އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވައި ފެނުނު ޝިއާއު މުހައްމަދު ސައީދުގެ މަރުގެ މައްސަލައިގައި ކުށުގެ ވެށިން ހައްޔަރުކުރި އަލީ ޝާހިލް 23އ، ގެ މައްޗަށް ދައުވާ ކުރުމާ މެދު މިމަހުގެ ތެރޭގައި ގޮތެއް ނިންމާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނެފިއެވެ.
ޝިއާއު މަރާލާފައި އޮއްވައި ފެނުނީ މިދިޔަ އޮގަސްޓު މަހުގެ ހަތްވަނަ ދުވަހު ހ. ޝީރީންވިލާ ގޭގެ ނުވަވަނަ ބުރީގައި ހުރި އެޕާޓުމަންޓެއްގެ ތެރެއިންނެވެ. ޝިއާއުގެ މަރުގެ މައްސަލައިގައި ފުލުހުން އަލީ ޝާހިލް ހައްޔަރުކޮށްފައިވަނީ ޝިއާއު މަރާލައިފައި އޮއްވައި ފެނުނު އެޕާޓްމަންޓްގެ ތެރެއިންނެވެ.
ޝިއާއުގެ މަރުގެ މައްސަލައިގައި ފުލުހުންގެ ތުހުމަތު އޮތީވެސް ހަމައެކަނި ޝާހިލްގެ މައްޗަށެވެ.
އެ މައްސަލައާ ގުޅިގެން ޕީޖީ އޮފީހުގެ ތަރުޖަމާން، އަދި ޕަބްލިކް ޕްރޮސިކިއުޓާ އަހުމަދު ޝަފީއު "ވަން" އަށް މިއަދު ވިދާޅުވީ، މިމަސް ނިމުމުގެ ކުރީން ދައުވާ ކުރުމާމެދު ގޮތެއް ނިންމާނެ ކަމަށެވެ.
އެކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލު "ވަން" ވިދާޅުވީ، އެ މައްސަލަ އަދިވެސް ތަހުގީގުކުރަމުން އަންނަ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވައެވެ. "ވަން" އަށް އެނގިފައިވާ ގޮތުގައި އެ މައްސަލައިގައި ދައުވާ ކުރަން ލަސްވަނީ ތަހުގީގުގައި ފުރިހަމަ ކުރަންޖެހޭ މުހިންމު ކަންތައްތަކެއް ހުރުމުންނެވެ.
ޝިއާއުގެ މަރުގެ މައްސަލައިގެ ތަހުގީގުގެ މުއްދަތު ފުލުހުން އެދިގެން ޕީޖީން އަންނަނީ 15 ދުވަހުން 15 ދުވަހުން އިތުރުކުރަމުންނެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 17 ވަނަ މާއްދާގެ ނޫނުގެ ދަށުން، އެ ޖިނާއީ ބޮޑެތި މައްސަލަތަކުގެ ތަހުގީގު އިތުރު ކުރުމުގެ ބާރު ޕީޖީއަށް އޮވެއެވެ. އެއަށް ވަކި މުއްދަތެއްވެސް ނޯވެއެވެ.
މިދިޔަ މަހުގެ 15 ވަނަ ދުވަހު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސީރިއަސް އެންޑް ކްރައިމް ޑިޕާޓުމަންޓުގެ ހެޑް، ސްޕްރިޑެންޓު އޮފް ޕޮލިސް ހަސަން ސައީދު ވިދާޅުވި ގޮތުގައި ޝާހިލްގެ މައްޗަށް ތޫނު އެއްޗަކުން ހަމަލާދީ ގަސްތުގައި މީހަކު މެރުމުގެ ދައުވާ ސާބިތުކުރެވޭ ވަރަށް ހެކި ލިބިފައިވާ ކަމަށެވެ. ނަމަވެސް މަރުގެ މޯޓިވް ދެނެގަތުމަކީ މުހިންމު ކަމެއް ކަމަށާއި އެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވެފައިވެއެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި ޝިއާއު މަރާލުމަށް ފަހުގައިވެސް އޭނާގެ ހަށިގަނޑަށް ބޮޑެތި އަނިޔާތަކެއް ދީފައިވާކަން އޭނާގެ ޕޯސްޓްމޯޓަމް ރިޕޯޓުން ހާމަވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު