މިފަހަރުގެ ވޯލްޑްކަޕުގައި މޮރޮކޯއިން ދައްކަމުންދާ ކުޅުމާއި ރޭވުންތެރިކަމަށް އޭއެސް ރޯމާގެ ކޯޗު ހޯސޭ މޮރީނިއޯ ވަރަށް ބޮޑަށް ތާރީފުކޮށް ވާހަކަ ދައްކައިފިއެވެ. މޮރޮކޯއަށް އޭނާ ތާރީފުކުރީ ކުއާޓަރ ފައިނަލުގައި ޕޯޗުގަލް ބަލިކޮށްފައި ސެމީއަށް ދަތުރުކުރުމުންނެވެ. ޕޯޗުގަލްއަކީ މޮރީނިއޯގެ އުފަން ގައުމެވެ.

މޮރީނިއޯ ބުނެފައިވަނީ މޮރޮކޯގެ ކޯޗު ވަލީދު ރަކްރާކީ ވަރަށް ބަރާބަރަށް ޓީމު އިންތިޒާމުކޮށްފައިވާ ކަމަށާއި ހާލަތާއި ވަގުތަށް ބަލައިފައި ގެންނަންޖެހޭ ބަދަލު އެހާމޮޅަށް ގެންނަމުންދާ ކަމުގައެވެ. ޕޯޗުގަލްއާ ދެކޮޅަށް ފޯރ ތްރީ ތްރީ ފޯމޭޝަނަށް ކުޅެފައި ވަކި ހިސާބަކުން ފައިވް ފޯރ ވަންއަށް ބަދަލުކުރުމަކީ މިކަމުގެ ހެއްކެއް ކަމަށްވެސް މޮރީނިއޯ ބުނެފައިވެއެވެ.

"ވަކި ހިސާބަކުން އޭނާއަށް ނުރައްކާ ފެނިއްޖެ. އޭރިއާއާ ގާތަށް ޕޯޗުގީޒް ކުޅުންތެރިން ޖަމާވާން މެދުވެރިވާ ސަބަބު ދެނެގަނެވިއްޖެ، ދެން އޭނާ ހޯދީ އެކަމަށް ރައްދުދީ މެޗު ކޮންޓްރޯލް ކުރެވޭނެ އެހެން މަގެއް. އެ މަގު އޭނާ ނުހަނު ފަސޭހައިން ހޯދި. އެއީ މޮޅު ކޯޗެއް. މޮރޮކޯއަށް މޮޅު ކުޅުންތެރިންނާއި މޮޅު ކޯޗެއް ލިބިގެންވޭ. މޮޅުވުމުގެ ރޫހުވެސް ނުހަނު ބޮޑު" މޮރޯނިއޯ ބުންޏެވެ.

ހޯސޭ މޮރީނިއޯއަކީ ދުނިޔޭގެ އެންމެ މޮޅު ކޯޗުންގެ ތެރެއިން ކޯޗެކެވެ. ސްޕޭނުގެ ރެއާލް މެޑްރިޑާއި އިންގްލެންޑުގެ މެންޗެސްޓަރ ޔުނައިޓެޑާއި އިޓަލީގެ އިންޓަރ މިލާނާއި ޕޯޗުގަލްގެ ޕޯޓޯ ފަދަ ކުލަބުތަކަށް އޭނާ ވަނީ ކޯޗުކޮށްދީފައެވެ. މިހާރު ހަވާލުވެގެންހުރީ އިޓަލީގެ އޭއެސް ރޯމާއާއެވެ. ކެރިއަރުގެ ކޮންމެވެސް ހިސާބަކުން ޕޯޗުގަލްގެ ގައުމީ ޓީމާ ހަވާލުވުމަކީ ޝައުގެއް ކަމަށް ވަރަށް ގިނައިން މޮރޯނިއޯ ވަނީ ބުނެފައެވެ.