މޮރޮކޯ ޓީމުގެ ހިތްވަރަށް މުޅި ދުނިޔެ ފަހުރުވެރިވާނެ ކަމަށާއި، ވޯލްޑް ކަޕުން ދައްކުވައިދިން މަންޒަރަކީ މޮރޮކޯގެ ފުޓުބޯޅައިގެ މަންޒަރު ކަމަށް ކޯޗު ވަލީދު ރަކްރާކީ ބުނެފިއެވެ.

މޮރޮކޯއިން ވޯލްޑް ކަޕްގެ ތާރީހު ލިޔެލައި، ރޭ ޗެމްޕިއަން ފްރާންސް ކައިރިން ކަޓައިގެން ދިޔައީ 2-0 ގެ ނަތީޖާއަކުން ސެމީ ފައިނަލްގައި ބަލިވެގެންނެވެ. މޮރޮކޯއަކީ ވޯލްޑް ކަޕެއްގެ ސެމީ ފައިނަލްގައި ކުޅުނު އެފްރިކާގެ ހަމައެކަނި ގައުމެވެ. އެ ތާރީހީ ނަތީޖާއާއެކު ވަކިވާން ޖެހުނު ނަމަވެސް ކޯޗު ރަކްރާކީގެ އެއްވެސް ހިތާމައެއް ނެތެވެ.

"މުޅި ދުނިޔެވެސް މި މޮރޮކޯ ޓީމަށްޓަކައި ފަހުރުވެރިވާނެ. އަހަރެމެން ދެއްކީ ހިތްވަރު، ބުރަ މަސައްކަތް އަދި ޖާނާއިމާލު ދިން ތަން. މިއީ މޮރޮކޯ ފުޓުބޯޅައިގެ ރަނގަޅު މަންޒަރެއް. އެފްރިކާ ފުޓުބޯޅައިގެ ރަނގަޅު މަންޒަރެއް. ފުރަތަމަވެސް ފްރާންސަށް މަރުހަބާ ކިޔަން. އަހަރެން ފައިނަލްގައި ސަޕޯޓްވެސްކުރާނީ ފްރާންސަށް. އަހަރެން ބުނިން ކުރިންވެސް ފްރާންސަކީ ވަރަށް ވަރުގަދަ ޓީމެކޭ، މެޗުން މޮޅުވާނެކަމަށް ބެލެވޭ ފެވަރިޓުންނަކީވެސް ފްރާންސޭ. އެހެން ނަމަވެސް އެކަމަށްވެސް ނުބަލައި ޓީމުގެ ހުރިހާ ހަކަތައެއް ދަނޑުމަތީގައި ދިން،" ރަކްރާކީ ބުންޏެވެ.

ރަކްރާކީ ބުނީ މުބާރާތަށް ނުކުތްއިރުވެސް ވިސްނީ މުޅި އެފްރިކާ ބައްރު ތަމްސީލު ކުރުމަށް ކަމަށާއި، އެކަމުގައި ކާމިޔާބުތަކެއް ހޯދުމުން މުޅި ބައްރާއި، ދުނިޔޭގެ އިހުތިރާމްވެސް ޓީމަށް ލިބިއްޖެ ކަމަށެވެ.

ރޭގެ މެޗަށް ނުކުތް އިރު، މުހިއްމު ގިނަ ކުޅުންތެރިންތަކަކަށް އަނިޔާވެ، ބުންވަރުގެ އެތައް މައްސަލަތަކެއް ހުރި ކަމަށް ރަކްރާކީ ފާހަގަކުރިއެވެ. އެގޮތުން ވާމްއަޕްގައި އަގުއާޑަށް އަނިޔާވުމުން އޭނާ ބަދަލު ކުރަން ޖެހުމުގެ އިތުރުން މެޗުގެ ފުރަތަމަ ހާފްގައި ކެޕްޓަން ރޯމަން ސައިސްއަށް އަނިޔާވެ އޭނާ ބާލަން ޖެހުންވެސް ހިމެނެއެވެ. އެ ހުރިހާ އުނދަގޫތަކަކާ އެކުވެސް ޓީމުގެ ކުޅުންތެރިން ފްރާންސާ ދެކޮޅަށް ދެއްކި ހިތްވަރަށް ސާބަސް ދޭ ކަމަށްވެސް ރަކްރާކީ ބުނެފައިވެއެވެ.

"މެޗު ފެށުނު ގޮތް ގޯސްކަމަށްވެސް ވެދާނެ. އެކަމަކު އަހަރެން އެކަން ކުރީ ކުޅުންތެރިންގެ ބުންވަރާއި ކަންކަމަށް ބަލާފަ. އެތައް ކުޅުންތެރިންނެއް ތިބީ އަނިޔާގައި، އަދި 60 ޕަސެންޓްގައި ގިނަ ކުޅުންތެރިންތަކެއް ބޭނުންކުރަން ޖެހުނު. އެ ހުރިހާ ކަމެއްގެ ތެރެއިންވެސް، ވަރުބަލިކަމާއި އަނިޔާގެ ތެރެއިންވެސް މި ޓީމު މަޑެއް ނުޖެހޭ. ފްރާންސަށް އުނދަގޫތައް ކުރިމަތިކުރުވި،" ފަހުރުވެރިކަމާއެކު ރަކްރާކީ ބުންޏެވެ.

މޮރޮކޯއަށް މުބާރާތުގައި އަދި ބާކީ އެއް މެޗު އެބައޮތެވެ. އެޓީމުން ދެން ނުކުންނާނީ ތިންވަނަ ހޮވާ މެޗުގައި ކްރޮއޭޝިއާއާ ދެކޮޅަށެވެ. އެމެޗު އޮންނާނީ ހޮނިހިރު ދުވަހުގެ ރޭ 8:00 ގައެވެ.