެ ތެރެއިންވެސް ޔޫރަޕާއި ދެކުނު އެމެރިކާއިން ބޭރުން ސެމީ ފައިނަލް ކުޅުނު ޝަރަފުވެސް އަދި ހޯދީ އެންމެ ތިން ގައުމަކުންނެވެ. އެއީ 1930 ވަނަ އަހަރު އެމެރިކާއާއި، 2002 ވަނަ އަހަރު ދެކުނު ކޮރެއާގެ އިތުރުން މިއަހަރުގެ ވޯލްޑް ކަޕްގެ ސެމީ ފައިނަލްގައި ކުޅުނު އެފްރިކާގެ މޮރޮކޯއެވެ. އާއެނކެވެ. މޮރޮކޯއިން ލިޔެލީ ތާރީހެވެ. އެފްރިކާގެ ތާރީހެވެ. ދުނިޔޭ ފުޓުބޯޅައިގެ ތާރީހެވެ. އެންމެ ޝަރަފުވެރި މުބާރާތުގެ ސެމީ ފައިނަލްގައި ކުޅެ، ފައިނަލަށް ނުދިޔަ ނަމަވެސް ތިންވަނަ ހޯދަން އަދި ފުރުސަތު އެބައޮތެވެ.
"މިއީ ބައްޔެއް ނޫން. މިއީ ފަހުރެއް. މޮރޮކޯގެ ތާރީހު ބަދަލުވެއްޖެ. ފުޓުބޯޅަ ތާރީހުގައި މޮރޮކޯގެ ނަން ލިޔެލައިފި. އަހަރެމެންނަކީ ޗެމްޕިއަނުން. ތަށްޓަކާ ނުލައިވެސް މިއީ ޗެމްޕިއަނުން،" މޮރޮކޯގެ ސަޕޯޓަރަކު އަލް ޖަޒީރާއަށް ގަތަރުގައި ހުރެ ބުނެފައިވެއެވެ.
ދިވެހީންނާއި އަރަބި ދުނިޔެ، އަދި އިތުރު އެތައް ގައުމަކުން މޮރޮކޯއަށް ކުރަނީ ސެލިއުޓެވެ. އެގައުމުން ވޯލްޑް ކަޕްގައި ކުރި ދަތުރުގައި ދެއްކީ، ހިތްވަރެވެ، ވަތަނީ ލޯތްބެވެ. ބުރަ މަސައްކަތެވެ. އެކަމަށް ކުރަން އޮތީ ފުރިހަމަ އިހުތިރާމެކެވެ. ރޭގެ މެޗަށްފަހު ފްރާންސްގެ ރައީސް އެމަނުއެލް މެކްރޯން، މޮރޮކޯގެ ޑްރެސިން ރޫމަށް ވަޑައިގެން، އެޓީމަށް މަރުހަބާ ވިދާޅުވި ސަބަބަކީވެސް އެއީއެވެ. މުޅި ދުނިޔެއިން މޮރޮކޯއަށް އެ މަރުހަބާ ކިޔާނެއެވެ. އިސްލާމް ދީނުގެ ނަމޫނާ ދައްކުވައިދީ މޮރޮކޯ ދެއްކީ ނަމޫނާ މަންޒަރުތަކެކެވެ.
މޮރޮކޯ ވޯލްޑް ކަޕަށް ނުކުތީ ބެލްޖިއަމާއި ކްރޮއޭޝިއާގެ އިތުރުން ކެނެޑާ ހިމެނުނު ގްރޫޕް އެފްގައެވެ. އެ ގްރޫޕުގެ ފެވަރިޓުންނަކީ ޔަގީނުންވެސް ބެލްޖިއަމާއި ކްރޮއޭޝިއާއެވެ. ކެނެޑާއަށްވެސް މޮރޮކޯއަށްވުރެ ބޮޑު އުންމީދެއް އެތައް ބަޔަކު ދިނެވެ. އެއީ ކެނެޑާ ދިޔައީ އުތުރު އެމެރިކާގެ ކޮލިފިކޭޝަންގައި ތަފާތު ދައްކާފައި ކަމަށްވާތީއެވެ. ކޮންމެއަކަސް ފުރަތަމަ މެޗުގައި އެންމެ ފަހުގެ ރަނަރަޕް ކްރޮއޭޝިއާއާ އެއްވަރުކޮށް، ދެން ޖެހުނު މެޗުގައި މޮރޮކޯއިން ބެލްޖިއަމް ބަލިކުރީ 2-0 އިންނެވެ. އަދި ފަހު މެޗުގައި 2-1 އިން ކެނެޑާ ބަލިކޮށް ގްރޫޕް އެއްވަނަ ހޯދީ ހައިރާންކަން ގެނުވައިފައެވެ.
