ލ. ފޮނަދޫ ފެނަކަ ކޯޕަރޭޝަންގެ މެނޭޖަރު އަހުމަދު ތޯހާއަށް ތުހުމަތުކުރެވޭ ކޮރަޕްޝަންގެ މައްސަލަތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހަޅައިފިއެވެ.

އެސީސީގެ ސީނިއާ ކޮމިއުނިކޭޝަން އޮފިސަރު ނިޝާން މުހައްމަދު ދީދީ "ވަން" އަށް މިރޭ ވިދާޅުވީ ތޯހާއާ ގުޅޭ މައްސަލަތަކެއް އެ ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ މައްސަލަތައް މިހާރު ކޮމިޝަންގައި ރަޖިސްޓްރީ ކޮށްފައިވާ ކަމަށެވެ.

ނިޝާން ވިދާޅުވީ އެ މައްސަލަތައް އެވަލުއޭޓް ކުރުމަށްފަހު ތަހުގީގުކުރުމާމެދު ގޮތެއް ނިންމާނެ ކަމަށެވެ. ތޯހާއާ ގުޅޭގޮތުން ހުށަހަޅާފައިވާ މައްސަލަތަކުގެ ތަފުސީލެއް ނިޝާން ނުދެއްވައެވެ.

"އެފަދަ މައްސަލަތަކެއް ހުށަހަޅާފައިވޭ އަދި އެ މައްސަލަ ވަނީ ރަޖިސްޓްރީ ކުރެވިފަ. މައްސަލަތައް އެވަލުއޭޓް ކުރުމަށްފަހު ތަހުގީގު ކުރުމާމެދު ގޮތެއް ނިންމާނެ،" ނިޝާން ވިދާޅުވިއެވެ.

އެނގިފައިވާ ގޮތުގައި ތޯހާއާ ތުހުމަތުކުރެވޭ މައްސަލަތަކަކީ އޭނާ މަގާމުގެ ބޭނުން ނާޖާއިޒު ގޮތުގައި ހިފައިގެން ފޮނަދޫގައި ހިނގަމުންދާ އެކިއެކި މަޝްރޫއުތަކުގެ ކޮންޓްރެކްޓް ނެގުމެވެ. ފެނަކަ ފޮނަދޫ ބްރާންޗުގައި މަސައްކަތްކުރާ މުވައްޒަފުންގެ ނަމުގައި ކޮންޓްރެކްޓް ނަގައި އޭގެއިން މަންފާ ހޯދާ މައްސަލައެއް ވެސް ތޯހާއާ ގުޅޭގޮތުން ވަނީ ހުށަހަޅައިފައެވެ.