އޮގަސްޓު 31، 2018ގައި ވަޅިން ހަމަލާދީ މަރާލި އިބްރާހީމް އާގިލްގެ މަރުގެ މައްސަލައިގައި މިއަދަށް ތާވަލުކުރި އަޑުއެހުން ކެންސަލްކޮށްފިއެވެ.
އާގިލްގެ މަރުގެ މައްސަލައިގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފައި ވަނީ މިއަދު ހެނދުނު 9:00 އަށެވެ.
ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލު އަމާން މުހައްމަދު ނަޖީބް "ވަން" އަށް މިއަދު ވިދާޅުވީ، އާގިލްގެ މަރުގެ މައްސަލައިގެ މިއަދު އޮތް އަޑުއެހުން ކެންސަލް ކުރީ އެ މައްސަލަ ކުރިއަށްގެންދަވާ ސެކްޝަން ބީ-5 ގެ ގާޒީ، އަލީ އާދަމް ރަސްމީ ދަތުރެއްގައި ރާއްޖެއިން ބޭރުގައި ހުންނެވުމުންނެވެ. "ވަން" އަށް އެނގިފައިވާ ގޮތުގައި ގާޒީ ހުންނެވީ، މިހާރު އިންޑިއާގައި ކުރިއަށްގެންދާ ތަމްރީނެއްގައި ބައިވެރިވެވަޑައިގަތުމަށް އެގައުމުގައެވެ. އެ ތަމްރީނުތައް ކުރިއަށްދާނީ މާދަމާގެ ނިޔަލަށެވެ.
އާގިލުގެ މަރުގެ މައްސަލައިގައި މީހަކު މެރުމުގެ ދައުވާ ދައުލަތުން ކުރަނީ ލ. ފޮނަދޫ/ ހިޔާ، ހަމްދޫން ހަމްޒަތާއި ސ. ހިތަދޫ/ ސްވޭހުހީނާގޭ، އަލީ މިޖުވާދު މާލިކް އިބްރާހިމްގެ މައްޗަށެވެ. އަދި އެކަމަށް އެހީތެރިވިކަމުގެ ދައުވާ ހއ. ދިއްދޫ/ ސްނޯބޯޑް، އިބްރާހިމް ވިޝާމްގެ މައްޗަށް ކުރެއެވެ.
އާގިލްގެ މަރުގެ މައްސަލައިގައި އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައިވަނީ މިދިޔަ ޖޫން މަހުގެ ހަތް ވަނަ ދުވަހުއެވެ. އެ މައްސަލައިގައި މިހާރު ކުރިއަށްގެންދަނީ ހެކިބަސް ނެގުމުގެ މަރުހަލާއެވެ.
އެ އަޑުއެހުމުގައި އެ މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ވަނީ، މައްސަލައިގައި ދައުލަތަށް ސިއްރު ހެކި އަދިވެސް ހާޒިރު ކުރެވިފައި ނުވާކަން ފާހަގަކުރައްވައިފައެވެ. އެކަމާ ގުޅިގެން ދައުލަތުން ބުނީ ހެކިބަސް ނުނެގި މިހާރު ވަނީ ސިއްރު ތިން ހެކިންގެ ކަމަށާއި އެ މީހުންނަކީ އެ މައްސަލައިގައި ދައުވާކުރާ އެންމެންނާވެސް ގުޅޭ ހެކިން ކަމަށެވެ. އެހެންކަމުން ދައުލަތުގެ ވަކީލު އެދިފައިވަނީ، އެ ތިން ސިއްރު ހެކިން ކޯޓަށް ހާޒިރުވެ ހެކިބަސް ދިނުމުގެ ޗިޓެއް ފޮނުވައިދެއްވުމަށެވެ.
އެކަމާ ގުޅިގެން ގާޒީ ވިދާޅުވީ ޗިޓު ފޮނުވައިގެން ސިއްރު ހެކީން ކޯޓަށް ހާޒިރުކުރާ ނަމަ ސިއްރުކަން ގެއްލޭނެ ކަމަށެވެ. އެގޮތަށް ޗިޓު ފޮނުވައިގެން ސިއްރު ހެކީން ހާޒިރުކުރުމުގައި އެ މީހުންގެ ސިއްރުކަން ގެއްލުމަކީ ދައުލަތުން ޝަރީއަތަށް އަމާޒުކޮށް އެއްޗެއް ބުނެވޭނެ ކަމެއް ނޫން ކަމަށާއި ސިއްރު ހެކީން ނުފެންނަ ގޮތަށް އެ މީހުންގެ އަޑު ބަދަލުނުކޮށް ހެކި ބަސް ނެގިދާނެ ކަމަށް ވިދާޅުވިއެވެ.
އާގިލްގެ މަރުގެ މައްސަލައިގައި ތުހުމަތުވާ ހަމްދޫނާއި މިޖުވާދުގެ ވަކީލު ވަނީ އެ މައްސަލައިން ތަނާޒުލްވެފައެވެ.
ވަޅިން ހަމަލާދީ އާގިލު މަރާލާފައިވަނީ މާލެ އަތޮޅު ރަށެއްގައި އުޅުމަށްފަހު އެނބުރި މާލެ އައިސް ލޯންޗުން ފޭބި ވަގުތު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ކައިރިންނެވެ. އާގިލަށް ފަރުވާދިނުމަށް ގެންދިޔަ އޭޑީކޭ ހޮސްޕިޓަލުން އޭރު ބުނެފައިވާ ގޮތުގައި އެ ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޭނާ އޮތީ މަރުވެފައެވެ.
އާގިލް މަރާލާފައިވަނީ ސިލްސިލާކޮށް އެ ދުވަސްވަރު މާލޭގައި ހިންގި މާރާމާރީތަކަކާއި ގުޅިގެން ބަދަލުހިފުމަށް ކަމަށް މީގެ ކުރިން ފުލުހުން ބުނެފައިވެއެވެ
ޚަބަރު
ޚަބަރު
ޚަބަރު