ގަދަ 16 އަށް މޮރޮކޯ ދިޔައީ 1986 ވަނަ އަހަރަށްފަހު ކުރި އިންތިޒާރަށް ނިމުން ގެނުވައިފައެވެ. އެހިސާބުން ކާމިޔާބީ ހިފައިގެން އެނބުރި ގައުމަށް ދާނީ ކަމަށް ބެލެވުނީ ސްޕެއިންނާ ޖެހުމުންނެވެ. އެކަމަކު ކަންވީ ހީކުރި ގޮތާ މުޅިން ހިލާފަށެވެ. މޮރޮކޯއިން ޕެނަލްޓީގައި 2010 ވަނަ އަހަރުގެ ޗެމްޕިއަން ސްޕެއިން ބަލިކުރިއެވެ. ބަލިކޮށް، އެގައުމުގެ ތާރީހުގައި ފުރަތަމަ ކުއާޓާ ފައިނަލަށް ދިޔައީ އެތައް ބަޔަކު ސިއްސުވާލައިފައެވެ.
ދެން ޖެހުނީ ޔޫރަޕްގެ ޗެމްޕިއަނެއް ކަމަށްވާ ޕޯޗުގަލާއެވެ. އެއީވެސް މޮރޮކޯގެ ދަތުރުގެ ނިމުން ކަމަށް ބެލެވި، އެރޭ ތިބީ މޮރޮކޯއަށް އެފްރިކާގެ ތާރީހު ނުލިޔެވޭނެ ކަމަށް ބަލައިގެންނެވެ. އެ ހީކުރުމަށްވެސް މޮރޮކޯ ޖަވާބު ދިނެވެ. 1-0 އިން ޕޯޗުގަލް ބަލިކޮށް، މޮރޮކޯ އެފްރިކާގެ ތާރީހުވެސް ލިޔެލިއެވެ. މޮރޮކޯއަކީ ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް ދިޔަ އެފްރިކާގެ ފުރަތަމަ ގައުމެވެ. ސެމީއާ ހަމައަށް ދިޔަ އިރު، ކޮޅަށް ވަދެފައި ވަނީ އެންމެ ގޯލެކެވެ. އެވެސް ބައިކޮޅަށް ވަން ގޯލެކެވެ.
ސެމީގައި އެންމެފަހުގެ ޗެމްޕިއަނުން ފްރާންސް ކައިރީވެސް ފަހަތަކަށް ނުޖެހެއެވެ. އަނިޔާގެ އެތައް މައްސަލަތަކަކާއެކުވެސް ޖާނާމާލު ގައުމަށް ދީ ދަނޑުން ފޭބީ ފަހުރުވެރިކަމާއެކުގައެވެ. 2-0 އިން މެޗުން ބަލިވި ނަމަވެސް ހިތްތައް އަތުލިއެވެ. ސެމީން ބަލިވުމާއެކު ކުޅުންތެރިން ތިރިވީ ޝުކުރުގެ ސަޖިދައަކަށެވެ. ސަޕޯޓަރުންގެ ލޯތްބާއި އިހުތިރާމު ކުޅުންތެރިންގެ ހިތްވަރަށް ބަންޑުން ކޮށްލިއެވެ.
"އަހަރެމެންގެ އެންމެ ބޮޑު ހަތިޔާރަކީ ސަޕޯޓަރުން. އެއީ ދުނިޔޭގެ އެއްވަނަ ސަޕޯޓަރުން. މިހެން ބުނާއިރުވެސް އެނގޭ ދެކުނު އެމެރިކާ ސަޕޯޓަރުންގެ ލޯބި ވަކި ކުޑަ ނޫންކަންވެސް. އެކަމަކުވެސް އަހަރެމެން ސެމީއާ ހަމައަށް އައީ ކޮންމެ މެޗެއްވެސް އަމިއްލަ ގައުމުގައި ކުޅުމުގެ އިހުސާސް ކޮށްގެން. މުޅި އަރަބި ދުނިޔެވެސް މޮރޮކޯއަށް ދެނީ ލޯބި،" ސެމީ ފައިނަލް މެޗުގެ ކުރިން ކޯޗު ވަލީދު ރަކްރާކީ ބުންޏެވެ.
ތެދެކެވެ. މޮރޮކޯ ކުޅޭ މެޗުތަކުގައި ދަނޑު ގުގުމަނީ ހަމަ އެންމެ އަޑަކުންނެވެ. މޮރޮކޯގެ އަޑުންނެވެ. މުޅި ދަނޑުން ފެންނަނީ ރަތް ކުލައެވެ. ޑަރްބޫކާތަކުން އިވެނީ މޮރޮކޯގެ މިޔުޒިކެވެ. އެ ސަޕޯޓަރުން ދިން ގައުމީ ލޯތްބަކީ މޮރޮކޯގެ ހިތްވަރެވެ. މޮރޮކޯގެ ކުޅުންތެރިން މުޅި ގައުމަށް ދެއްކި ނަމޫނާއިން އެގައުމުގެ އެތައް މިލިއަން ރައްޔިތުންނަކަށް ހިނިތުންވުން ގެނުވިއެވެ. އެ ހިނިތުންވުން މުސްލިމް ހުރިހާ ގައުމަކަށް ފާއްދާލީ މުސްލިމުންނަށް މޮރޮކޯ ދެއްކި ނަމޫނާއިންނެވެ.
