ގދ. ގައްދޫގައި ތަރައްގީކުރާ ގޭދޮށު މަސްފެކްޓްރީގެ މަސައްކަތް ލަންކާގެ ކުންފުންޏެއް ކަމަށްވާ ސިލިކް ލަންކާއާ ހަވާލުކޮށްފިއެވެ.

ގައްދޫގައި މަސްފެކްޓްރީއެއް ތަރައްގީކުރުމުގެ މަސައްކަތް ހަވާލުކުރުމުގެ ރަސްމީ އެއްބަސްވުމުގައި މިހާރު ވަނީ ސޮއި ވެސް ކޮށްފަ އެވެ.

ގައްދޫ ކައުންސިލާއި، ސިލިކް ލަންކާގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރީ ގައްދޫގައި އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. އެ ރަސްމިއްޔާތުގައި ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން އާއި ގައްދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަހަމަދު ޒާހިރާއި ފިޝަރީޒް މިނިސްޓްރީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

ގައްދޫ ކައުންސިލުން މައުލޫމާތުދޭ ގޮތުގައި ކޮންޓްރެކްޓާ ފައިނޭންސިން އުސޫލުން ހިންގާ މި މަޝްރޫއަކީ ފަސް މިލިއަން ޑޮލަރުގެ މަޝްރޫއެކެވެ. މި މަޝްރޫއުގެ އެއްބަސްވުމުގެ ދަށުން ފެކްޓްރީ އޮޕަރޭޝަންގައި 60 ޕަސެންޓު މުވައްޒަފުންނަށް ދިވެހި މުވައްޒަފުން ހިމެނުމާއި، މަސް ޕްރޮސެސްކޮށް އެކްސްޕޯޓް ކުރެވޭނެ އެންމެ ޒަމާނީ ނިޒާމެއް ގާއިމުކުރުން ހިމެނެއެވެ. އަދި ދުވާލަކު 50،000 ދަޅު މަސް ބަންދުކުރުމާއި، 25 މެޓްރިކް ޓަނުގެ ބްލޮކް އައިސް ޕްލާންޓެއް ގާއިމުކުރުމާއި، 10 ޓަނުގެ ފްލޭކް އައިސް ޕްލާންޓެއް ގާއިމުކުރުމާއި، 100 ޓަނުގެ ކޯލްޑް ސްޓޯރޭޖަކާއި، ބްލާސްޓް ފްރީޒަރެއް ބެހެއްޓުމުގެ އިތުރުން އެއްމިލިއަން ޑޮލަރުގެ ފިޝް މީލް ޕްލާންޓެއް ގާއިމުކުރުންވެސް ހިމެނޭ ކަމަށް ކައުންސިލުން ބުންޏެވެ.

ގައްދޫ ކައުންސިލުން އިތުރަށް ބުނީ އެރަށުގައި ގޭދޮށު މަސްފެކްޓްރީއެއް ހެދުމަށް ކައުންސިލުން އެޅި ފިޔަވަޅަކީ އިގްތިސާދަށް ހެޔޮ ބަދަލުތަކެއް އަންނާނެ ފިޔަވަޅެއް ކަމަށާއި މި މަސް ފެކްޓްރީގެ ސަބަބުން މުޅި ގައްދޫ އަދި ހުވަދޫ އަތޮޅުގެ ރައްޔިތުންނަށް ފައިދާ ކުރާނެކަމަށެވެ.