މޮރޮކޯގެ ކޮންމެ ކާމިޔާބީއަކާއެކު ޝުކުރުގެ ސަޖިދައަށް މުޅި ޓީމު ތިރިވާ މަންޒަރު ވަރަށްވެސް އުފާވެރިއެވެ. އަދި ކިއެއް ހެއްޔެވެ. ފަލަސްތީނު ދިދައާއެކު، އެގައުމާއެކު ތިބިކަން ހާމަކުރުމަށް މޮރޮކޯގެ އެތައް ކުޅުންތެރިންނެއް އުފާފާޅުކުރިއެވެ. އެކަމަށް މުޅި އިސްލާމީ އުންމަތް ލޯބި ދިނެވެ. ދެން އޮތީ އާއިލީ ގުޅުމަށް މޮރޮކޯ ބެހެއްޓި ލޯތްބެވެ.
މޮރޮކޯގެ ހިތްވަރާއި، ކުޅުންތެރިން ގައުމަޓަކަށް ވާ ގުރުބާނީގެ ތެރެއިން އެގައުމަށް މުޅި ދުނިޔެ، ރާއްޖެވެސް ހިމެނޭ ގޮތުން ދެމުން ދިޔަ ލޯބީގެ ފަހަތުގައި ކުޅުންތެރިންގެ އާއިލާތައް ކުޅޭ ރޯލު ވަރަށް ބޮޑެވެ. ކޮންމެ މެޗަކަށްފަހު ކުޅުންތެރިން، މަންމައާއި ދަރީންނާއެކު އުފާފާޅުކުރާ މަންޒަރުން ހިތްތަކަށް ފިނިކަން ގެނެސްދެއެވެ.
ކޯޗު ރަކްރާކީގެ އިރުޝާދަށް، ރޯޔަލް މޮރޮކަން ފުޓުބޯލް ފެޑެރޭޝަންގެ ރައީސް، ފައުޒީ ލެކްޖާ ކުރި އެންމެ މުހިއްމު ކަމަކީ ކުޅުންތެރިން ބޭނުންވާ އާއިލާ މެންބަރަކު، މޮރޮކޯގެ ހަރަދުގައި ގަތަރަށް، ހުރިހާ ހަރަދެއް ބަލަހައްޓާ ގޮތަށް ގެންދިޔަ ގެންދިޔުމެވެ. އެހެން ގައުމުތަކުން އާއިލާތައް ގެންދާ ނަމަވެސް، ސީދާ ކޭމްޕްގައި ބޭސްކުރަނީ މަދު ގައުމެކޭ ބުނެވިދާނެއެވެ. އެހެން ގައުމުތަކުން އާންމުކޮށް އާއިލާއާ ބައްދަލުކުރަން ދަނީ އޮފް ދުވަސްތަކުގައެވެ. އާއިލާތައް އެކުވެ، އެއްކޮށް އުޅޭ މަންޒަރުވެސް ފެންނަނީ މަދުންނެވެ. މޮރޮކޯއިން ފެނުނީ އެ ތަފާތެވެ.
އަޝްރަފް ހަކީމީ މަންމައަށް ބޮސްދިން މަންޒަރުން ފެށިގެން ސުފިޔާން ބޫފާލް މަންމައާއެކު އުފާފާޅުކުރި މަންޒަރަށްވެސް ދޭން ޖެހުނީ ޝުކުރުގެ ސެލިއުޓަކާއި ލޯތްބެވެ. ގޯލްކީޕަރު ޔާސީން ބޯނޯގެ ދަރިފުޅުގެ މަންޒަރުތައްވެސް އެހާމެ ޗާލެވެ. އެއީ ވޯލްޑް ކަޕްގައިވެސް މަދުން ފެނުނު މަންޒަރުތަކެކެވެ. ހާއްސަކޮށް މޮރޮކޯގެ ދަތުރުގައި އެ މަންޒަރުތައް ހިތްގައިމެވެ. ތަފާތެވެ. މޮރޮކޯގެ ވޯލްޑް ކަޕް ދަތުރުގައި ބާކީ ދެން އޮތީ އެންމެ މެޗެއް ނަމަވެސް، ވޯލްޑް ކަޕްގެ ދިގު ތާރީހުގެ ތެރެއިން އެ ދަތުރު ހާއްސަ ޖާގައެއް ހޯދާނެއެވެ. ހިތްތަކުން އެ ދަތުރަށް ދިން ލޯބި، ދެމިވެސް އޮންނާނެއެވެ.
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022